ޖާންވީއާއި ސިދާތުގެ 'ޕަރަމް ސުންދަރީ' ޖުލައި މަހު

ބޮލީވުޑްގެ ފިލްމީ ތަރިން ކަމަށްވާ ޖާންވީ ކަޕޫރާއި ސިދާތް މަލްހޯތްރާ ފުރަތަމަ ފަހަރަށް އެކީގައި ފެންނަ ފިލްމު "ޕަރަމް ސުންދަރީ"ގެ ޓީޒާ ބެލުންތެރިންނަށް ދައްކާލައިފިއެވެ.

މި ފިލްމަކީ ކާމިޔާބު ހިޓް ފިލްމުތަކެއް ގެނެސްދެމުން އަންނަ ޕްރޮޑިއުސަރު ދިނޭޝް ވީޖަންގެ ޕްރޮޑަކްޝަން ކުންފުނި މެޑްޑޮކް ފިލްމްސްއަށް ތުޝާރު ޖަލޯޑާ ޑައިރެކްޓްކޮށްދީފައިވާ ފިލްމެކެވެ. ޑައިރެކްޓަރު ތުޝާރު ޖަލޯޑާގެ ކާމިޔާބު ފިލްމުތަކުގެ ތެރޭ އާއްމުންގެ ބޮޑު މަގުބޫލުކަމެއް ލިބުނު ފިލްމު "ދާސްވީ" ހިމެނެއެވެ.

ފިލްމު "ޕަރަމް ސުންދަރީ"ގެ ފަސްޓް ލުކް އިއްޔެ ބެލުންތެރިންނަށް ދައްކާލާފައިވާއިރު މި ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައިވަނީ މި އަހަރުގެ ޖުލައި މަހުގެ 25ގައެވެ.

ފިލްމު "ޕަރަމް ސުންދަރީ"ގެ ޕޯސްޓަރެއް--ފޮޓޯ/ކޮއިމޮއި

މި ފިލްމަކީ އިންޑިއާގެ އުތުރު އަދި ދެކުނުގެ މުޅީން ދެ ސަގާފަތަކަށް ނިސްބަތްވާ ދެ މީހެއްގެ މެދުގައި އުފެދޭ ލޯބީގެ ވާހަކައެއް ގެނެސްދޭ ވަރަށް ހިތްގައިމު ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ.

ދާދި ފަހުން ފަރަންސޭސިވިލާތުގައި ކުރިއަށްދިޔަ ކާންސް ފިލްމު ފެސްޓިވަލުގައި އަލަށް ބައިވެރިވި ބަތަލާ ޖާންވީގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭ އެކްޓަރު ވަރުން ދަވަންއާ އެކު ކުޅޭ "ސަނީ ސަންސްކާރީ ކީ ތުލްސީ ކުމާރީ" އަދި ތެލުގޫ ފިލްމު "ޕެއްޑީ" ހިމެނެއެވެ. ޖާންވީ ވަނީ މިދިޔަ އަހަރު ރިލީޒްކުރި ދެ ފިލްމެއްގެ ލީޑް ބަތަލާގެ ރޯލްއިން ފެނިފައެވެ.

މިދިޔަ އަހަރު ކެރިއަރުގެ ފުރަތަމަ ވެބް ސީރީސް "އިންޑިއަން ޕޮލިސް އޮފިސަ"އިން ފެނުނު ސިދާތް މަލްހޯތުރާ އެންމެފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ ވަރުގަދަ އެކްޝަން ތުރިލާއެއް ކަމަށްވާ "ޔޮދާ"އިންނެވެ.

comment ކޮމެންޓް