މިއަދު ވެސް ފޭސް ދެއަކުން ކަރަންޓު ކެނޑިއްޖެ

ހިޔާ ފްލެޓްތަކުގެ މަތިން: މިއަދު ވެސް ފޭސް 2 ގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑުނު --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

މިއަދު ވެސް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިއްޖެއެވެ.

ސްޓެލްކޯއިން "ސަން"އަށް މައުލޫމާތު ދެމުން ބުނީ، މިއަދު ހެނދުނު 11 ޖަހާކަންހާއިރު ކަރަންޓު ކެނޑުނީ 20 އަކަށް މިނެޓަށް ކަމަށާއި، މައްސަލަ ޖެހުނީ އެޗްޑީސީ ކައިރީގައި ހުންނަ ޓްރާންސްފޯމަރު ކަމަށެވެ.

"ދެން އޭތި އައިސޮލޭޓްކޮށްފަ ހުރިހާ ތަނަކަށް ކަރަންޓު ދީފަ މިހާރު ވީ،" އޮފިޝަލް ވިދާޅުވިއެވެ.

https://www.sun.mv/208942

އިއްޔެ ވެސް ޓްރާންސްފޯމަރަކަށް ދިމާވި މައްސަލަ އަކާ ގުޅިގެން، ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ކަރަންޓު ކެނޑިފައިވެއެވެ. އެކަމަކު ދެ ގަޑިއިރެއްހާއިރު ތެރޭ މައްސަލަ ހައްލުކޮށް، އަލުން ވަނީ ކަރަންޓު ދީފައެވެ.

އޭގެ ފަހުން ރޭ 11:45 ހާއިރު މާލެއާއި ހުޅުމާލޭގެ ބޮޑު ސަރަހައްދަކުން ވެސް ކަރަންޓު ކެނޑުނެވެ. އެގޮތުން މާލޭގެ މާފަންނާއި ގަލޮޅާއި ހެންވޭރުގެ ގެތައް ހިމެނޭ ގޮތަށް ބޮޑު ސަރަހައްދަކުން ވަނީ ކަރަންޓު ކެނޑިފައެވެ. ހުރިހާ ސަރަހައްދަކަށް އަލުން ކަރަންޓު ދެވޭ ވަރުވީ ރޭ ދަންވަރު 12:40 ހާއިރެވެ.

ފާހަގަކުރެވޭ ގޮތުގައި މިދިޔަ ޖޫން މަހުގެ ފުރަތަމަ ދުވަހު މުޅި މާލެ ސަރަހައްދުން އެއްކޮށް ކަރަންޓު ކެނޑުނެވެ. އެކަމުގެ ސަބަބުން އާންމު ދިރިއުޅުމަށާއި އެކި ޚިދުމަތްތަކަށާއި ވިޔަފާރިތަކަށް ވަރަށް ބޮޑަށް ބުރޫ އެރިއެވެ. އެގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ވެސް ކަރަންޓު ނެތި، ހިދުމަތްތައް ހުއްޓިފައި ތިން ގަޑިއިރަށް ވުރެ ގިނައިރު އޮތެވެ.

އެ މައްސަލަ ދިމާވި ސަބަބެއް މިހާތަނަށް އެ ކުންފުނިން ހާމަކޮށްފައެއް ނުވެއެވެ.

comment ކޮމެންޓް