ރާއްޖޭގެ ރަށްރަށުގައި އަޟްޙާ ޢީދު ފާހަގަކުރަމުން އަންނަ ގޮތް ތަޖުރިބާކޮށް ޢީދުގެ އާދަ ކާދަތަކާއި ސަޤާފީ ކަންކަން ތަޖުރިބާކޮށްލަން އިންޑިއާގެ މަޝްހޫރު ކޮރިއަގްރާފަރު އަދި ފިލްމު ޑައިރެކްޓަރު ފަރާ ޚާން ރާއްޖެ އަތުވެއްޖެއެވެ.
ފަރާ ރާއްޖެ އައިކަން މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)އިން ސޯޝަލް މީޑިއާގައި ކަށަވަރުކޮށްދީފައިވާއިރު ފަރާއަށް ރާއްޖޭގެ ހަގީގީ މެހުމާންދާރީ އަދާކުރުމަށް އެމްއެމްޕީއާރުސީއިން ތައްޔާރަށް ތިބި ކަމަށް ވަނީ ބުނެފައެވެ.
ފަރާ ރާއްޖެ އައުމަށްފަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަ ރާއްޖޭގެ މޮނިއުމެންޓް ކައިރީގައި ހުރެ ނަގާފައިވާ ފޮޓޯއެއް ވެސް އެމްއެމްޕީއާރުސީއިން ވަނީ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.
އިންޑިއާގެ މުމްބާއީގެ އެއާޕޯޓުގައި ފަރާ އާއި އޭނާގެ ގޭގައި ކައްކަން އުޅޭ ޝެފް ދިލްޕް ހަރަކާތްތެރިވި މަންޒަރުތަކުގެ ފޮޓޯތަކާއި ވީޑިއޯތައް ވެސް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.

ފަރާ ޚާން އޭނާގެ ކައްކާ ދިލިޕްއާ އެކު މުމްބާއީގެ އެއާޕޯޓުގައި--ފޮޓޯ/ހިންދުސްތާންޓައިމްސް
ގިނަ ބައެއްގެ ސަމާލުކަން މި ފޮޓޯތަކާއި ވީޑިއޯތަކަށް ލިބުނީ މިއީ އެ ގޭގެ ކައްކާއަކަށް އުޅޭ ދިލިޕްގެ ފުރަތަމަ އިންޓަނޭޝަނަލް ދަތުރުކަން އެނގުނު ހިސާބުންނެވެ.
ފަރާ އާއި އެކު ފުރަން އެއާޕޯޓަށް ގޮސް ހުރި ދިލިޕް ވަނީ އިންޑިއާއިން ބޭރު ޤައުމަކަށް ފުރަތަމަ ފަހަރަށް ދަތުރުކުރެވޭތީ އެކަމުގެ އުފަލުގައި އެތަނުގައި ތިބި ގިނަ ބަޔަކަށް ޗޮކްލެޓު ވެސް ބަހާފައެވެ. މި ވީޑިއޯގައި ފަރާ ވަނީ މިއީ ދިލިޕް އަމިއްލަ ޤައުމުން ބޭރަށް ދަތުރުކުރާ ފުރަތަމަ ފަހަރު ކަމަށާއި އެކަމާ ގުޅިގެން އޭނާއަށް މަރުހަބާ ކިޔުމަށް މީޑިއާ ރިޕޯޓަރުންގެ ގާތު އެދިފައެވެ.
ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓުކޮށް އިޝްތިހާރު ކުރުމުގެ މަސައްކަތް ކުރާ އެމްއެމްޕީއާރުސީއާ އެކު ފަރާ މަސައްކަތްކުރާ ޑޮކިއުމެންޓްރީގެ ޝޫޓިންގްތައް ރާއްޖޭގެ އެކި ރަށްތަކުގައި ކުރިއަށްދާނެއިރު ފަރާ އާއި ދިލިޕް ޝޫޓިންގް ކުރިއަށްގެންދާނީ ކޮން ރަށްރަށެއްގައި ކަމެއް އަދި ހާމައެއް ނުކުރެއެވެ.
އެމްއެމްޕީއާރުސީ އާއި ގުޅިގެން ފަރާ ކުރިއަށްގެންދާ މި ޕްރޮޖެކްޓުގެ މަންޒަރުތައް ޝޫޓްކުރުން މި މަހުގެ ފަހަކުން އަށަކަށް ކުރިއަށްދާނެއިރު މި ޕްރޮޖެކްޓުގެ ތެރެއިން ރާއްޖޭގެ ރިޒޯޓުތަކާއި ރަށްތަކުގެ މުއްސަނދި ސަގާފަތް 'ކޮމެޑިކް ނެރޭޓިވް' އަކުން ގެނެސްދޭނެ ކަމަށް އެމްއެމްޕީއާރުސީން ކުރިން ވަނީ ބުނެފައެވެ.
ބޮލީވުޑްގެ ކާމިޔާބު ފިލްމުތައް ކަމަށްވާ "އޯމް ޝާންތީ އޯމް"، "މޭ ހޫނާ" އަދި "ހެޕީ ނިއު އިޔާ" ފަދަ ފިލްމުތައް ގެނެސްދިން ކުޅަދާނަ ކޮރިއަގްރާފަރު އަންނަނީ އަމިއްލަ ކައްކާ ޝޯއެއް ޔޫޓިއުބް މެދުވެރިކޮށް ގެނެސްދެމުންނެވެ. ފަރާ އާއި ދިލިޕް ގުޅިގެން ގެނެސްދޭ މި ޔޫޓިއުބް ޝޯ އަކީ މިހާރު ގިނަ ބައެއްގެ މެދުގައި ވަރަށް ބޮޑު ސަމާލުކަމެއް ހޯދާފައިވާ ޝޯއެކެވެ.