ކަރަންޓު ކެނޑުނު މައްސަލައިގައި ފުލުހުންގެ ޚާއްސަ ތަހުގީގެއް ފަށައިފި

ސްޓެލްކޯއިން ހުޅުމާލޭގައި ހުޅުވި ބެކަޕް އިންޖީނުގެ --- ސަން ފޮޓޯ: ސާތިއު

މުޅި މާލެއާއި ހުޅުމާލެއިން މިއަދު ކަރަންޓު ކެނޑުނު މައްސަލައިގައި ދިވެހި ފުލުހުންގެ ޚިދުމަތުން ޚާއްސަ ތަހުގީގެއް ފަށައިފިއެވެ.

މުޅި މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑުނީ 12:35 އެހާކަންހާއިރެވެ.

ކަރަންޓު ކެނޑުނު ސީދާ ސަބަބެއް ސްޓެލްކޯއިން މިހާތަނަށް ހާމަނުކުރި ނަމަވެސް ވީހާ ވެސް އަވަހަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭން މަސައްކަތްކުރަމުން އަންނަ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

މި މައްސަލައާ ގުޅިގެން ޚާއްސަ ތަހުގީގެއް ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އަންގަވައިފައެވެ.

ފުލުހުން މިއަދު ބުނީ، މާލޭ ސަރަހައްދުން ކަރަންޓް ކެނޑިފައިވާ މައްސަލައާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން އެކަން ހިނގި ގޮތް ބަލަން ޚާއްސަ ތަހުގީގެއް ފަށާފައިވާ ކަމަށެވެ.

ކަރަންޓު ކެނޑުނު ތަންތަނުގެ ތެރެއިން އެންމެ އިސްކަމެއް ދީގެން އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލަށް މިހާރު ކަރަންޓު ދީފައިވާ ކަމަށް ސަރުކާރުން ބުނެއެވެ.

'ސަން'އަށް އެނގިފައިވާ ގޮތުގައި މާލޭ ސަރަހައްދުން ކަރަންޓު ކެނޑުނީ ހުޅުމާލޭ އިންޖީނު ގެއަށް ދިމާވި މައްސަލައެއްގެ މާލޭ އިންޖީނުތަކަށް ބާރުބޮޑުވެގެންނެވެ. މި ކަމާ ގުޅިގެން ސްޓެލްކޯއިން ރަސްމީކޮށް ބަހެއް ނުބުނި ނަމަވެސް ވީހާ ވެސް އަވަހަށް މައްސަލަ ހައްލުކުރަން މަސައްކަތްކުރާ ކަމަށް ވަނީ ބުނެފައެވެ.

މާލޭ ސަރަހައްދަށް އަލުން ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެވޭނެ އިރެއް ނޭނގެއެވެ.

comment ކޮމެންޓް