އިންޑިއާގެ ފިލްމީ ތަރިންގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެކްޓަރުންގެ ލިސްޓުގައި ހިމެނޭ އަމީތާބް ބައްޗަން އަނެއްކާ ވެސް ރިއަލް އެސްޓޭޓް ދުނިޔޭގައި އަގު ބޮޑު އިންވެންސްޓްމެންޓެއް ކޮށްފިއެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ހިންދުސްތާން ޓައިމްސްގައި ބުނެފައިވާ ގޮތުން އަމީތާބް ވާނީ އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ ސިޓީއެއް ކަމަށްވާ އަޔޯދާއިން 25،000 އަކަފޫޓުގެ ބޮޑު ބިމެއް ގަނެފައެވެ. މި ބިމުގެ އަގު ޖުމްލަ 40 ކްރޯޑު ރުޕީސް (4.82 މިލިއަން ޑޮލަރަ)ށް އަރާއިރު މިއީ އަޔޯދާއިން އަމީތާބް ގަނެފައިވާ ހަތަރު ވަނަ ބިމެވެ.
އަމީތާބު މިފަހަރު ގަނެފައިވާ ބިމުގެ ޕްލޮޓަކީ މީގެކުރިން މި ސިޓީއިން ގަނެފައިވާ ތިން ޕްލޮޓާއި ދާދި ކައިރި ބިމެކެވެ. "ސަރަޔޫ" ނަމުން ނަންދެވިފައިވާ ރިއަލް އެސްޓޭޓް ޕްރޮޖެކްޓެއް އަމީތާބް އަޔޯދާގައި ފަށާފައިވާއިރު ފިލްމު ޕްރޮޑިއުސަރު އާނަންދު ޕަންޑިތު ހިންގާ ރިއަލް އެސްޓޭޓް ކުންފުންޏަކަށް ވެސް އަމީތާބް ވަނީ ދާދިފަހުން 10 ކްރޯޑު ރުޕީސްގެ އިންވެސްޓްމެންޓެއް ކޮށްފައެވެ.

އަމީތާބް ބައްޗަން ކާފަ ދަރިފުޅު އަރާދިޔާ ބައްޗަންއާ އެކު--ފޮޓޯ/އިންޑިއަންއެކްސްޕްރެސް
ފާއިތުވެދިޔަ އަހަރުތަކުގައި ރިއަލް އެސްޓޭޓް ވިޔަފާރިއަށް ހާއްސަ ޝައުގުވެރިކަމެއް ހުންނަކަން އަމީތާބް ވަނީ ފާޅުކޮށްފައެވެ. އެގޮތުން ދަރިފުޅު އަދި އެކްޓަރު އަބީޝެކް ބައްޗަންއާ ގުޅިގެން އަމީތާބް ވަނީ މިދިޔަ އަހަރު 10 އެޕާޓްމަންޓެއް ގަނެފައެވެ. މި އެޕާޓްމަންޓްތަކުގެ އަގު 3.01 މިލިއަން އެމެރިކާ ޑޮލަރަށް އަރައެވެ.
އިންޑިއާގެ އެންމެ ކާމިޔާބު ފިލްމީ ތަރިންގެތެރޭ ހިމެނޭ އަމީތާބްގެ މިލްކިއްޔާތުގައި ހުރި ފައިސާގެ އަދަދު 400 މިލިއަން އެމެރިކާ ޑޮލަރަށް އަރާއިރު އަމީތާބް ވަނީ އެކްޓަރު 2021ވަނަ އަހަރު 31 ކްރޯޑު ރުޕީސްއަށް ގަނެފައިވާ ޑުޕްލެކްސް އެޕާޓްމަންޓެއް 83 ކްރޯޑު ރުޕީސްއަށް ވިއްކާލާފައެވެ.