ގުޅިފަޅުގެ އާ ލޭންޑް ޔޫސް ޕްލޭނާއެކު ގޯތި ގުރު ނަގަން ފަށައިފި

ގުޅިފަޅުން ގޯތި ލިބޭ މީހުންގެ ގުރު ނަގަނީ ----

ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭން ބަދަލުކުރުމަށް ފަހުގައި، އެ ތަނުން ގޯތި ލިބޭ މީހުންގެ ގުރު މިއަދު ނަގަން ފަށައިފިއެވެ.

މި ޕްލޭނާ އެއްގޮތަށް ގޯތި ލިބޭ މީހުންގެ ގުރު އުސްފަސްގަނޑުގައި ނަގަން ފަށާފައި ވަނީ މިއަދު 14:30ގައެވެ.

ގުރުއަތު ނެގުމުގެ ކަންކަމުގައި ހަރަކާތްތެރި ވަމުން އަންނަނީ ހައުސިން މިނިސްޓްރީގެ މުވައްޒަފުންނެވެ.

ގޯތި ލިބޭ މީހުންގެ ގުރު ނަގަމުން އަންނަނީ ފޯނު ނަމްބަރާއި އައިޑީ ނަމްބަރު ބޭނުންކޮށްގެނެއެވެ.

އެގޮތުން، ގުޅިފަޅުން ގޯތި ލިބޭ މީހުންގެ ގުރު 'ހިޔާވަހި ޕޯޓަލް' މެދުވެރިކޮށް ވަގުތުން ބަލައިލެވޭނެއެވެ.

މި މަހުގެ 15 ދުވަހު އާންމުކުރި، ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް އެންމެ ފަހުން ގެނައި ބަދަލާ އެކު 90 ގޯއްޗެއް އިތުރުވެފައިވާތީ ބައެއް ފަރާތްތަކުން އަންނަނީ އެކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެގޮތުން، އެސްއެސް ޓީވީގެ 'ބާރު ހަތަރެއް' ޕްރޮގްރާމުގައި ވެސް، މި ކަންބޮޑުވުން ހިއްސާކުރެއްވި ގާނޫނީ ވަކީލު ޝަހީމް އަޙުމަދު ވިދާޅުވީ، އިތުރުވި 90 ގޯއްޗަކީ ކޮރަޕްޝަނުގެ ތެރެއިން އިތުރުވެފައިވާ އެއްޗެއް ކަމަށެވެ.

ގުޅިފަޅުން ގޯތި ހަވާލުކުރުން އަވަސްކުރުމަށް، އެ ސަރަހައްދުގެ ލޭންޑް ޔޫޒް ޕްލޭންއަށް ބޮޑު ބަދަލުތަކެއް މި ފަހުން ސަރުކާރުން ވަނީ ގެނެސްފައެވެ.

ގުޅިފަޅުގެ ބިން ހިއްކުން ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި ފެށި ނަމަވެސް، 150 ހެކްޓަރުގެ ބިން ހިއްކައި ނިމުނީ މި ސަރުކާރުގައި މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައެވެ. އޭގެ ފަހުން ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ ގުޅިފަޅުން އިތުރު 85 ހެކްޓަރުގެ ބިން ހިއްކާނެކަން މީގެ ކުރިން އިއުލާންކުރައްވައިފައެވެ.

comment ކޮމެންޓް