މާލެއާއި ހުޅުމާލޭގެ ސަރަހައްދުތަކަށް މިރޭ ކަރަންޓު ކެނޑުނުތާ ގަޑިއެއްހާއިރު ފަހުން، ހުރިހާ ސަރަހައްދަކަށް ކަރަންޓު ދީފައިވާ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
މިރޭ 23:45ހާއިރު މާލޭގެ މާފަންނާއި ގަލޮޅާއި ހެންވޭރުގެ ގެތައް ހިމެނޭ ގޮތަށް ބޮޑު ސަރަހައްދަކުން ވަނީ ކަރަންޓު ކެނޑިފައެވެ.
އޭގެ 10 ވަަރަކަށް މިނެޓް ފަހުން ސްޓެލްކޯއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މާލޭގެ އިތުރުން ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑުނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށެވެ.
އެ މައްސަލަ ދެނެގަނެ ހައްލުކުރަމުންދާ ކަމަށް އެ ކުންފުނިން ބުނިއިރު، ބައެއް ސަރަހައްދުތަކަށް ކަރަންޓު ދޭން ފެށިކަން އިއުލާންކުރީ 00:18ހާއިރެވެ.
އެއަށްފަހު 00:33ގައި ސްޓެލްކޯއިން ބުނީ ކަރަންޓު ކެނޑެން ދިމާވި މައްސަލަ ހައްލުކޮށް ހުޅުމާލޭގެ ހުރިހާ ސަރަހައްދަކަށް އަލުން ކަރަންޓު ދީފައިވާ ކަމަށެވެ. އަދި މާލޭގެ ހުރިހާ ސަރަހައްދަކަށް ކަރަންޓު ދީފައިވާ ކަމަށް އެ ކުންފުނިން ބުނީ 00:40 ހާއިރެވެ.
މިފަހުން މާލެ ސަރަހައްދުގައި ކަރަންޓު ކެނޑުމުގެ މައްސަލަތައް އިތުރުވެ، ގިނަ ބަޔެއްގެ ޝަކުވާތައް ސްޓެލްކޯއަށް ހުށަހަޅައިފައިވެއެވެ.
ކަރަންޓް ކޭބަލަކަށް ދިމާވި މައްސަލައެއްގައި، ބޮޑު އާބާދީއެއް އޮންނަ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން އިއްޔެ ކަރަންޓު ކެނޑިފައިވެއެވެ. އަދި މިދިޔަ ޖޫން މަހުގެ ފުރަތަމަ ދުވަހު މުޅި މާލެ ސަރަހައްދުން އެއްކޮށް ކަރަންޓު ކެނޑުނެވެ. އެކަމުގެ ސަބަބުން އާންމު ދިރިއުޅުމަށާއި އެކި ޚިދުމަތްތަކަށާއި ވިޔަފާރިތަކަށް ވަރަށް ބޮޑަށް ބުރޫ އެރިއެވެ. އެގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ވެސް ކަރަންޓު ނެތި، ހިދުމަތްތައް ހުއްޓިފައި ތިން ގަޑިއިރަށް ވުރެ ގިނައިރު އޮތެވެ.
އެ މައްސަލަ ދިމާވި ސަބަބެއް މިހާތަނަށް ސްޓެލްކޯއިން ހާމަކޮށްފައިނުވެއެވެ.