ބާބާ ގާޑިޔާއަށް ރޭ ހަތަރު ލައްކަ ރުފިޔާ، ވިހިހާސް ހަދިޔާކުރީ ފަލަސްތީނަށް

ބާބާ ގާޑިޔާ އެކްސްޕޯގައި: އެންމެ ގިނަ މީހުން ޒިޔާރަތްކުރި އެއް ސްޓޯލްއަކީ މިއީ -- ފޮޓޯ/ ބާބާ ގާޑިޔާ

ފުވައްމުލަކުގެ މަޝްހޫރު ބާބާ ގާޑިޔާއަށް މޯލްޑިވްސް އެކްސްޕޯގައި ރޭ އާމްދަނީގެ ގޮތުގައި ލިބުނު ފައިސާގެ ތެރެއިން، 20،000 ރުފިޔާ ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކޮށްފިއެވެ.

ބާބާ ގާޑިޔާއަކީ ތަފާތު ގޮތަކަށް ހިންގާ ގާޑިޔާއެކެވެ. މިއީ ފުޑް ޓްރަކެއްގައި ހިންގާ ގާޑިޔާއެކެވެ. މި ގާޑިޔާ އެންމެ ފުރަތަމަ ފުވައްމުލަކުގައި ހިންގަން ފެށިއިރު، ގާޑިޔަލަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނެވެ. އަދި, ފުވައްމުލަކަށް ޒިޔާރާތް ކުރާ އެންމެން ވެސް ބާބާ ގާޑިޔާއަށް ޒިޔާރާތްކުރަން ފެށިއެވެ.

މި ގާޑިޔާގެ މަޝްހޫރުކަން އިތުރުވެ, އެންމެ ފަހުން ގިނަ ދިވެހިންތަކަކަށް ގާޑިޔާ ތަޖުރިބާ ކުރުމުގެ ފުރުސަތު ދިނުމަށް، މޯލްޑިވްސް އެކްސްޕޯގައި ވަނީ ގާޑިޔާ ބައިވެރިކޮށްފައެވެ. އެއާއެކު ކޮންމެ ދުވަހަކު އެތައް ބަޔަކު ގާޑިޔާގެ ކާތަކެތި ތަޖުރިބާ ކުރުމަށް ދިގު ކިއުގައި އެތައް އިރެއްވަންދެއް މަޑުކުރެއެވެ.

ބާބާގާޑިޔާއިން ވިއްކާ ތަކެތީގެ ތެރޭގައި އެންމެ މަޝްހޫރީ ޝަވަރުމާއެވެ. ހަމައެކަނި މި ޝަވަރުމާ ތަޖުރިބާ ކުރުމަށް ވެސް އެތައް ބަޔަކު އެކްސްޕޯއަށް ދިޔައެވެ.

ރެއަކީ އެކްސްޕޯގެ އެންމެ ފަހުރެއެވެ. ބާބާ ގާޑިޔަލަށް ރޭ ލިބޭނެ އާމްދަނީގެ ފަސް ޕަސަންޓު ފަލަސްތީނަށް ހަދިޔާކުރާނެކަން ބާބާ ގާޑިޔާއިން މާ ކުރިން ވެސް އޮތީ އިއުލާނުކޮށްފައެވެ.

އެހެންވެ، 20،000 ރުފިޔާ ވަނީ ހަދިޔާކޮށްފައެވެ. ފަސް އިންސައްތައިން ބަލައިފި ނަމަ އެ އަދަދަކީ 400،000 ރުފިޔާގެ ފަސް އިންސައްތައެވެ.

އެހެންކަމުން ރޭ 10:30ގައި މިކަން ބާބާ ގާޑިޔާގެ ފޭސްބުކް ޕޭޖުން ލައިވްކޮށް ވަނީ ކުރިއަށް ގެންގޮސްފައެވެ.

އެ ލައިވްފައި ވާހަކަދައްކަމުން ހަސަން އަތީގް (ބާބާ) ބުނީ، މިއީ އޭނާގެ އެކަނި މަސައްކަތް ނޫން ކަމަށާއި މިއީ އޭނާއާ އެކު ހަރަކާތްތެރިވި މުޅި ޓީމްގެ ބުރަ މަސައްކަތް ކަމަށެވެ.

"އަޅުގަނޑުމެން ނުނިދާ، ނިދި ހަމަނުކޮށް މި އުޅުނީ ހަމަ ތި ލޮބުވެތި ރައްޔިތުންނަށްޓަކައި،" އޭނާ ބުންޏެވެ.

ބާބާ ގާޑިޔާއިން ވަނީ އެކްސްޕޯގެ ތެރެއިން 11،000 އަށްވުރެ ގިނަ ޝަވަރްމާ ވިއްކިކަން ވެސް ހާމަކޮށްފައެވެ. އެ ސްޓޯލްއަށް ޒިޔާރަތްކުރަން ގިނަ ބަޔަކު ކޮންމެ ދުވަހަކު ވެސް ބޮޑު ކިޔުއެއްގައި ތިބެއެވެ.

އެކްސްޕޯގައި ބާބާ ގާޑިޔާ: އެންމެ ގިނަ ބަޔަކު ޒިޔާރަތްކުރި އެއް ސްޓޯލްއަކީ މިއީ -- ފޮޓޯ/ ބާބާ ގާޑިޔާ

ބާބާ ވަނީ، އަންނަ އަހަރުގެ އެކްސްޕޯގައި ވެސް ބާބާ ގާޑިޔާއިން ބައިވެރިވާނެކަން ހާމަކޮށްފައެވެ.

އެ ގޮތުން، އަންނަ އަހަރު މިހާރުގެ ގާޑިޔާއަށްވުރެ މާ ބޮޑު، މާ ތަނަވަސް ގާޑިއާއެއް އެކްސްޕޯއަށް ތައްޔާރުކުރާނެ ކަމަށް އޭނާ ބުންޏެވެ. އަމާޒަކީ އަންނަ އަހަރުގެ އެކްސްޕޯއަށް ތައްޔާރުވެ، މާ ރަނގަޅު ކެޕޭސިޓީއެއްގައި ބައިވެރިވުން ކަމަށް އޭނާ ބުންޏެވެ.

މި ފައިސާ ފަލަސްތީނަށް ހަދިޔާކުރުމަށް ހަވާލުކޮށްފައިވަނީ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ)އާއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް