އާއިލާއާއި ޚިދުމަތަށް ހުތުރު ނަމެއް ލިބޭފަދަ އަމަލެއް ނުކުރުމަށް ތަމްރީނުވި ފުލުހުންގެ ކިބައިން ނަވީން އެދިވަޑައިގެންފި

މިރޭ ތަމްރީނު ފުލުހަކާ ނަވީން ހަނދާނީ ލިޔުން ހަވާލުކުރައްވަނީ: އޭނާ ވަނީ އާއިލާއާ ޚިދުމަތަށް ހުތުރު ނަމެއް ލިބޭފަދަ އަމަލެއް ނުކުރުމަށް ތަމްރީނުވި ފުލުހުންނަށް އިލްތިމާސްކުރައްވާފައި ---- ފޮޓޯ/ ފުލުހުން

އާއިލާއާ ފުލުހުންގެ މުއައްސަސާއަށް ހުތުރު ނަމެއް ލިބޭފަދަ އަމަލެއް ނުކުރުމަށް އަލަށް ތަމްރީނުވި ފުލުހުންނަށް ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން މިރޭ އިލްތިމާސްކުރައްވައިފިއެވެ.

ފުލުހުންގެ 39 ވަނަ އަސާސީ ތަމްރީނު ކޯހުން، ފުލުހުން ދަސްވެނިވުމަށް އައްޑޫ ސިޓީގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ނަވީން ވަނީ އަލަށް ތަމްރީނުވި ފުލުހުންނަށް ނަސޭހަތްތަކެއް ދެއްވާފައެވެ.

އެގޮތުން، ފުލުހުންގެ 'ފަޚުރުވެރި' ޔުނިފޯމާއެކު، ގައުމީ ޚިދުމަތަށް ނިކުންނައިރު ފެންނަން ބޭނުންވާ ސިފަތަކެއް ހުރި ކަމަށް ނަވީން ވަނީ ވިދާޅުވެފައެވެ.

މި ތަމްރީނަކީ ފުލުހުންގެ ވަޒީފާގައި ދާއިމީވުމަށް ކުރާ ތަމްރީނެއްގެ ބަދަލުގައި، މިއީ ފުލުހުންގެ ޚިދުމަތާއި އަމިއްލަ ދިރިއުޅުމުގައި ވެސް ކުރިއަށް ދިޔުމަށް އެޅޭ އިތުރު ހަރުފަތެއްގެ ގޮތުގައި ދެކުން ވަރަށް މުހިންމު ކަމަށް ނަވީން ވިދާޅުވިއެވެ.

މިރޭގެ ޖަލްސާގައި ފުލުހުންގެ އިސްވެރިންނާއި ޑީސީޕީ ނަވީން ---- ފޮޓޯ/ ފުލުހުން

ކޮންމެ ފުލުހަކީ ވެސް މުޖުތަމައުގެ ސަލާމަތާއި މަސްހަތު ހިފަހައްޓާ ފުލުހަކަށްވުން މުހިންމުކަން ފާހަގަކުރައްވައި ނަޒާހަތްތެރި، މަސައްކަތުގައި ޒިންމާދާރު ބަޔަކަށްވެ، ދުޅަހެޔޮ ބަޔަކަށް ވުމަށް ނަވީން ވަނީ ގޮވާލާފައެވެ.

ފުލުހުންނަށް ނަވީން ކުރެއްވި އިތުރު އިލްތިމާސްތަކަކީ:

  • ކޮންމެ ފުލުހަކުވެސް ދާއިރާއިން ކުރިއަށްދާނެ ގޮތުގެ ލަނޑުދަނޑިތަކެއް ކަނޑައަޅައި، އެކަންކަން ހާސިލުކުރުމަށް އަޒުމު ކަނޑައަޅައިގެން ތައުލީމާއި ތަޖުރިބާ ހޯދަން މަސައްކަތްކުރުން
  • ފުލުހުންގެ ކުރިއެރުމަށް މުއައްސަސާއިން ކުރާ މަސައްކަތާ އެއްވަރަށް ގާބިލުކަމާއި ހިތްވަރު ދައްކުވައިދިނުން
  • ކުރިއަށްދާނެ ފުރުސަތުތައް ހޯދައި، އެދިއެދި ތިބޭ ބަޔަކަށްވުން
  • ފުލުހުންގެ ކޮންމެ މަރުކަޒެއްގައި މަސައްކަތްކުރެވޭނެ ބަޔަކަށް ވުން
  • ކަމަށް ކަމޭހިތައި، އިޚުލާސްތެރި ފުލުހަކަށް ވުމަށް ގަދައަޅައި މަސައްކަތްކުރުން
  • ރައްޔިތުންގެ އިތުބާރު ލިބިފައިވާ ތަނަކަށް ހެދުމަށް ކޮންމެ ފުލުހަކު ގަދައަޅައި މަސައްކަތްކުރުން
އަޅުގަނޑު އިލްތިމާސްކުރަނީ ދިވެހި ގައުމާއި މި މުއައްސަސާ އަދި ތިޔަކުދިންގެ އާއިލާތަކަށް ވެސް ހުތުރު ނަމެއް ލިބޭފަދަ އެއްވެސް އަމަލެއް ތިޔަ ފުލުހުންގެ ފަރާތުން ފެނިގެން ނުދިޔުން. ގައުމުގެ ފަޚުރުވެރި ދަރިޔަކަށް، ޚިދުމަތްތެރި ފުލުހަކަށްވުމަށް އަޒުމު ކަނޑައަޅާ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން

ނަވީން ވިދާޅުވީ، އެ ޚިދުމަތުގައި މަސައްކަތް ކުރުމަކީ ހަމައެކަނި ވަޒީފާއެއް ނޫން ކަމަށާއި އެއީ ދިރިއުޅުމުގެ ވައްޓަފާޅިއާއި ގައުމީ މަސައްކަތެއް ކަމަށެވެ.

ރައްޔިތުން އެދޭ ފަދަ ޚިދުމަތެއް ފުލުހުން ދިނުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ކުރައްވާ މަސައްކަތަށް ނަވީން ވަނީ ޝުކުރުއަދާކުރައްވާފައެވެ.

comment ކޮމެންޓް