ޓެލެވިޒަން ބަތަލާ ހީނާ ޚާން ކައިވެނިކޮށްފި

ބަތަލާ ހީނާ ޚާން ފިރިމީހާ ރޮކީއާ އެކު--ފޮޓޯ/ބޮލީވުޑްހަންގާމާ

އުރަމަތީގެ ކެންސަރަށް ފަރުވާ ހޯދަމުން އަންނަ އިންޑިއާގެ ޓެލެވިޒަން ބަތަލާ ހީނާ ޚާން ކައިވެނިކޮށްފިއެވެ.

ސްޓާ ޕްލަސްއިން ގެނެސްދިން "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ"އިން ބެލުންތެރިންގެ މެދުގައި ވަރަށް ބޮޑު މަޝްހޫރު ކަމެއް ހޯދި ބަތަލާ ކައިވެނިކޮށްފައި ވަނީ ގިނަ އަހަރުތަކެއް ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުނު ޕްރޮޑިއުސަރު ރޮކީ ޖައިސްވާލްއާއެވެ.

ހީނާ ކައިވެނިކޮށްފައިވާކަން ފޭނުންނާ ހިއްސާކުރުމަށްފަހު ސޯޝަލް މީޑިއާގައި ކައިވެނީގެ ފޮޓޯތަކެއް ވަނީ ހިއްސާކޮށްފައެވެ. ކައިވެނީގެ ފޮޓޯތަކާ އެކު އިންސްޓަގްރާމްގައި ލިޔުނު ދިގު ޕޯސްޓުގައި ބަތަލާ ބުނެފައި ވަނީ އޭނާ އާއި ރޮކީ އަކީ މުޅިން ތަފާތު ދެ ސަޤާފަތަކަށް ނިސްބަތްވާ ދެ މީހުންކަމަށްވީ ނަމަވެސް އެތަފާތުތަކާ އެކު ވެސް ދެ މީހުން ނިސްބަތްވަނީ އެއް ދުނިޔެއަކަށް ކަމަށެވެ.

ހީނާ އާއި ރޮކީ ދެ މީހުންގެ ކައިވެނީގެ ހަފްލާގައި--ފޮޓޯ/ފިލްމުފެއަ

ހީނާ އާއި ރޮކީގެ ދިރިއުޅުމުގެ މި އާ ބާބަށް ދެ މީހުންނަށް ތަރުހީބާއި ހިތްވަރުދޭ ގިނަ ބައެއްގެ ހެޔޮ ދުއާ ބޭނުންވާ ކަމަށް ބަތަލާ ވަނީ ބުނެފައެވެ.

އިންޑިއާގެ ސެލެބްރިޓީ ޑިޒައިނަރު މަނިޝް މަލްހޯތުރާ ޑިޒައިންކޮށްފައިވާ ކައިވެނީގެ ހެދުމާ އެކު ހީނާ ފެންނައިރު ހީވަނީ ލޯބީގެ ހިތްގައިމު ލަވައަކަށް ތައްޔާރުވެފައި ހުރިހެން ކަމަށް ބަތަލާއަށް ސަޕޯޓުކުރާ ފަރާތްތަކުން ވަނީ ބުނެފައެވެ.

ކައިވެނީގެ ހެދުމާއެކު ހީނާ ބޭނުންކޮށްފައިވާ ގަހަނާތަކަކީ ވެސް މަނިޝް މަލްހޯތުރާގެ ޚާއްސަ ޑިޒައިން ސެޓެކެވެ. އާއިލާގެ މެމްބަރުންނާ އެކު ގާތް ރަހްމަތްތެރިން ބައިވެރިވި މި ކައިވެނީގެ ހަފުލާގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ހިއްސާކުރުމާ އެކު ގިނަ ބަޔަކު ވަނީ ހީނާގެ ދެމަފިރިންނަށް ތަހުނިޔާގެ މެސެޖުތައް ފޮނުވާފައެވެ.

އުރަމަތީގެ ކެންސަރު ޖެހުނުކަން އިއުލާނުކުރުމަށްފަހު ހީނާ ވަނީ އެ ބައްޔަށް އާއްމުން ހޭލުންތެރިކުރުވުމުގެ ގޮތުން ހީނާގެ ތަޖުރިބާތައް ބެލުންތެރިންނާ ހިއްސާކޮށްފައެވެ.

ކެންސަރު ބަލި ޖެހުމަށްފަހު މިހާތަނަށް ރޮކީގެ ފަރާތުން ލިބެމުން އަންނަ ލޯތްބާއި އަޅާލުން އިތުރުވެފައިވާ ކަމަށާއި އެކަމަށް އަބަދުވެސް ޝުކުރުވެރިވާ ކަމަށް ހީނާ ވަނީ ބުނެފައެވެ.

comment ކޮމެންޓް