ނިކޮލާ މިފަހަރު ފަލަސްތީނަށް ހަތަރު ލައްކަ ޑޮލަރު

ނެޓްފްލިކްސްގެ އެންމެ ބޮޑެތި ޝޯތަކުގެ ތެރޭގައި ހިމެނޭ "ބްރިޖަޓަން"ގެ ލީޑް އެކްޓްރެސް ނިކޮލާ ކޯކްލިން، ފަލަސްތީނުގެ ރައްޔިތުންނަށް ސިއްހީ ވަސީލަތްތައް ފޯރުކޮށްދިނުމަށްޓަކައި ހަތަރު ލައްކައަށްވުރެ ގިނަ ޑޮލަރު ފަންޑްރެއިޒްކޮށްފިއެވެ.

ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ އެންމެންނަށް އެހީތެރިވުމުގެ ގޮތުން ޕަލަސްޓިން ޗިލްޑްރެންސް ރިލީފް ފަންޑް (ޕީސީއާރުއެފް)އަށް ފައިސާ ހޯދުމަށްޓަކަށް މިދިޔަ އަހަރު ނިކޮލާ ވަނީ ދެ މިލިއަން ޑޮލަރު ފަންޑްރެއިޒް ކޮށްފައެވެ.

މިފަހަރު ސިއްހީ ފަރުވާ ހޯދުމަށް ބޭނުންވާ ވަސީލަތްތަކަށް ފަންޑު ހުޅުވާލީ މީގެ ދުވަހެއް ކުރީންނެވެ. ފަންޑު ހުޅުވާލީ އޭނާގެ އަމިއްލަ އަތުން 10،000 ޑޮލަރު ލުމަށްފަހުގައެވެ. މިހާރު ފަންޑަށް ޖަމާވި ފައިސާގެ އަދަދު ވަނީ ހަތަރު ލައްކަ ފަހަނައަޅައިގޮސްފައެވެ.

އޭނާ ބުނިގޮތުގައި އަމާޒު ހިފާފައި ހުރީ އެންމެ މަދުވެގެން ވެސް މިލިއަން ޑޮލަރު ވަރު ހޯދުމަށެވެ.

ބްރިޖަޓަންގެ އާ ސީޒަން އާއެކު މިދިޔަ އަހަރު އޭނާގެ މަގުބޫލުކަން ވަނީ އިތުރުވެފައެވެ. އެ މަގުބޫލުކަމާއެކު ފަލަސްތީނުގެ ހައްގުގައި ވާހަކަދެއްކުން އޭނާ ވަނީ އިތުރުކޮށްފައެވެ.

ބްރިޖަޓަންގެ އާ ސީޒަންގެ ލީޑާއެކު ނިކޮލާއަށް އެކި އިންޓަވިއުތަކުން ވަނީ ޖާގަ ލިބިފައެވެ. މި ހުރިހާ އިވެންޓެއްގައި ވެސް އޭނާ އެންމެ އަޑު ގަދަކޮށް ދައްކާފައިވަނީ ފަލަސްތީނުގެ ރައްޔިތުންނަށް ކުރާ އަނިޔާތަކުގެ ވާހަކައެވެ.

ނިކޮލާ ބުނާގޮތުގައި ޕްރޮޖެކްޓުތަކުން ފުރުސަތު ގެއްލުނު ނަމަވެސް ފަލަސްތީނުގެ ހައްގުގައި ވާހަކަ ދެއްކުން ހުއްޓައެއް ނުލާނެއެވެ.

ފިލްމު އިންޑަސްޓްރީގައި މަސައްކަތް ކުރާ ބައެއް މީހުން މިހާރު އޭނާ ގާތުގައި ވަނީ ފަލަސްތީނުގެ ވާހަކަތައް މަދުކުރަން ވެސް އަންގާފައި ކަމަށް އޭނާ ބުނެއެވެ. ނަމަވެސް އޭނާ އެކަމެއް ހުއްޓައި ނުލަނެ ކަމަށް ނިކޮލާ ވަނީ ބުނެފައެވެ.

ނިކޮލާ ބުނެފައިވަނީ ޕްރޮޖެކްޓުތައް ގެއްލުމާ މެދު ބިރު ނުގަންނަ ކަމަށެވެ. ނަމަވެސް ކަމެއް ކުރެވޭ ވަރުގެ ބާރު އޮވެ އެއްވެސް ކަމެއް ނުކޮށް ހުރުމަކީ މާ ބިރުގަންނަ ކަމެއް ކަމުގައި ނިކޮލާ ބުންޏެވެ.

comment ކޮމެންޓް