އެކަށީގެންވާ ވަރަށް ފައިސާ ނުލިބުމުގެ ސަބަބުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ބިން ހިއްކުމާއި އިމާރާތްކުރުމުގެ ޕްރޮޖެކްޓުތަކުންނާއި، އެ ކުންފުނީގެ ވިޔަފާރިން ލިބުނު އާމްދަނީއާއި ފައިދާ ވެސް ދަށްވެއްޖެއެވެ.
އެމްޓީސީސީގެ އަހަރީ ރިޕޯޓުން ދައްކާ ގޮތުގައި މިދިޔަ އަހަރު އެ ކުންފުންޏަށް ޖުމްލަ އާމްދަނީގެ ގޮތުގައި 2،157 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 33 އިންސައްތަ ދަށް އަދަދެކެވެ.
އާމްދަނީ ދަށަށް ދިއުމުގެ މައިގަނޑު ސަބަބެއްގެ ގޮތުގައި އެ ކުންފުނިން ފާހަގަކޮށްފައިވަނީ ކޮންސްޓްރަކްޝަން އަދި ޑްރެޖިން މަސައްކަތުން ލިބުނު އާމްދަނީ ދަށްވުމެވެ. ރިސީވަބަލްސް ނުވަތަ އެ މަސައްކަތަށް ބޭނުންވާ ފައިސާ ލިބުން ލަސްވުމުގެ ސަބަބުން މަސައްކަތަށް ވަރަށް ބޮޑަށް އަސަރުކުރި ކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އިހަވަންދޫގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިގެން ކުރިއަށް ދަނީ --- ފޮޓޯ: އިހަވަންދޫ.ކޮމް
އެމްޓީސީސީއަށް ފާއިތުވެދިޔަ ފަސް އަހަރު ރެވެނިއު އަދި ނެޓް ޕްރޮފިޓްގެ ގޮތުގައި ލިބިފައިވަނީ:
- 2020: ރެވެނިއުގެ ގޮތުގައި 1،377 މިލިއަން ރުފިޔާ އަދި ނެޓް ޕްރޮފިޓްގެ ގޮތުގައި 191 މިލިއަން ރުފިޔާ
- 2021: ރެވެނިއުގެ ގޮތުގައި 1،967 މިލިއަން ރުފިޔާ އަދި ނެޓް ޕްރޮފިޓްގެ ގޮތުގައި 232 މިލިއަން ރުފިޔާ
- 2022: ރެވެނިއުގެ ގޮތުގައި 2،471 މިލިއަން ރުފިޔާ އަދި ނެޓް ޕްރޮފިޓްގެ ގޮތުގައި 196 މިލިއަން ރުފިޔާ
- 2023: ރެވެނިއުގެ ގޮތުގައި 3،202 މިލިއަން ރުފިޔާ އަދި ނެޓް ޕްރޮފިޓްގެ ގޮތުގައި 97 މިލިއަން ރުފިޔާ
- 2024: ރެވެނިއުގެ ގޮތުގައި 2،157 މިލިއަން ރުފިޔާ އަދި ނެޓް ޕްރޮފިޓްގެ ގޮތުގައި 45 މިލިއަން ރުފިޔާ
އެމްޓީސީސީއަށް އާމްދަނީ ހޯދާ މައިގަނޑު ހަތަރު ސްޓްރެޓެޖިކް ބިޒްނަސް ޔުނިޓް (އެސްބީޔޫ)އަކީ ޓްރޭޑިން، ބިން ހިއްކުމާއި އިމާރާތްކުރުން، ދަތުރުފަތުރުގެ ނިޒާމު، ރިއަލް އެސްޓޭޓް ވިޔަފާރި އަދި ގްރޭޓާ މާލެ ސަރަހައްދުގައި ހިންގާ ސެންޓްރަލް އޮޕަރޭޝަންތަކެވެ.

ހުވަދު އަތޮޅުގައި އާރުޓީއެލް ފެރީގެ ޚިދުމަތް އެމްޓީސީސީން ފެށުން ----
އޭގެ ތެރެއިން އެ ކުންފުންޏަށް އެންމެ ބޮޑު އާމްދަނީއެއް ލިބެނީ، ބިން ހިއްކުމާއި އިމާރާތްކުރުން ފަދަ ޕްރޮޖެކްޓުތަކުގެ އިތުރުން ވިޔަފާރިއާއި ދަތުރުފަތުރުގެ ނިޒާމުންނެވެ. މި ދާއިރާތަކުން މިދިޔަ އަހަރު ލިބުނު އާމްދަނީއަކީ:
- ޓްރޭޑިން ނުވަތަ ވިޔަފާރިން 267 މިލިއަން ރުފިޔާ (2023ގައި 284 މިލިއަން ރުފިޔާ ހޯދި)
- ބިން ހިއްކުމާއި އިމާރާތްކުރުމުން 1،721 މިލިއަން ރުފިޔާ (2023ގައި 2،752 މިލިއަން ރުފިޔާ ހޯދި)
- ދަތުރުފަތުރުން 149 މިލިއަން ރުފިޔާ (2023ގައި 145 މިލިއަން ރުފިޔާ ހޯދި)
- ރިއަލް އެސްޓޭޓުން އެއްވެސް އާމްދަނީއެއް ލިބިފައި ނުވާ ކަމަށް އަހަރީ ރިޕޯޓުގައިވޭ
- އެހެނިހެން ޕްރޮޖެކްޓުތަކުން 20 މިލިއަން ރުފިޔާ
އެހެނިހެން ޕްރޮޖެކްޓުތަކުގެ ތެރޭގައި ޝިޕް އެޖެންސީ، ޑޮކިން، ލޮޖިސްޓިކްސް އަދި މެއިންޓެނެންސްގެ ޚިދުމަތް ހިމެނެއެވެ.
ބިން ހިއްކުމާއި އިމާރާތްކުރުމުން ލިބުނު އާމްދަނީ ވަނީ 37 އިންސައްތަ ދަށަށް ގޮސްފައެވެ. ދަށަށް ދިއުމުގެ މައިގަނޑު ސަބަބަކީ ޕްރޮޖެކްޓްތަކަށް ފައިސާ ލިބުން ލަސްވުން ކަމަށް އަހަރީ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އެ ކޭޝްފްލޯ މައްސަލަތަކުގެ ސަބަބުން، ކަނޑުގެ އަދި އެއްގަމުގެ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް ބޭނުންވާ ޒަރޫރީ ކޮންސްޓްރަކްޝަން ސާމާނާއި، ހިލައާއި އެހެނިހެން ހެވީ ސަޕްލައި ވަގުތުން ހޯދުމުގައި ވަރަށް ބޮޑު އަސަރެއް ކުރިކަން ވަނީ ފާހަގަކޮށްފައެވެ.
މިދިޔަ އަހަރު ވިޔަފާރިން ލިބުނު އާމްދަނީ ވެސް ވަނީ ހަ އިންސައްތަ ދަށަށް ގޮސްފައެވެ. އޭގެ މައިގަނޑު ސަބަބަކީ ބާޒާރުގައި ވާދަވެރިކަން ބޮޑުވެ، ކުންފުނީގެ މާލީ ހާލަތުގެ ސަބަބުން އިންވެންޓްރީ ރީ-ސްޓޮކް ކުރުމުގައި ދަތިތަކެއް ހުރުމުންކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.