ޔުއޭފާ ނޭޝަންސް ލީގުގެ ފައިނަލުން އެންމެ ފަހުގެ ޗެމްޕިއަން ސްޕެއިން ޖާގަ ހޯދައިފިއެވެ.
ފައިނަލުން ސްޕެއިން ޖާގަ ހޯދީ ރޭ ކުޅުނު ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ފަރަންސޭސިވިލާތާ ބައްދަލުކޮށް 5-4 އިން މެޗު ކާމިޔާބުކޮށްގެންނެވެ. ވާދަވެރި މި މެޗު ވީ ބެލުންތެރިން ހިތްހަމަޖެހޭ ކަހަލަ ކުޅުމެއް ފެނުނު ރީތި މެޗަކަށެވެ.
ފުރަތަމަ ލަނޑު މެޗުގެ 22 ވަނަ މިނެޓުގައި ޖަހައި ލީޑު ނަގާފައިވަނީ ތަށި ދިފާއުކުރަން މަސައްކަތްކުރި ސްޕެއިނުންނެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ މިކޭލް އޮޔަރުޒަބާލް ތަނަވަސްކޮށްދިން ފުރުސަތެއްގައި ނީކޯ ވިލިއަމްސްއެވެ. އޭގެ ތިން މިނެޓް ފަހުން އޮޔަރުޒަބާލް ތަނަވަސްކޮށްދިން ދެވަނަ ފުރުސަތެއްގައި މިކޭލް މެރީނޯވަނީ ސްޕެއިންގެ ލީޑު ފުޅާކޮށްދީފައެވެ. ދެ ލަނޑާ އެކު މެޗުން ސްޕެއިން ފަސޭހަކަމާ އެކު މޮޅުވުމުގެ ފުރުސަތު ބޮޑުކަމަށް ގިނަ ބަޔަކު ގަބޫލުކުރިއެވެ.
ފުރަތަމަ ހާފުގައި ޑީން ހުއިސެން ސްޕެއިންއަށް ތިންވަނަ ލަނޑެއް ކާމިޔާބުކޮށްދިން ނަމަވެސް އެ ލަނޑު ވަނީ އޮފް ސައިޑް ކަމަށް ދައްކާފައެވެ. ދެވަނަ ހާފުގެ ކުރީކޮޅު ވެސް ފެނުނީ ސްޕެއިނުން އެ ޓީމުގެ މޮޅު ކުޅުން ދައްކަމުންދިޔަ ތަނެވެ.
މި ގޮތުން، 54 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއެއް ލަމީން ޔަމާލް ކާމިޔާބުކޮށްދީ ނަތީޖާ 3-0 އަށް ބަދަލުކުރިތާ އެއް މިނެޓް ފަހުން ޕެޑްރީ ވަނީ ސްޕެއިންގެ ލީޑު ހަތަރު ލަނޑަށް ހަދައިދީފައެވެ.
މެޗުގައި ފަރަންސޭސީން ކާމިޔާބުކުރި ފުރަތަމަ ލަނޑު 59 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދިނީ ކިލިއަން އެމްބާޕޭއެވެ. ސްޕެއިން ކާމިޔާބުކުރި ފަސްވަނަ ލަނޑު މެޗުގެ 67 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި ޔަމާލެވެ. މެޗުގައި ފަރަންސޭސީންގެ ފަރާތުން ކިރިޔާ ވެސް ކުޅެގަނެވުނުތަން ފެނުނީ މި ލަނޑަށް ފަހެވެ. މެޗުގައި ފަރަންސޭސިވިލާތުން ކާމިޔާބުކުރި ދެވަނަ ލަނޑު 79 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ރަޔަން ޗާކީއެވެ. އެ ލަނޑު ޖެހިތާ ފަސް މިނެޓު ފަހުން ޑާނީ ވިވިއަން އަތުން ބައިކޮޅަށް ވަން ލަނޑަކާ އެކު މެޗުގެ ނަތީޖާ 5-3 އަށް ބަދަލުވިއެވެ. މެޗުގައި ފަރަންސޭސީންގެ ފަހު ލަނޑު މެޗުގެ އިތުރު ވަގުތުގެ ތިންވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ރަންޑަލް ކޯލޯ މުއާނީއެވެ.
މި ކާމިޔާބީއާ އެކު އަންނަ އާދިއްތަ ދުވަހު ކުޅޭ ފައިނަލްގައި ސްޕެއިން ބައްދަލުކުރާނީ ޕޯޗުގަލްއާއެވެ. ތިންވަނަ ހޮވާ މެޗުގައި ހަމަ އެ ދުވަހު ފަރަންސޭސިވިލާތުން ޖަރުމަނުވިލާތާއި ބައްދަލުކުރާނެއެވެ. މި ފަހަރުގެ ފައިނަލް ކާމިޔާބުކުރެވި ސްޕެއިނަށް ތަށި ދިފާއުކުރެވިއްޖެ ނަމަ ޖެހިޖެހިގެން ޔުއޭފާގެ ތިން މުބާރާތް އެ ޓީމަށް ކާމިޔާބު ކުރެވޭނެއެވެ.
ސްޕެއިނަކީ އެންމެ ފަހުގެ ނޭޝަންސް ލިގުގެ ޗެމްޕިއަނުންގެ އިތުރުން ޔޫރޯގެ ޗެމްޕިއަން ޓީމެވެ. އަންނަ އަހަރު ބާއްވާ ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރާނެ ކަމަށް އެންމެ ގިނަ ބަޔަކު ގަބޫލުކުރާ ޓީމަކީ ވެސް ސްޕެއިނެވެ.