އައު ޓެރިފް ރޭޓަށް މިދިޔަ މަހުގެ ކަރަންޓު ބިލު ހެދުމުން ވެސް ބޮޑު ކަމަށް ފެންނަނީ މިދިޔަ އޭޕްރީލް މަހު ޑިސްކައުންޓު ދީފައިވާތީ ކަމަށް ސްޓެލްކޯއިން މިއަދު ބުނެފިއެވެ.
އާންމުކޮށް، ކޮންމެ މަހަކުހެން ކަރަންޓު ބިލު ލިބުމުން ބިލު ބޮޑުކަމަށް ބުނެ، ގިނަ ބަޔަކު ޝަކުވާ ކުރެއެވެ. އެގޮތުން، މިމަހުގެ ކަރަންޓު ބިލު ލިބުމުން އޭޕްރީލް މަހަށް ވުރެ ބޮޑުވެފައިވާ ކަމަށް ބުނެ، ބައެއް މީހުން ވަނީ ސޯޝަލްމީޑިއާގައި މިދިޔަ މަހުގެ ބިލު ހިއްސާކޮށްފައެވެ.
އެކަމާ ގުޅިގެން ސްޓެލްކޯއިން ބުނީ، އައު ޓެރިފް ރޭޓަށް މިދިޔަ މަހުގެ ބިލު ހެދުމުން ވެސް އެމަހުގެ ބިލު ބޮޑު ކަމަށް ބައެއް ކަސްޓަމަރުންނަށް ފެންނަނީ އޭޕްރީލް މަހު ޑިސްކައުންޓު ލިބިފައިވާތީ ކަމަށެވެ.
އެގޮތުން، އައު ޓެރިފް ރޭޓާ އެއްކޮށް ކަރަންޓު ބިލަށް އައިސްފައިވާ ބަދަލު ސާފުކޮށް ފެންނާނީ ވޭތުވެދިޔަ ތިން ބިލު (ރޯދަ ޑިސްކައުންޓު ހިމަނާފައިވާ ދެ ބިލާއި ކުރު މުއްދަތަކަށް ބިލުކުރި ބިލު)ގެ ކުރިން ދީފައިވާ ބިލާ އަޅައިކިޔުމުން ކަމަށް ސްޓެލްކޯއިން ބުނެއެވެ.
"ޑިސެމްބަރު 2024 ނުވަތަ ޖަނަވަރީ 2025ގެ ބިލާއި، އައު ޓެރިފް ރޭޓުން ބިލްކުރެވިފައިވާ ބިލް އަޅާ ކިޔުމުން ބިލުގެ ހަޤީޤީ ފަރަޤު ސާފުވާނެ," ސްޓެލްކޯއިން ބުންޏެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ މި މަހުން ފެށިގެން ޑޮމެސްޓިކް ކެޓެގަރީގެ ކަރަންޓް ޓެރިފް ރޭޓު ކުޑަކުރަން ކަމާ ބެހޭ އިދާރާތަކަށް އަންގަވައިފައިވާކަން މިދިޔަ ހުކުރު ދުވަހުގެ ރޭ އިއުލާންކުރައްވައިފައެވެ.
އެ އެންގެވުމާ އެއްގޮތަށް ފެނަކައިން ވެސް ވަނީ، މިދިޔަ މަހުގެ ބިލަށް ޓެރިފް ކުޑަކުރަން ނިންމާފައެވެ.