ސައުތު ސިނަމާގެ އެކްޓަރު ޕްރަބާސްގެ ކުރިއަށް އޮތް ފިލްމު މި އަހަރުގެ ޑިސެންބަރު މަހު ރިލީޒްކުރަމުން ނިންމައި ފިލްމުގެ ޕޯސްޓަރު އާއްމުކޮށްފިއެވެ.
މި އަހަރު ރިލީޒްކުރާނެ އެންމެ އުއްމީދީ ފިލްމުތަކުގެތެރޭ ހިމެނޭ ޕްރަބާސްގެ ފިލްމު "ދަ ރާޖާސާބު" ރިލީޒްކުރާނެ ތާރީޚެއް އިއުލާނުކޮށްފައި މިވަނީ ފިލްމުގެ ޕޯސްޓު-ޕްރޮޑަކްޝަން މަސައްކަތާ ގުޅިގެން ފިލްމު ރިލީޒްކުރުން އެކި ފަހަރުމަތިން ލަސްކުރެވިފައި ވަނިކޮށެވެ. މިދިޔަ އަހަރު ރިލީޒްކުރި ޕްރަބާސްގެ ފިލްމު "ކަލްކީ 2898AD"އަށްފަހު "ދަ ރާޖާސާބު"އަކީ މި އަހަރު ރިލީޒްކުރާނެ ޕްރަބާސްގެ އެންމެ އުއްމީދީ އެއް ފިލްމެވެ.
ޕްރަބާސް ޑަބަލް ރޯލަކުން ފެންނާނެ މި ފިލްމުގެ ޓީޒާ ވަރަށް އަވަހަށް ބެލުންތެރިންނަށް ގެނެސްދޭނެ ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.

މި އަހަރުގެ ޑިސެމްބަރު މަހު ރިލީޒްކުރާ އެކްޓަރު ޕްރަބާސްގެ ފިލްމުގެ ޕޯސްޓަރު--ފޮޓޯ/އެންޑީޓީވީ
ޕްރަބާސްގެ އިތުރުން "ދަ ރާޖާސާބް"އިން ފެންނާނެ މުހިއްމު ތަރިންގެތެރޭ މަލްވިކާ މޯހަނަން، ނިދީ އަގަރްވާލް، ސަންޖޭ ދަތު، ރިދީ ކުމާރު، މުރާލީ ޝަރުމާ، އަނޫޕަމް ކޭރް، ޒަރީނާ ވައްހާބް، ޔޯގީ ބާބޫ، ވަރަލަކްޝްމީ ސަރަތުކުމާރު އަދި ޖިއްޝޫ ސެންގުޕްތާ ހިމެނެއެވެ. އަދި "ދަ ރާޖާސާބު"ގެ ވަރަށް ޚާއްސަ ލަވައަކުން ނަޔަންތާރާ ވެސް ފެންނާނެއެވެ.
މި އަހަރުގެ ޑިސެމްބަރު މަހުގެ ފަސް ވަނަ ދުވަހު ސިނަމާތަކަށް ގެންނާނެކަން އިއުލާނުކޮށްފައިވާ މި ފިލްމާ އެކު އެކްޓަރު ޝާހިދު ކަޕޫރާއި ބަތަލާ ތުރިޕްތީގެ ފިލްމެއް ވެސް ރިލީޒްކުރާނެކަން ވަނީ އިއުލާނުކޮށްފައެވެ.
ނަމަވެސް އެ ފިލްމުގެ ނަން އަދި ހާމަކޮށްފައެއް ނުވެއެވެ. ޕްރަބާސްގެ މި ފިލްމު ސިނަމާތަކަށް ގެންނަން ހަމަޖެހިފައި ވަނީ ހިންދީ، ތެލުގޫ، ތަމަޅަ، ކަންނާޑާ އަދި މަޅަޔާލަމް ބަހުންނެވެ.