އިނގިރޭސިވިލާތުގައި ޑިސްޕޯސެބަލް ވޭޕް މިހާރު މަނާ

ޖޫން މަހުގެ 1 ވަނަ ދުވަހުން ފެށިގެން އިނގިރޭސިވިލާތުގައި ވޭޕް މަނާވާނެ. ފޮޓޯ/ގެޓީ

ކުޑަކުދިންގެ ސިއްޙަތާއި ތިމާވެށި ރައްކާތެރިކުރުމުގެ މަގްސަދުގައި އެއްފަހަރު ބޭނުންކޮށްފައި ހުންނަ ވޭޕް ނުވަތަ ޑިސްޕޯސެބަލް ވޭޕް މިއަދުން ފެށިގެން އިނގިރޭސިވިލާތުގައި މަނާކޮށްފިއެވެ.

އެއާއެކު ފްރާންސާއި ބެލްޖިއަމް ހިމެނޭހެން ޑިސްޕޯސެބަލް ވޭޕް ފުރަތަމަ މަނާކުރި ގައުމުތަކުގެ ތެރޭގައި އިނގިރޭސިވިލާތް ވެސް ހިމެނޭނެއެވެ.

"އެއްފަހަރު ބޭނުންކުރާ 'ސިންގަލް ޔޫސް' ވޭޕްތަކުން މަގުތައް ގޮނޑުކޮށް، ދަރިން ނިކޮޓިންގެ ވަބާގައި ޖައްސަމުން ގެންދާތާ މިހާރު ވެސް މާ ގިނަ ދުވަސް ވެއްޖެ," ޖޫނިއާ އެންވަޔަރަމަންޓް މިނިސްޓަރު މެރީ ކްރިގް ވިދާޅުވިއެވެ.

އާ ގާނޫނުގައި ޑިސްޕޯސެބަލް ވޭޕް ގެންގުޅުމަކީ ކުށެއްގެ ގޮތުގައި ކަނޑައެއް ނާޅައެވެ. އެ ގާނޫނާ ހިލާފުވުމުން ފުރަތަމަ ޖޫރިމަނާގެ ގޮތުގައި 200 ޕައުންޑް ނުވަތަ 270 ޑޮލަރުން ޖޫރިމަނާ ކުރެވެއެވެ. އަދި އެ ކުށް ތަކުރާރުކުރާ މީހުން ދެ އަހަރަށް ޖަލަށް ލުމުގެ ބާރު ގާނޫނުން ލިބެއެވެ.

ތިމާވެށީގެ މައްސަލަތަކާބެހޭ ޖަމާއަތެއް ކަމަށްވާ މެޓީރިއަލް ފޯކަސް އިން ޑިސެމްބަރު މަހު އާންމުކުރި ދިރާސާއިން ދައްކާ ގޮތުގައި އިނގިރޭސިވިލާތުގައި ކޮންމެ ހަފްތާއަކު 8.2 މިލިއަން ޑިސްޕޯސެބަލް ވޭޕް ނުވަތަ ކޮންމެ ސިކުންތަކު 13 ވޭޕް އުކާލައެވެ.

ރަނގަޅަށް ނައްތާނުލާ ބެޓެރީތަކުން ކުނި އުފުލާ ޓްރަކްތަކާއި ކުނި އުފައްދާ ތަންތަނުގައި އަލިފާން ރޯވުން ފަދަ ހާދިސާތައް ހިނގާފާނެ ކަމާއި، 2023 ވަނަ އަހަރުގެ މެއި މަހުގެ ފެށިގެން 2024 ވަނަ އަހަރުގެ މެއި މަހުގެ ނިޔަލަށް އެފަދަ 1200 ހާދިސާ ހިނގާފައިވާ ކަމަށް އިނގިރޭސިވިލާތުގެ ސަރުކާރުން ބުނެއެވެ.

އިލެކްޓްރޯނިކް ވޭސްޓް ޕްރޮސެސިން ކުންފުނި ސްވީޕް ކުއުސަކޮސްކީގެ ކޮމާޝަލް މެނޭޖަރު ޖަސްޓިން ގްރީންއަވޭ ވިދާޅުވި ގޮތުގައި ކޮންމެ ވޭޕަކީ ވެސް އަލިފާން ރޯވުމުގެ ނުރައްކާ ބޮޑު އެއްޗެކެވެ.

ނަމަވެސް މަނާކުރުމަކީ ހައްލެއް ނޫން ކަމަށް ބުނެ، ޔޫކޭ ވެޕިން އިންޑަސްޓްރީ އެސޯސިއޭޝަންގެ ޑިރެކްޓަރު ޖެނެރަލް ޖޯން ޑަން ނެރުނު ބަޔާނެއްގައި ބުނީ އެކަމުގެ ހައްލަކީ ކުޑަކުދިންނާއި ތިމާވެށި ހިމާޔަތްކުރުމަށް މިހާރުވެސް އަމަލުކުރަމުންދާ ގާނޫނުތައް ތަންފީޒުކުރުން ކަމަށެވެ.

އަދި ޑިސްޕޯސެބަލް ވޭޕް މަނާކުރުމުން ސިނގިރޭޓް ބޯ މީހުން އިތުރުވެ، މަނާ ބާވަތްތައް މާކެޓަށް ވަދެ ބްލެކްމާކެޓް އުފެދޭނެ ކަމަށް އޭނާ ބުންޏެވެ.

ފާއިތުވި އަހަރުތަކުގައި ވޭޕް ބޭނުންކުރުން އިނގިރޭސިވިލާތުގައި ވަނީ އިތުރުވެފައެވެ. ޕަބްލިކް ހެލްތު ޗެރިޓީއެއް ކަމަށްވާ އެކްޝަން އޮން ސްމޯކިން އެންޑް ހެލްތުން މިދިޔަ އަހަރު ކުރި ސާވޭއަކުން ދައްކާ ގޮތުގައި އިނގިރޭސިވިލާތުގައި ގާތްގަނޑަކަށް 5.6 މިލިއަން މީހުން ވޭޕް ކުރާ ކަމަށް ލަފާކުރެވެއެވެ.

ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލަން މަސައްކަތްކުރާ ޒުވާނުންގެ މެދުގައި ޑިސްޕޯސެބަލް ވޭޕްގެ މަގުބޫލުކަން އިތުރުވެފައި އޮތްއިރު، އޭގެ ރީތި ޑިޒައިން އާއި ކުލަތަކާއި އަދި ފޮނި ރަހަތައް ފުރާވަރުގެ ކުދިންނަށްވެސް ކަމުދެއެވެ.

އޮކްޓޯބަރު މަހު ޝާއިއުކުރި ނޭޝަނަލް ހެތު ސާވިސްގެ ސާވޭއަކުން ދައްކާ ގޮތުގައި އިނގިރޭސިވިލާތުގެ ކޮންމެ 10 ސެކަންޑަރީ ސްކޫލް ދަރިވަރަކުން ގާތްގަނޑަކަށް އެއް ދަރިވަރަކު ވޭޕް ކުރާއިރު، 11 އަހަރާއި 15 އަހަރާ ދެމެދުގެ ކުދިންގެ ތިންބައިކުޅަ އެއްބައި ކުދިން ވަނީ ވޭޕް ކުރަން މަސައްކަތްކޮށްފައެވެ.

ޑިސްޕޮސަބްލް ވޭޕް މަނާކުރަން އިނގިރޭސި ވިލާތުގައި ގާނޫނެއް ހަދަން ފުރަތަމަ ހުށަހެޅީ ކުރީގެ ކޮންޒަވޭޓިވް ސަރުކާރުންނެވެ. އެ ބިލަށް ބައެއް ބަދަލުތައް ގެނެސް ބިލް ފާސްކުރީ މިހާރުގެ ސަރުކާރުންނެވެ.

comment ކޮމެންޓް