ޖުލައި މަހު ފަށައިގެން ސެޕްޓެންބަރުގެ ނިޔަލަށް ގެދޮރުވެރިޔާ ފްލެޓުތައް ހަވާލުކުރަނީ

އެފްޑީސީން އަޅާ ފުލެޓުތައް: އެ ފުލެޓުތައް ލިބޭ މީހުންގެ ލިސްޓު ކުރީ ސަރުކާރުން ވަނީ އިއުލާންކޮށްފައި -- ސަން ފޮޓޯ/ މާނިއު މުހައްމަދު

މިދިޔަ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ 4،000 ފްލެޓު ހަވާލު ކުރުމުގެ މަސައްކަތް އަންނަ ޖުލައިމަހުން ފަށައިގެން، ސެޕްޓެންބަރުގެ ނިޔަލަށް ނިންމާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެއެވެ.

ސަރުކާރުން ނިންމާފައިވަނީ ކުރީ ސަރުކާރުން އިއުލާންކުރި ދާއިމީ ލިސްޓަށް ބަލައިގެން އެ 4،000 ފްލެޓު ދިނުމަށެވެ. އެއީ އޭގެ ތެރެއިން ކަނޑައެޅިގެން ޝަރުތު ހަމަނުވާ މީހުން، އެ ލިސްޓުން އުނިކުރުމަށްފަހުގައެވެ.

https://sun.mv/206666

ހައުސިން މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މުއްތަލިބު ވިދާޅުވީ 4،000 ފުލެޓުގެ ތެރެއިން މިހާތަނަށް އަމަލީ މަސައްކަތް ނިމިފައިވަނީ 1،000 ފުލެޓުގައި ކަމަށާއި، އަމާޒަކީ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ހުރިހާ ފުލެޓެއްގެ މަސައްކަތް ނިންމުން ކަމަށެވެ. އަދި ޖުލައި މަހު މީހުންނާ ފުލެޓު ހަވާލުކުރަން ފަށައި، ސެޕްޓެމްބަރު މަހަށް އެ މަސައްކަތް ވެސް ނިންމޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް މުއްތަލިބު ވިދާޅުވިއެވެ.

"ފްލެޓުތައް ނިމެމުންދާ ގޮތުން އިރާދަ ކުރެއްވިއްޔާ ސެޕްޓެންބަރު އަންނަންވާއިރަށް މީހުން ވައްދައި ނިންމައިލެވޭނެ ކަމަށް ގަބޫލު ކުރެވެނީ. އިރާދަ ކުރެއްވިއްޔާ މިހާރު ނިމިފައިހުރި ފްލެޓުތައް ޖުލައި މަސް ތެރޭ އަޅުގަނޑުމެންނަށް އެ ފަރާތްތަކާ ހަވާލުކުރަން ފެށޭނެ ކަމަށް ގަބޫލުކުރަނީ," މުއްތަލިބު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެ 4،000 ފްލެޓުގެ ތެރެއިން 1،000 ފްލެޓު އަދި ނިމުނަސް، އެ ތަންތަނަށް ފެނާއި ކަރަންޓު ލެވޭނީ ޖުލައިމަހުގެ ތެރޭގައި ކަމަށެވެ.

އެހެން ނަމަވެސް އޭގެ ތެރެއިން ނިމޭ ފްލެޓުތައް ލިބިފައިވާ ފަރާތްތަކަށް އިސްކަން ދީގެން އެގްރިމެންޓު ހެދުމުގެ މަސައްކަތް ކުރިޔަށް ގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

'އަޅުގަނޑުމެންގެ އަމާޒަކީ ޖުލައިމަހުގެ ނިޔަލަށް އިތުރު 1،000 ފްލެޓު ނިންމައި، ސެޕްޓެންބަރުގެ ނިޔަލަށް 4،000 ފްލެޓުގެ މަސައްކަތް އެއްކޮށް ނިންމައި، ބޯހިޔާވަހިކަމުގެ މަސައްކަތް ނިންމުން" މުއްތަލިބު ވިދާޅުވިއެވެ.

ސަރުކާރުން ނިންމާފައިވަނީ ލިސްޓުގެ ތަރުތީބުން، ފުލެޓުތައް ނިމޭވަރަކުން ހަވާލު ކުރާށެވެ. އަދި ސެޕްޓެންބަރުގެ ނިޔަލަށް ހުރިހާ ފްލެޓެއް ނިންމުމަށް ވަނީ އަމާޒު ހިފައިފައެވެ.

comment ކޮމެންޓް