މިސް ގްރޭންޑްގެ ތާޖު ރޭޗަލް އަތުން އަތުލައިފި

"މިސް ގްރޭންޑް އިންޓަނޭޝަނަލް"ގެ ތާޖު ކާމިޔާބުކުރި އިންޑިއާގެ މޮޑެލް ރޭޗަލް ގުޕްތާ--ފޮޓޯ/އެމްއެސްއެން

ތައިލޭންޑުގައި ބާއްވަމުން އަންނަ "މިސް ގްރޭންޑް އިންޓަނޭޝަނަލް"ގެ ތާޖު މިދިޔަ އަހަރު ކާމިޔާބުކޮށްފައިވާ އިންޑިއާގެ މޮޑެލް ރޭޗަލް ގުޕްތާ އަތުން އެ ޓައިޓްލް އަދި ތާޖު އަނބުރާ އަތުލާފައިވާ ކަމަށް އެ އޮގަނައިޒޭޝަނުން ބުނެފިއެވެ.

"މިސް ގްރޭންޑް އިންޓަނޭޝަނަލް" (އެމްޖީއައި)އިން އެކަން އިއުލާނުކޮށްފައިވަނީ 21 އަހަރުގެ މޮޑެލް ރޭޗަލް އަމިއްލައަށް އެ ޓައިޓްލް ދޫކޮށްލާފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އެކަން އިއުލާނުކުރުމާ ގުޅިގެންނެވެ.

އެމްޖީއައިއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރޭޗަލް އަތުން އެ ޓައިޓަލް އަތުލުމަށް ފަހު ޓާމިނޭޓްކޮށްފައިވަނީ މިސް ގްރޭންޑް އިންޓަނޭޝަނަލް 2024ގެ ތާޖާ އެކު ހަވާލު ކުރެވުނު ޒިންމާތައް އަދާކުރުމުގައި ފެއިލްވެފައިވާތީއެވެ. މީގެ އިތުރުން، އެމްޖީއައިގެ ބޭރުން އަންނަ ޕްރޮޖެކްޓްތަކެއްގައި އެ އޮގަނައިޒޭޝަންގެ ހުއްދަނެތި ރޭޗަލް މަސައްކަތް ކުރަމުން އަންނަކަން ފާހަގަކުރެވިފައިވާ ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

"މިސް ގްރޭންޑް އިންޓަނޭޝަނަލް"ގެ ތާޖު އިންޑިއާގެ މޮޑެލް ރޭޗަލް ގުޕްތާއާ ހަވާލުކުރަނީ--ފޮޓޯ/ފޭސްބުކް

ހަމައެއާއެކު އެމްޖީއައިއިން ދާދިފަހުން ސެންޓްރަލް އެމެރިކާގެ ގްވާޓަމާލާއަށް ދިއުމަށް އިންތިޒާމުކުރި ރަސްމީ ދަތުރެއްގައި ބައިވެރިވުމަށް އުޒުރުވެރިވެފައިވާ ކަމަށް ވެސް އެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

ރޭޗަލް މިސް ގްރޭންޑް އިންޓަނޭޝަނަލްއިން ވަކިކޮށް އެ ޓައިޓްލް އަނބުރާ އަތުލުމާ ގުޅިގެން 30 ދުވަހުގެ ތެރޭ މިސް ގްރޭންޑް އިންޓަނޭޝަނަލްގެ ތާޖު އެ އެމްޖީއައި އޮގަނައިޒޭޝަނާ ހަވާލުކުރުމަށް ރަސްމީކޮށް އަންގާފައިވާނެ ކަމަށް ވެސް މި ބަޔާނުގައި ވަނީ ބުނެފައެވެ.

"މިސް ގްރޭންޑް އިންޓަނޭޝަނަލް"ގެ ފަރާތުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ރޭޗަލް އަތުން ތާޖު އައި ޓައިޓްލް އަނބުރާ ހޯދަން އަންގާފާއިވާ ކަމަށް--ފޮޓޯ/ފޭސްބުކް

މި މުބާރާތުން ވަކިވިކަން އިއުލާނުކުރަމުން ރޭޗަލް ސޯޝަލް މީޑިއާގައި ބުނެފައިވަނީ، މިސް ގްރޭންޑް އިންޓަނޭޝަނަލް 2024ގެ ތާޖު ލިބުމަކީ އޭނާގެ ހަޔާތުގެ އެންމެ ހިތްގައިމު ހުވަފެން ކަމަށާއި ނަމަވެސް ތާޖު ލިބުމާ ގުޅިގެން ފާއިތުވެދިޔަ މަސްތަކުގައި އޭނާއާ މެދު ކަންތައްވަމުން އައީ ހީވެސް ނުކުރާފަދަ ގޮތަކަށް ކަމަށެވެ.

އެގޮތުން، އެ ތާޖާ އެކު އެމްޖީއައިއިން ވެފައިވާ ވަޢުދުތަކާ ޚިލާފުވެ، މަސައްކަތްކުރި މާހައުލަކީ ވަރަށް ޓޮކްސިކް އަދި އޭނާއާ މެދު ވަރަށް އިހާނެތިކޮށް އަމަލުކުރި މާހައުލެއް ކަމަށް ރޭޗަލް ވަނީ ސިފަކޮށްފައެވެ.

ރޭޗަލްއާ ބެހޭގޮތުން އެމްޖީއައިއިން ދައްކަމުން އަންނަ ވާހަކަތަކުގެ ހަގީގަތް އެނގޭނެ ދުވަހެއް އަންނާނެ ކަމަށާއި އެ ޓައިޓްލް ދޫކޮށްލުމަކީ ފަސޭހަ ނިންމުމެއް ނޫންކަމަށް ރޭޗަލްގެ ސޯޝަލް މީޑިއާ ޕޯސްޓުގައި ވަނީ ބުނެފައެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ކުރިއަށްދިޔަ މިސް ގްރޭންޑް އިންޓަނޭޝަނަލް 2024ގެ ތާޖު ރޭޗަލް ހާސިލުކުރިއިރު މިއީ މި ތާޖު އިންޑިއާއަށް ނިސްބަތްވާ މޮޑެލްއަކަށް ލިބުނު ފުރަތަމަ ފަހަރެވެ.

comment ކޮމެންޓް