ހުޅުމާލޭގައި އިމާރާތްކުރާ ކޭޕާކް ރެޒިޑެންސް ފުލެޓުތައް އޮޅުވާލައިގެން ވިއްކައި، ގިނަ ބަޔެއްގެ އަތުން ބޮޑު އަދަދުތަކުން ފައިސާ ހޯދައިފައިވާ މައްސަލައަށް ދާއިމީ ހައްލެއް ނުލިބި ދިގު މުއްދަތެއް ވުމުން، ފުލެޓުތަކަށް ފައިސާ ދެއްކި މީހުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ކޭ ޕާކް ރެޒިޑެންސް ރަސްމީކޮށް އިފުތިތާހުކުރީ 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. އެފަހުން އެ ފުލެޓުތައް ނިންމަން ތަފާތު ތާރީޚުތައް ދިން ނަމަވެސް އެ ތަނުގައި ދިރިއުޅެން ފެށޭ ވަރު ނުވެއެވެ.
އެ އިމާރާތުގެ މަސައްކަތް ކުރި ހަންބޯ ކުންފުނިން 2023 ވަނަ އަހަރު ވަނީ، ކޭ ޕާކްގެ އެޕާޓްމަންޓުތައް އެ ކުންފުންޏަށް ނޭނގި، ގިނަ އަދަދެއްގެ ބަޔަކަށް މަކަރާއި ހީލަތް ހަދައިގެން އޮޅުވާލުމުގެ ތެރެއިން ވިއްކާފައިވާ ކަމަށެވެ. އެ ތުހުމަތުތައް ރައްދުވީ އެ ކުންފުނީގެ މައިނޯރިޓީ ދިވެހި ހިއްސާދާރު އިބްރާހިމް މަމްދޫހް (މަންޑޭ)އަށެވެ.
އެ ފުލެޓުތައް އޮޅުވާލައިގެން ވިއްކިތާ އެތައް އަހަރެއްވެ، 'ސްކޭމް'ގެ ސަބަބުން ގެއްލުން ލިބުނު މީހުންނަށް އިންސާފު ލިބިފައިނުވާއިރު، ކޭ ޕާކް ފުލެޓްތަކަށް ފައިސާ ދެއްކި ގިނަ ބަޔަކު އިއްޔެ ވަނީ ބައްދަލުވުމެއް ބާއްވައިފައެވެ.
އެ ބައްދަލުވުމުގައި ބައިވެރިވި މީހަކު "ސަން"އަށް ކިޔައިދިން ގޮތުގައި އެންމެންގެ ވެސް ކަންބޮޑުވުމަކީ އެއްވެސް ސަރުކާރެއްގައި މައްސަލައަށް އެދެވޭ ހައްލެއް ނުލިބި މައްސަލަ ދިގުލައިގެން ދިޔުމެވެ.
އެ މީހާ ވަނީ މި ސަރުކާރުން ވެސް ޖާހު ފުލެޓުތަކުގެ މައްސަލަ ބެލި ނަމަވެސް، ކޭޕާކު މައްސަލަ ނުބަލައި ގިނަ ދުވަސްވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ކޭޕާކް އެޕާޓްމަންޓެއްގެ ސިޓިންރޫމް: އެމައްސަލައަށް ދާއީމީ ހައްލެއް ނުލިބި ފައިސާ ދެއްކި މީހުން ވަނީ ގޮތް ހުސްވެފައި ----- ސަން ފޮޓޯ/ މުޙައްމަދު ހައްޔާން
ޖާހު ފްލެޓްތަކަކީ، ޖާހު ކުންފުނިން ހުޅުމާލޭގައި 'ދަ ގާޑްންސް'ގެ ނަމުގައި 2017ގައި އަޅަން ފެށި ފުލެޓުތަކެކެވެ. ނަމަވެސް އެ މަސައްކަތް އަދިވެސް ނިންމައިފައިނުވާތީ، އެ ފްލެޓުތަކަށް ފައިސާ ދެއްކި މީހުންނަށް ފްލެޓު ހަވާލުނުކޮށް ގިނަ ދުވަސްވުމާއެކު އެ މީހުންނަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެސް ވެފައެވެ.
އެ މައްސަލައިގައި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ވަނީ ޖާހާއެކު ހަދައިފައިވާ އެއްބަސްވުން މިދިޔަ މާރިޗް މަހު ބާތިލުކޮށް، ފުލެޓު ހަވާލުކުރަން އަންގައިފައެވެ. އަދި އެޕާޓްމަންޓް ގަތުމަށް ފައިސާ ދައްކާފައިވާ މީހުންނަށް ވީ އެންމެ އަވަސް މުއްދަތެއްގައި، އެޕާޓްމަންޓްތައް ހަވާލުކުރެވޭނެ މަގުފަހިކުރުމަށް މަސައްކަތް ކުރާ ކަމަށް އެޗްޑީސީން ބުނެފައިވެއެވެ.
ކޭޕާކް ފުލެޓުތަކުގެ މައްސަލައިގައި އެފަދަ ޔަގީންކަމެއް މިހާތަނަށް ސަރުކާރުން ދީފައިނުވެއެވެ.
އެހެންނަމަވެސް، ކޭޕާކުގެ މައްސަލަ ހަންބޯ ކުންފުންޏާއެކު އެޗްޑީސީން ވަނީ ފުލުހަށް ހުށަހަޅައިފައެވެ. އަދި, ކޭޕާކު އެޕާޓްމެންޓްތައް ހަންބޯ ކުންފުނީގެ ނަމުގައި ހަދާފައިވާ ފޯޖު ލިޔެކިޔުންތަކެއް ބޭނުންކޮށްގެން، މަކަރާއި ހީލަތުން އެކި ފަރާތްތަކަށް ވިއްކައި ލިބުނު ފައިސާއަށް ޚިޔާނަތްތެރިވި ކަމަށް ތުހުމަތުކުރާ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
އެ މައްސަލައިގައި ހައްޔަރުކުރި މަމްދޫހުގެ ޕެންޓުހައުސްގައި ހުރި ތަކެތީގެ ވަރަށް ތަފުސީލީ މައުލޫމާތު ކުރީގެ ޕީޖީ ހުސައިން ޝަމީމް ވަނީ ނޫސްވެރިންނަށް ދެއްވާފައެވެ.
ތަހުގީގުގެ ތެރެއިން އެ ޕެންޓްހައުސްގެ އަގު އޭރު ބެލި އިރު އަގު ހުރީ 7.8 މިލިއަން ރުފިޔާގައި ކަމަށާއި އެ ތަނުގައި ހުރި މުދާ ބަލައި ފާސްކުރިއިރު ގާތްގަނޑަކަށް ހަތް މިލިއަން ރުފިޔާގެ މުދާ ފެނުނު ކަމަށް ޝަމީމް އޭރު ވިދާޅުވިއެވެ.
އެ މައްސަލައާ ގުޅިގެން މަމްދޫހާއި އޭނާއާއެކު މަސައްކަތް ކުރި ކަމަށް ތުހުމަތުވާ ޖައިޝާން ސައީދުގެ މައްޗަށް ކޮށްފައިވާ ދައުވާތަކުގެ ޝަރީއަތް ފަށާފައިވަނީ ވަނީ މިދިޔަ ޖުލައި މަހުގެ 30ގައެވެ.
އެ މައްސަލައިގައި ދައުލަތުން މަމްދޫހުގެ މައްޗަށް 100އަށް ވުރެ ގިނަ ދައުވާ ކުރާއިރު، ޖައިޝާންގެ މައްޗަށް 98 ދައުވާއެއް ކުރެއެވެ.

ކޭޕާކްގެ މައިނޯރިޓީ ހިއްސާދާރު ހަސަން މަމްދޫހް (މަންޑޭ): އޭނާގެ މައްޗަށް ކުރާ ދައުވާތަކުގެ ޝަރީއަތްތައް ވަނީ ފަށާފައި --
ހަންބޯ ކުންފުނިން މީގެ ކުރިން ބުނެފައިވާ ގޮތުގައި އެ ކުންފުނީގެ ބޭންކް އެކައުންޓް ހުޅުވާފައިވަނީ ސްޓޭޓް ބޭންކް އޮފް އިންޑިއާގައި ނަމަވެސް ކުންފުނީގެ އެމްޑީގެ ސޮއި ފޯޖުކޮށް، ބީއެމްއެލްގައި ހުޅުވާފައިވާ ރުފިޔާ އަދި ޑޮލަރު އެކައުންޓެއް މެދުވެރިކޮށް ބައެއް ކަސްޓަމަރުންގެ އަތުން މަމްދޫހު ފައިސާ ހޯދާފައިވެއެވެ.
އެ އެކައުންޓަށް ގިނަ އަދަދެއްގެ ރައްޔިތުން ޖަމާކުރި ފައިސާ ވެސް އެ އެކައުންޓުން މަމްދޫހު ނަގާފައިވާ ކަމަށް ހަންބޯއިން ތުހުމަތުކުރެއެވެ.
އެ ތުހުމަތުތައް ދޮގުކޮށް، މަމްދޫހު މީގެ ކުރިން ބުނެފައިވަނީ ކޭޕާކް ޕްރޮޖެކްޓް މައްސަލައިގައި ރާއްޖޭގެ ލޯކަލް އެޖެންޓުގެ ހިއްސާދާރުންގެ މެދުގައި މައްސަލަޖެހިފައިވާ ކަމަށް ބުނާ ވާހަކައަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ. އޭނާ ވަނީ މިހާރު އުފެދިފައިވާ މައްސަލައާ ގުޅިގެން ކޭޕާކް އެޕާޓްމަންޓް ގަނެފައިވާ ފަރާތްތަކަށާއި ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް އޭނާގެ އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން ދީފައެވެ.
ކޭޕާކް ފުލެޓުތަކުގެ މައްސަލައަށް މިހާރު ނުވަ އަހަރުވެފައިވާއިރު، އެ ފުލެޓުތަކަށް ބޮޑު އަދަދުތަކުން ފައިސާ ދެއްކި މީހުންނަށް ވަނީ މާލީ ގޮތުން ބޮޑެތި ގެއްލުންތަކާ ކުރިމަތިލާންޖެހިފައެވެ.
އެ މީހުން ވަނީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި މިހާރު ރައީސް ޑރ. މުޙައްމަދު މުއިއްޒާ ވެސް އެ ކަންބޮޑުވުންތައް ހިއްސާކޮށްފައެވެ. އެ މައްސަލައަށް އެކަށީގެންވާ ހައްލެއް ހޯއްދަވައި ދެއްވާނެ ކަމަށް ރައީސް ވިދާޅުވި ނަމަވެސް، ކޭޕާކް ފުލެޓު ގަތް މީހުންނަށް އިންސާފު ލިބޭނެ އަލިމަގެއް މިހާތަނަށް ފެނިފައިނުވެއެވެ.
މީގެ އިތުރުން އެ ފަރާތްތަކުން ތަފާތު އިދާރާތަކާއި ކޯޓުތައް މެދުވެރިކޮށް ވެސް ހައްލެއް ހޯދަން މަސައްކަތް ކުރި ނަމަވެސް މިހާތަނަށް ކުރިއެރުމެއް ލިބިފައިނުވެއެވެ.