މިސްރު ހުރަސްކޮށް އެކްޓިވިސްޓުންގެ އެހީގެ ބޯޓު ޢައްޒާއާ ކައިރިއަށް

އިންސާނީ އެހީ ފޯރުކޮށްދިނުމަށް ޣައްޒާއަށް ދަތުރުކުރުމަށް ޖޫން މަހުގެ އެއްވަނަ ދުވަހު އިޓަލީގެ ބަނދަރު ކެޓަނިއާ އިން ފުރައިގެން ދިޔަ އެހީ ބޯޓު މެޑްލީންގައި އެކްޓިވިސްޓް ގްރެޓާ ތަންބާގް އާއި ފަޅުވެރިން.ފޮޓޯ/ރޮއިޓާސް

އިސްރާއީލުން ފަލަސްތީނުގެ ޣައްޒާ ޙިސާރުކޮށްފައި ބޭއްވުމާ ދެކޮޅަށް ވަކާލާތުކުރާ ބައިނަލްއަގުވާމީ އެކްޓިވިސްޓުންގެ ކޯލިޝަނަކުން ޣައްޒާއަށް އެހީ ހިފައިގެން ދާ ބޯޓު މިސްރުގެ އައްސޭރިފަށް ހުރަސްކޮށް ޣައްޒާއާ ވަރަށް ކައިރިއަށް ދަތުރުކޮށްފި ކަމަށް ދަތުރުގެ އިންތިޒާމުތައް ކުރާ ފަރާތްތަކުން ބުނެފިއެވެ.

ފްރީޑަމް ފްލޮޓިލާ ކޯލިޝަންގެ އެ ބޯޓު ސިސިލީގެ ކެޓާނިއާގެ ބަނދަރުން މިދިޔަ ހަފުތާގައި ފުރިއިރު، ތިމާވެށީގެ މަޝްހޫރު އެކްޓިވިސްޓު ގްރެޓާ ތަންބާގް ހިމެނޭ ގޮތަށް ގާތްގަނޑަކަށް 12 އެކްޓިވިސްޓުން އެ ބޯޓުގައި ހިމެނެއެވެ.

"އަޅުގަނޑުމެން މިހާރު މި ދަތުރުކުރަނީ މިސްރުގެ އައްސޭރިފަށުން،" ޖަރުމަނުގެ އިންސާނީ ހައްގުތަކާ ބެހޭ އެކްޓިވިސްޓް ޔާސެމިން އަކާރް އޭއެފްޕީއަށް ބުންޏެވެ.

"އަހަރެމެން އެންމެން ވެސް ރަނގަޅު،"

ހޮނިހިރު ދުވަހު އިންޓަނޭޝަނަލް ކޮމިޓީ ފޯ ބްރޭކިން ދަ ސީޖް އޮފް ޣައްޒާ ނުވަތަ ފްލޮޓިލާ ކޯލިޝަނުގެ މެންބަރުން ނެރުނު ބަޔާނެއްގައި ބުނީ، އެ ބޯޓު މިސްރުގެ ކަނޑުގެ ސަރަހައްދުތަކަށް ވަދެފައިވާ ކަމަށެވެ.

އެ ޖަމާއަތުން ބުނީ، ބޯޓުގައި ތިބި މީހުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ބައިނަލްއަގުވާމީ ގާނޫނީ އަދި އިންސާނީ ހައްގުތަކާ ބެހޭ އިދާރާތަކާ ގުޅުން ބަދަހި ކުރަމުން އަންނަ ކަމަށާއި އެއްވެސް ހުރަހެއް އެޅުމަކީ ބައިނަލްއަގުވާމީ އިންސާނީ ގާނޫނާ ފާޅުކަން ބޮޑު ގޮތެއްގައި ހިލާފުވުން ކަމަށެވެ.

އެ ބޯޓުގައި ހުރި ޔޫރަޕްގެ ޕާލަމެންޓްގެ މެންބަރު ރީމާ ހަސަން ވަނީ ފްރީޑަމް ފްލޮޓިލާއަށް ރައްކާތެރިކަމާ އެކު ދަތުރުކުރުމުގެ ޔަގީންކަން ދިނުމަށް ސަރުކާރުތަކަށް ގޮވާލާފައެވެ.

ފްރީޑަމް ފްލޮޓިލާ ކޯލިޝަނަކީ ޣައްޒާއަށް އިސްރާއީލުން ކުރިމަތިކުރާ ދަތިކަމާ ދެކޮޅަށް 2010 ވަނަ އަހަރު، އިންސާނީ އެހީއާއި ސިޔާސީ އެކްޓިވިޒަމް ހިމެނޭ ގޮތަށް އުފެއްދި، ފަލަސްތީނަށް ތާއީދުކުރާ ސުލްހަވެރި ބައިނަލްއަގުވާމީ ހަރަކާތެކެވެ.

އެ ހަރަކާތުގެ ދަށުން އެހީ ހިފައިގެން ޣައްޒާއަށް 2010 ވަނަ އަހަރު ދަތުރުކުރި ތުރުކީގެ ބޯޓު މާވީ މަރްމާރާއަށް ހަމަލާދީ 10 މީހުން ވަނީ ޝަހީދުކޮށްލާފައެވެ.

އިސްރާއީލުން ޣައްޒާއަށް ކުރިމަތިކުރުވާފައިވާ އިންސާނީ ދަތިކުރުމުގެ ސަބަބުން ބައިނަލްއަގުވާމީ މުޖުތަމައުން އަންނަނީ އިސްރާއީލަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އަދި ޣައްޒާގައި މިހާރު އޮތީ ބަނޑުހައިހޫނުކަން އާންމުވެފައި ކަމަށް އދ.އިން ވަނީ އިންޒާރު ދީފައެވެ.

comment ކޮމެންޓް