ހޮލީވުޑްގެ މަޝްހޫރު އޭލިސްޓް ތަރި ހިއޫ ޖެކްމަން، 27 އަހަރުގެ ކައިވެންޏަށްފަހު އޭނާގެ އަންހެނުންނާ ވަރިވާން ނިންމާފައިވާކަން އިއުލާނުކޮށްފިއެވެ.
އެކްސްމެންއާއި ގްރޭޓެސްޓް ޝޯމޭން ފަދަ ބޮޑެތި ހިޓް އުފެއްދުންތަކުން ފެނިގެން ގޮސްފައިވާ ޖެކްމަން ކައިވެނިކޮށްފައިވަނީ އޮސްޓްރޭލިއާގެ އެކްޓަރެއް ކަމަށްވާ ޑެބޯރާ ލީ ފާނެސްއާއެވެ. ދެ މީހުން 1997 ވަނަ އަހަރު ކައިވެނި ކުރި އިރު ހިއޫ ޖެކްމަންއަކީ އޮސްޓްރޭލިއާގެ ބައެއް އުފެއްދުންތަކުގެ ކުދި ރޯލުތަކުން އެކަނި ފެންނަމުން ދިޔަ ތަރިއެކެވެ. ނަމަވެސް, ޑެބޯރާއަކީ އޭރު އޮސްޓްރޭލިއާގައި ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ ތަރިއެކެވެ.
ދެމީހުން ދާދިފަހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދެމީހުން ކައިވެނިކޮށްގެން ތިބި ނަމަވެސް ވަކިވެފައިވާތާ މިހާރު ވަރަށް ދުވަސް ވެއްޖެ ކަމަށެވެ. އެގޮތުން, 2023 ވަނަ އަހަރުގެ ތެރޭގައި ދެމީހުން ވަކިވެފައިވާއިރު އެކަން ހާމަކުރަން ބޭނުން ނުވީ ކަމަށް ބަޔާނުގައި ބުނެއެވެ.
ދެމީހުން ވަކިވިއިރު މިހާރު މަސައްކަތް ކުރަނީ އެންމެ ފަހުން ވަރިވުމުގެ މަސައްކަތް ކަމަށް ބަޔާނުގައި ބުނެއެވެ. ދެމީހުން ވަކިވި ނަމަވެސް ދެމީހުންގެ މެދުގައި ގާތް ގުޅުމެއް އޮތް އިރު އާއިލާއަށްޓަކައި އެކުގައި މަސައްކަތް ކުރާނެ ކަމަށް ބުނެއެވެ.
ދެމީހުންގެ ކައިވެންޏަށް 27 އަހަރު ވެފައިވާއިރު ދެމަފިރިންގެ ދެ ދަރިން ތިބެއެވެ. އެއީ 25 އަހަރުގެ އޮސްކާ މެކްސިމިލިއަން ޖެކްމަން އާއި 19 އަހަރުގެ އޭވާ އެލިއަޓް ޖެކްމަން އެވެ. ދެމީހުންގެ ދިރިއުޅުމަކީ މީޑިއާ އާ ދުރުގައި އުޅޭ ދިރިއުޅުންތަކެކެވެ. އަދި މީގެ ކުރީން ޖެކްމަން ބުނެފައިވާގޮތުގައި ދެމީހުން ފިލްމީ ދާއިރާއަށް ވަންނަން ބޭނުން ނުވާ ކަމަށްވެސް އޭނާއަށް ވަނީ އަންގާފައެވެ.