މީގެ 10 އަހަރުކުރިން، 2015ވަނަ އަހަރު މަލޭގައި ހިނގި އެކްސިޑެންޓެއްގައި މާބަނޑު އަންހެނަކު މަރުވި މައްސަލައިގައި، ސައިކަލު ދުއްވަން އިން ސ. ހިތަދޫ، އިރާސްމެކުގެ، އަލީ އާލިމަށް 10 އަހަރަށް ލައިސަންސް ނުދީ ހިފަހައްޓާށާއި، މަރުގެ ދިޔައާމެދު ގޮތެއް ގޮތެއް ކަނޑައަޅަން ކްރިމިނަލް ކޯޓަށް ފޮނުވަން ހައިކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
މި ހާދިސާގައި މަރުވީ ހއ. ހޯރަފުށީ ގާތުގިރި، އަޒްލީލާ އަލީއެވެ. މަރުވި އިރު އޭނާގެ ބަނޑަށް ދޮޅު މަހެވެ. އޭނާ މަރުވީ، ފެބްރުއަރީ 25، 2015ވަނަ ދުވަހުގެ ހެނދުނު 07:10 ހާއިރު އައިޖީއެމްއެޗް ހޮސްޕިޓަލުގައެވެ.
މި އެކްސިޑެންޓު ހިނގާފައި ވަނީ މާފަންނު ކެނެރީ މަގުގައި ލައިސެންސް ނެތި ސައިކަލު ދުއްވި އާލިމްގެ ސަބަބުން ކަމަށް ހައިކޯޓުން ނިންމައި، ކުށް ސާބިތުވި ކަމަށް ކަނޑައެޅީ މި މަހުގެ 25ވަނަ ދުވަހެވެ.
މިއަދު އަދަބު ކަނޑައަޅަން ހައިކޯޓުގައި އޮތް އަޑުއެހުމުގައި ހުކުމްކޮށްފައިވަނީ، އަޒްލީލާގެ މަރަކީ، އާލިމް ޒިންމާ ނަގަންޖެހޭ، އިސްލާމީ ޝަރީއަތުގެ ނަޒަރުން ގަތުލް ޚަޠާއެއް ކަމަށެވެ.
އެހެންވެ އެ ކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ހުކުމް ކުރީީ ހައިކޯޓުގައި އާލިމްގެ މައްޗަށް ކުށް ސަބިތުވުމުން، ކްރިމިނަލް ކޯޓުގެ ހުކުމް ބާތިލުކުރުމަށެވެ.
އަދި އާލިމަށް އެއްވެސް ލައިސެންސެއް ކުރިއަށް އޮތް 10 އަހަރަށް ނުދީ ހިފެހެއްޓުމަށާއި އިސްލާމީ ޝަރީއަތުގައިވާ ފަދައިން، ވިދިވިދިގެން ހަނދުމަހުގެ ދެ މަސް ދުވަހު ރޯދަ ހިފުމަށާއި، މަރުގެ ދިޔައާމެދު ގޮތެއް ކަނޑައެޅޭނީ ވާރިސުންގެ ބަސް ހޯދުމަށްފަހު ކަމަށްވާތީ ވާރިސުންގެ ބަސް ހޯދައި ދިޔައާމެދު ގޮތެއް ކަނޑައަޅަން ކްރިމިނަލް ކޯޓަށް މައްސަަލަ އަލުން ފޮނުވުމަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އަލީ އާލިމްއަކީ ކުރިން ވެސް ކުށުގެ ރެކޯޑު އޮތް މީހެކެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 24ވަނަ ދުވަހު ކާރެއްގެ ތެރެއިން ފެނުނު ގިނަ އަދަދެއްގެ ބަނގުރަލާއެކު ދެ މީހަކު ހައްޔަރުކުރިއިރު އޭގެ ތެރޭގަިއ އާލިމް ހިމެނެއެވެ. އެ ކާރުގެ ތެރެއިން 106 ބަނގުރާ ފުޅި ފެނިފައިވެއެވެ. އޭރު އޭނާ ހަތް ދުވަހަށް ބަންދުކުރިއެވެ.