ފްރާންސްގެ ގޮނޑުދޮށްތަކާއި ސްކޫލްތައް ކައިރީ ސިނގިރޭޓު މަނާކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރަނީ

ފްރާންސްގައި ކުޑަކުދިން ޒިޔާރަތްކުރާ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރުން ވަނީ މަނާކޮށްފައި. ފޮޓޯ/ރޮެއިޓާސް

ފްރާންސްގައި ކުޑަކުދިންނާއި ޒުވާނުން އާންމުކޮށް ޒިޔާރަތް ކުރާ ބައެއް ތަންތަނުގައި އަންނަ ޖުލައި މަހުން ފެށިގެން ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރަން އެ ގައުމުން ނިންމައިފިއެވެ.

ފްރާންސްގެ ހެލްތު މިނިސްޓަރު ކެތެރިން ވައުޓްރިން ވިދާޅުވީ އެ ގައުމުގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރާ ތަންތަނުގެ ތެރޭގައި ގޮނޑުދޮށްތަކާއި، ޕާކްތަކާއި، ބަގީޗާތަކާއި، ސްކޫލްތަކާއި، ބަސް ސްޓޮޕްތަކާއި، ކުޅިވަރު ކުޅޭ ތަންތަން ހިމެނޭ ކަމަށެވެ.

"ކުޑަކުދިން ތިބޭ ތަންތަނުގައި ދުންފަތް ބޭނުންކުރުން ހުއްޓުވަން ޖެހޭ،" އޭނާ ވިދާޅުވިއެވެ.

އަންނަ ޖުލައި މަހު އަމަލުކުރަން ފަށާ އެ ގަވާއިދާ ޚިލާފުވާނަމަ، 135 ޔޫރޯ ނުވަތަ 153 ޑޮލަރު (2،349 ރުފިޔާ)އިން ޖޫރިމަނާ ކުރާނެއެވެ.

ފްރާންސްގެ މޮނިޓަރިން ސެންޓާ ފޯ ޑްރަގްސް އެންޑް ޑްރަގް އެޑިކްޝަން އިން ބުނާ ގޮތުގައި ފްރާންސްގެ އާބާދީގެ 23.1 ޕަސެންޓް މީހުން ދުވާލެއްގެ މައްޗަށް ދުންފަތުގެ އިސްތިއުމާލު ކުރެއެވެ.

ފްރާންސްގެ ނޭޝަނަލް ކޮމިޓީ އެގޭންސް ސްމޯކިން އިން ބުނާ ގޮތުގައި ދުންފަތުގެ އިސްތިއުމާލުކުރުމާ ގުޅުން ހުރި ބަލިތަކުގެ ސަބަބުން ކޮންމެ އަހަރަކު 75،000 އަށް ވުރެ ގިނަ މީހުން މަރުވެއެވެ.

ދެހާސްއަށް ވަނަ އަހަރު ފްރާންސުން ވަނީ ރެސްޓޯރެންޓްތަކާއި ނައިޓް ކްލަބް ފަދަ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާކޮށްފައެވެ.

ފްރާންސުން ސިނގިރޭޓާ ދެކޮޅަށް ފިޔަވަޅު އަޅަމުން އަންނައިރު، ސިނގިރޭޓާއި ރޯލިން ޓޮބޭކޯގެ ވިޔަފާރި 2023 އާއި 2024ގައި ވަނީ 13 ޕަސެންޓް ދަށްވެފައެވެ. ނަމަވެސް ވޭޕް ބޭނުންކުރާ ޒުވާނުންގެ އަދަދު އިތުރުވުމާ ގުޅިގެން އެ ގައުމުގައި ކަންބޮޑުވުން ވަނީ އިތުރުވެފައެވެ.

އެ މައްސަލައާ ގުޅިގެން ފްރާންސުގެ ސަރުކާރުން ވަނީ ވޭޕް ފްލޭވާތައް މަދުކުރުމަށް ފިޔަވަޅުތައް އަޅަން ނިންމައިފައެވެ. ނަމަވެސް އެ ފިޔަވަޅުތައް އެޅުމުގެ ކުރިން ސައިންޓިފިކް އަދި ފަންނީ ލަފާ ބޭނުންވާތީ، އެ ފިޔަވަޅުތައް ތަންފީޒު ކުރަން ފަށާނީ އަންނަ އަހަރުގެ މެދުތެރޭގައި ކަމަށް އެ ގައުމުގެ ހެލްތު މިނިސްޓްރީން ބުނެފައިވެއެވެ.

comment ކޮމެންޓް