ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި ފެށި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފުލެޓު ދިނުމުގައި ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ހޯދައި ދިނުމުގެ ތުހުމަތުގައި ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނަށް ދައުވާ ކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް މިއަދު މައްސަލަ ފޮނުވައިފިއެވެ.
އޭސީސީން ބުނީ، ގެދޮރުވެރިޔާ ސްކީމުގެ ފުރަތަމަ ބުރުގެ، ފުރަތަމަ 4000 ފުލެޓް ލިބޭ މީހުންގެ ތެރޭގައި ވަކި ފަރާތްތަކެއް ހިމަނައި، ވަކި ފަރާތްތަކަކަށް ނާޖާއިޒު މަންފާއެއް ހޯދައި ދީފައިވާކަން އެ ކޮމިޝަނާއި ފުލުހުން ގުޅިގެން ހިންގި ތަހުގީގުން އެނގިފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ދައުވާ ކޮށްދިނުމަށް އެދިފައިވަނީ އަކްރަމްގެ އިތުރުން ހައުސިން މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވްގެ މަގާމުގައި އޭރު ހުރި ހއ.އިހަވަންދޫ، ނެދުންގެ، މުޙައްމަދު ޢާރިފާއި އެ މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވްގެ މަގާމުގައި އޭރު ހުރި މއ. ވިރާޙް، ލިރުއާމް ވަހީދާއި އެ މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލްގެ މަގާމުގައި ހުރި މއ.އިހާދޫ، އަޙްމަދު ވިޝާން ނަސީމްގެ މައްޗަށެވެ.
އެ މީހުންގެ މައްޗަށް ކުރަން ފޮނުވައިފައިވަނީ ރަސްމީ ހައިސިއްޔަތާއި އެ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު މަންފާ ހޯދައިދިނުމުގެ ކުށުގެ ދައުވާއެވެ.
އޭސީސީން ބުނީ, އެ ތުހުމަތުގެ އިތުރުން، އެހެން އިތުރު ކުށްތައް އެ މައްސަލައިގައި ޝާމިލުވާ ފަރާތްތަކުން ކޮށްފައިވާކަމަށް ތުހުމަތުކުރެވޭތީ، އެކުށްތައް ތަހުގީގު ކުރުމުގެ މަސައްކަތް ފުލުހުންނާ ގުޅިގެން ކުރަމުން އަންނަ ކަމަށެވެ.
ޞާލިޙްގެ ވެރިކަން ނިމެން ކުޑަ ދުވަސްކޮޅަކަށް ވެފައިވަނިކޮށް، 4،000 ފުލެޓު ލިސްޓު ނެރުނީ ނޮވެމްބަރު 4، 2023ގައެވެ. އެ ލިސްޓާ މެދު ގިނަ ބަޔަކު ޝަކުވާ ކުރުމުން، ފުލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓު އެ މަހުގެ 15ގައި ނެރުނެވެ.
އެ ސަރުކާރުގައި ފުލެޓާއި ގޯތި ދޫކުރި ކޮމިޓީގައި އެންމެ ހުންނެވި އެކަކީ އަކްރަމެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ވަނީ އެ ލިސްޓު އެކުލަވާލައިފައިވަނީ ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ލިބޭ ގޮތަށް ކަމަށް ބުނެ އެ ފުލެޓުތައް ހަވާލުކުރުން ހުއްޓުވައިފައެވެ.
އެއަށް ފަހު މި ސަރުކާރުގެ ހައުސިން މިނިސްޓްރީން ލިސްޓު ބެލުމަށްފަހު މިދިޔަ ފެބްރުވަރީ މަހު އިއުލާންކުރީ، 4،000 ފުލެޓުގެ ހައްގުވެރިންނަކީ 1820 މީހުން ކަމަށާއި ކުރީގެ ލިސްޓުން 53 ޕަސެންޓު މީހުންނަށް ދިން ޕޮއިންޓް ސައްހަ ނޫން ކަމަށެވެ.
އޭގެ ސަބަބަން، ފުލެޓް ކުރިން ލިބިފައި ތިބި މީހުންނަށް ފުލެޓެއް ލިބުމުގެ ފުރުސަތު ގެއްލުނު ކަމުގެ ކަންބޮޑުވުން ގިނަ ބަޔަކު ފާޅުކުރިއެވެ. އެ މައްސަލައިގައި ފުލެޓް ގެއްލުނު މީހުންނަށް ބަދަލު ހޯދަން ކޯޓަށް ދެވޭނެ ކަމަށް ވެސް ބުނެފައިވެއެވެ.
ފުލެޓު ލިސްޓާ ގުޅޭ ގޮތުން ސަރުކާރަށް ގިނަ ބަޔެއްގެ ނުރުހުން އަމާޒުވެފައި ވަނިކޮށް މިދިޔަ ހަފުތާގައި ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބު ވިދާޅުވީ، މި ސަރުކާރުން ފުލެޓު ދޭ ފައިނަލް ލިސްޓުގެ ގޮތުގައި ބަލާނީ 15 ނޮވެންބަރު 2023ގައި ނެރެފައިވާ ލިސްޓު ކަމަށާއި، އޭގެ އިތުރު ލިސްޓެއް ނުނެރޭނެ ކަމަށެވެ.