ބޮޑު ޗުއްޓީއަކަށް ފަހު އެންމެ ޖަލްސާއެއް ބާއްވާފައި މަޖިލީސް "ޢީދު ޗުއްޓީ"އަށް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: ޗުއްޓީއިން އައިސް 1 ޖަލްސާ ބޭއްވުމަށްފަހު އަނެއްކާ ވެސް މަޖިލިސް މިދިޔައީ ޗުއްޓީއަކަށް -- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ޗުއްޓީ ނިންމައި، އެނބުރި އައުމަށް ފަހު މި އަހަރުގެ ދެވަނަ ދައުރުގެ ފުރަތަމަ ޖަލްސާ އިއްޔެ ބޭއްވުމަށް ފަހު، މިއަދު ބާއްވަން އޮތް ދެވަނަ ޖަލްސާ ނުބާއްވައި ކެންސަލްކޮށްފިއެވެ.

މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން ހަފުތާއަކު ތިން ދުވަހު މަޖިލީހުގެ ޖަލްސާތައް ބާއްވަން ޖެހެއެވެ. އާންމުކޮށް ޖަލްސާތައް ބާއްވަނީ ހޯމަ، އަންގާރަ އަދި ބުދަ ދުވަހެވެ.

ދައުރު ނިންމައި ބޮޑު ޗުއްޓީން އެނބުރި އައިސް އިއްޔެ ވަނީ މި ދައުރުގެ ފުރަތަމަ ޖަލްސާ ބާއްވައިފައެވެ. ނަމަވެސް، ވަކި ސަބަބެއް ނާންގާ މިއަދުގެ ޖަލްސާ ބާއްވާފައެއް ނުވެއެވެ. ހަމައެއާއެކު މިއަދުގެ 11:00 އަށް މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ ބައްދަލުވުމެއް އެޖެންޑާކުރިއެވެ. ނަމަވެސް، އެ ކޮމިޓީ ވެސް ވަނީ ކެންސަލްކޮށްފައެވެ.

'ސަން'އިން ސުވާލުކުރުމުން މަޖިލީހުން ބުނީ، މިއަދު ޖަލްސާ ބާއްވަން އިއުލާނުކޮށްފައިނުވާ ކަމަށެވެ. ޖަލްސާ ނުބާއްވާ ސަބަބެއް އެ އިދާރާއަކަށް ވެސް ބުނެނުދެވުނެވެ. އަދި, ދެން އެންމެ އަވަހަށް ޖަލްސާ ބާއްވާނީ ކޮން ދުވަހަކުކަން ވެސް ބުނެނުދެވުނެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: ޗުއްޓީއިން އައިސް 1 ޖަލްސާ ބޭއްވުމަށްފަހު އަނެއްކާ ވެސް މަޖިލިސް މިދިޔައީ ޗުއްޓީއަކަށް -- ފޮޓޯ/ މަޖިލިސް

'ސަން' އާ ވާހަކަދެއްކި މަޖިލީހުގެ ބައެއް މެންބަރުން ވިދާޅުވި ގޮތުގައި ޖަލްސާ ނުބާއްވަނީ އެޖެންޑާ ކުރާނެ ވަކި މަސައްކަތެއް ނެތުމުންނެވެ. އަދި, ދެން އެންމެ އަވަހަށް ވެސް ޖަލްސާއެއް ބާއްވާނެ ކަމަށް ބެލެވެނީ ކުރިއަށް އޮތް އަޟްހާ ޢީދު ނިންމައި، މި މަހުގެ 12 ވަނަ ދުވަހު ކަމަށް މެންބަރަކު ވިދާޅުވިއެވެ.

"އެ ވާނެ ގޮތަކީ ޢީދަށް މެންބަރުން ވެސް ފުރާނެތާ. އެހެންވީމާ ކޮމިޓީ ވެސް ކެންސަލްކުރީ،" އެ މެންބަރު ވިދާޅުވިއެވެ.

އެ މެންބަރުން ވިދާޅުވި ގޮތުގައި މަޖިލީހުގެ ޖަލްސާތައް ދެން ބާއްވާނީ ޢީދު ބަންދަށް ފަހެވެ. މާދަމާ ވެސް ޖަލްސާ ބާއްވަން މިހާތަނަށް ނިންމާފައިނުވާއިރު، ބުރާސްފަތި ދުވަހަކީ ޙައްޖު ދުވަހެވެ. އެހެންވެ، އެއަށް ފަހު، އަންނަ ހަފުތާގެ އަންގާރަ ދުވަހާ ޖެހެންދެން އޮންނާނީ 'ޢީދު ޗުއްޓީ'އެވެ.

މި އަހަރުގެ ފުރަތަމަ ދައުރު ނިންމައި މަޖިލީސް ޗުއްޓީއަށް ދިޔައީ މިދިޔަ މަހުގެ 15ގައެވެ.

https://sun.mv/205083

މީގެ ކުރިން އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުން ވަނީ މަޖިލީހުގެ ޖަލްސާތައް ސަބަބެއް ނާންގާ ކެންސަލްކުރާކަމުގެ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

އެކަމަކު، މަޖިލީހުގެ ރިޔާސަތުން އޭރު ވަނީ ޖަލްސާތައް ކެންސަލްކުރަނީ ތަޅުމުގައި ކުރާނެ މަސައްކަތެއް ނެތުމުން ކަމަށާއި ނަމަވެސް ކޮމިޓީތަކުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ވިދާޅުވެފައެވެ. މިދިޔަ ދައުރުގެ ޖަލްސާތަކެއް ކެންސަލްކުރި ނަމަވެސް ކޮމިޓީތަކުގެ މަސައްކަތް ކުރިއަށްދާ ކަމަށް މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲ އޭރު ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ގިނަ މެންބަރުންތަކެއް ބަހުސްކުރުމުގެ ފުރުސަތަށް އެދިއެދި ތިއްބައި ޖަލްސާ ކުރުކޮށްލައި، ނިންމާލާފައި ވެސް އެބަހުއްޓެވެ.

މަޖިލީސް މެންބަރުންގެ މުސާރައާ އެކަށިގެންވާ މަސައްކަތެއް އެ މެންބަރުން ނުކުރާ ކަމަށް ބުނެ އާންމުން އަބަދު ވެސް ކަންބޮޑުވުން ފާޅުކުރެއެވެ. އެ ގޮތުން މެންބަރުންނަށް ލިބޭ 82،500 ރުފިޔާގެ މުސާރަ މާ ބޮޑު ކަމަށް ބުނެ، އެ މުސާރަ ކުޑަކުރަން ގޮވާލައި މި ފަހުން ޕެޓިޝަނެއްގައި ވެސް ބައެއް މީހުން ސޮއިކުރިއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް