ބޮލީވުޑްގެ ބަތަލާ ތާރާ ސުތާރިއާ އާއި ދާދިފަހުން ފިލްމު އިންޑަސްޓްރީއަށް ތައާރަފުވި ޒުވާން އެކްޓަރު ވީރު ޕަހަރިޔާގެ ލޯބީގެ ގުޅުމުގެ ވާހަކަތައް އިންޑިއާގެ މީޑިއާގައި ދެކެވެން ފަށައިފިއެވެ.
މި ދެ ތަރިންގެ ދެމެދު ލޯބީގެ ގުޅުމެއް އޮންނަތާ ވަރަށް ދުވަސްވެފައިވާ ކަމަށް ރިޕޯޓުތައް ބުނާއިރު އެ ވާހަކަ ބޮޑަށް ދެކެވެން ފެށީ މުމްބާއީގައި ދާއިފަހުން ބޭއްވި 25ވަނަ ލެކްމޭ ފެޝަން ވީކްގެ ޝޯސްޓޮޕާގެ ގޮތުގައި ދެ މީހުން އެކީގައި ފެނުމާ ގުޅިގެންނެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ އީޓައިމްސްގައި ބުނެފައިވާ ގޮތުގައި ތާރާ އާއި ވީރު ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ މިހާރު މަސްތަކެއް ވަނީ ވެފައެވެ. ދެ ތަރިން އެކީގައި ރެސްޓޯރެންޓްތަކަށްދާ މަންޒަރު މީޑިއާ ރިޕޯޓަރުންނަށް މީގެކުރިންވެސް ފެނިފައިވާ ކަމަށް އީޓައިމްސްގައި ވަނީ ބުނެފައެވެ.

ތާރާ އަދި ވީރް ލެކްމޭ ފެޝަން ޝޯގައި--ފޮޓޯ/މިޑްޑޭ
ފިލްމު "ސްޓޫޑެންޓް އޮފް ދަ އިއަ 2"އިން ބޮލީވުޑަށް ތައާރަފުވި ބަތަލާ ތާރާ ވަނީ އިންޑިއާގެ މަޝްހޫރު ފިލްމީ ޚާންދާން ކަޕޫރު އާއިލާއަށް ނިސްބަތްވާ އާދަރު ޖައިންއާ އެކު ހަތަރު އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅެފައެވެ.
ބައެއް ފިލްމުތަކުން ވެސް ފެނިފައިވާ އާދަރު އާއި ތާރާގެ ލޯބީގެ ގުޅުން ނިމުމަކަށް އައިކަން އިއުލާނުކޮށްފައި ވަނީ 2023ވަނަ އަހަރެވެ. ރިޕޯޓުތައް ބުނާގޮތުން އާދަރު ފަހުން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު ކައިވެނިކޮށްފައި ވަނީ ތަރާގެ ވަރަށް ގާތް އެކުވެރިއެއް ކަމަށްވާ އަލޭކާ ނަމަކަށްކިޔާ އަންހެން ކުއްޖަކާއެވެ.
މީގެކުރިން ބަތަލާ ސާރާ އަލީ ޚާންއާ އެކު ލޯބީގެ ގުޅުމެއް ބޭއްވި ވީރު ޕަހަރިޔާ އަކީ މަޝްހޫރު ސޮބޯ ފިލްމްސްގެ ވެރިޔާ އަދި ޕްރޮޑިއުސަރު ސްމިރްތީ ސަންޖޭ ޝިންޑޭގެ ކުއްޖެކެވެ.
އިންޑިއާގެ މަޝްހޫރު ވިޔަފާރިވެރިޔާ ސަންޖޭ ޕަހަރިޔާގެ ދަރިފުޅު ފިލްމު އިންޑަސްޓްރީއަށް ތައާރަފުވެފައި ވަނީ މި އަހަރުގެ ކުރީކޮޅު ރިލީޒްކުރި ފިލްމު "ސްކައިފޯސް"އިންނެވެ. އިންޑިއާގެ މަހާރަޝްތުރާގެ ކުރީގެ ޗީފް މިނިސްޓަރު ސުޝިލް ކުމާރު ޝިންޑޭއަށް ކާފަ ކިޔާ ވީރު ޕަހަރިޔާގެ ބޭބެ ޝިކަރު ޕަހަރިޔާ ލޯބީގެ ގޮތުން ގުޅިގެން އުޅެނީ ބަތަލާ ޖާންވީ ކަޕޫރާއެވެ.