މިހާތަނަށް އުފެދުނު އެންމެ މަގުބޫލު އަންހެން ގްރޫޕުތަކުގެ ތެރޭގައި ހިމެނޭ "ފިފްތު ހާމަނީ" ރޫޅާލުމަށް ފަހު އަލުން އެނބުރި އަންނަން އުޅޭކަމުގެ ވާހަކަތަކެއް ދެކެވެން ފަށައިފިއެވެ.
އެމެރިކާގެ މަޝްހޫރު ރިއޭލިޓީ މިއުޒިކް ޝޯ ކަމަށްވާ "އެކްސް ފެކްޓާ"އިން އުފެދުނު ފިފްތު ހާމަނީއަކީ ފަސް މެންބަރުންގެ ގްރޫޕެކެވެ. މި ގްރޫޕު އުފެދުމާ އެކު ވެފައިވަނި އެ ދުވަސްވަރުގެ އެންމެ މަގުބޫލު އެއް ގްރޫޕަށެވެ. ގްރޫޕު ރޫޅާލި ފަހުން ވެސް ގްރޫޕުގެ ވާހަކަތައް އަދިވެސް ދައްކައެވެ. އަދި، ގްރޫޕު އެނބުރި އަންނާނެ ދުވަހަކަށް އެތައް ބަޔަކު އިންތިޒާރު ކުރާ ކަމަށް ސޯޝަލް މީޑިއާގައި ކިޔައި އުޅެއެވެ.
އެކްސް ފެކްޓާއިން 2012 ވަނަ އަހަރު އުފެދުނު މި ގްރޫޕު ރޫޅާލާފައިވަނީ 2018 ވަނަ އަހަރުގައެވެ. މި ގްރޫޕު ރޫޅެން މެދުވެރިވެފައިވަނީ ގްރޫޕުގެ މެމްބަރެއް ކަމަށްވާ ކަމިލާ ކަބެޔޯ ގްރޫޕު ދޫކޮށްލި ފަހުން ގްރޫޕުގެ މަގުބޫލުކަން ކުޑަވުމާ ގުޅިގެންނެވެ. އެއަށް ފަހު ގްރޫޕުގެ މެންބަރުން ސޯލޯ ޕްރޮޖެކްޓުތަކަށް ދިޔައެވެ.
ނަމަވެސް، އެންމެފަހުން ގްރޫޕު އަނބުރާ އަންނަން އުޅޭ ކަމުގެ ވާހަކަތަކެއް ވަނީ ދެކެވެން ފަށާފައެވެ. ލީކުތަކުން ބުނާގޮތުގައި ގްރޫޕު އެނބުރި އަންނާނީ ބޮޑު ޓުއާއަކާއެކުގައެވެ. އަދި އެއާއެކު ގްރޫޕަށް ޚާއްސަ ޑޮކިއުމެންޓަރީއެއް ވެސް ނެރުމަށް ވަނީ ނިންމާފައެވެ. މި މަސައްކަތްތަކާ އެކު ދެން އަލުން ގްރޫޕެއްގެ ގޮތުގައި މަސައްކަތް ފަށާނެ ކަމަށް މައުލޫމާތު ލިބެއެވެ.
މި ގްރޫޕު އަލުން އަންނާނީ ކަމިލާ އާ ނުލައި ކަމަށް ލީކު ތަކުން ބުނެއެވެ. މިކަމާ ގުޅިގެން ގްރޫޕުގެ އެއްވެސް މެންބަރެއް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.