ކާބޯތަކެތީގެ ރައްކާތެރިކަމަކީ އާންމު ސިއްހަތާއި އިގުތިސާދީ ވިލުންތެރިކަމުގެ ބިންގާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ މިންގަނޑުތައް އިތުރަށް ހަރުދަނާކުރެއްވުމަށް ސާބިތު އަޒުމެއްގައި ހުންނެވި ކަމަށެވެ..
މި އަހަރުގެ ޝިއާރު، "ފުޑް ސޭފްޓީ: ސައިންސް އިން އެކްޝަން"އަށް އިޝާރާތްކުރައްވަމުން އެ މަނިކުފާނު ވިދާޅުވީ، ކާބޯތަކެތީގެ ޒަރީއާއިން ޖެހޭ ބަލިބަލިން ރައްކާތެރިވުމުގައްޔާއި އާންމު ދުޅަހެޔޮކަން ގާއިމުކުރުމުގައިއާއި އިގްތިސާދު ހަރުދަނާ ކުރުމުގައި ސައިންސާއި އެވިޑެންސް-ބޭސްޑް ދިރާސާ އަދާކުރުން މުހިންމު ކަމަށެވެ.
ރައީސް ވިދާޅުވީ، އާންމުން ބޭނުންކުރާ ހުރިހާ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކޮށް، އެތަކެއްޗަކީ ހަށިގަނޑަށް ފައިދާހުރި، އަދި އިތުބާރުކުރުވޭ މިންގަނޑުތަކަށް އުފައްދާ ތަކެތިކަން ކަށަވަރުކުރުމަށް ސަރުކާރުން އަހަންމިއްޔަތުކަންދޭ ކަމަށެވެ. އަދި ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ އެޖެންޑާއަށް ހުރިހާ ފެންވަރެއްގައި އެއްބާރުލުން ދިނުމުގައި އެކުގައި މަސައްކަތްކުރުމަށް އެމަނިކުފާނު ވަނީ ކަމާ ގުޅޭ ފަރާތްތަކަށް އިލްތިމާސްކުރައްވައިފައެވެ.

ރައީސް: ކާބޯތަކެތީގެ ރައްކާތެރިކަމަކީ އާންމު ސިއްހަތާއި އިގުތިސާދީ ވިލުންތެރިކަމުގެ ބިންގާ ކަމަށް ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް
ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހުގެ މުނާސަބަތުގައި އެމަނިކުފާނު ވަނީ ވަކި މެސެޖެއްވެސް ފޮނުއްވާފައެވެ. އެ މެސެޖުގައި އެމަނިކުފާނު ވަނީ، މިދިޔަ އަހަރު ތަންފީޒުކުރި ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނަކީ، ރާއްޖޭގައި ކާބޯތަކެތީގެ ރައްކާތެރިކަން އިތުރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އެ ގާނޫނުގެ ދަށުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ގެ ޒިންމާތައް އިތުރުކޮށް، ރާއްޖޭގެ ކާބޯތަކެތީގެ އޮނިގަނޑުގެ ނަޒާހަތްތެރިކަން ދެމެހެއްޓުމުގައި އިސް ދައުރެއް އަދާކުރާނޭ ފުރުސަތު އެ އިދާރާއަށް ލިބުނު ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
މިއަދުގެ މެސެޖުގައި ރައީސް ވަނީ އެމްއެފްޑީއޭއިން ހިންގާ މީސްމީޑިއާ ކެމްޕެއިން "މުކައްބަ"އަކީ އާންމުންގެ ޚިޔާލު ހޯދުމަށް ހިންގާ ކާމިޔާބު، އުފެއްދުންތެރި، އަދި ދުރުވިސްނުން ފެންނަ މަސައްކަތެއްގެ ގޮތުގައި ސިފަކުރައްވައި އެ މަސައްކަތަށް ތައުރީފުކުރައްވައިފައެވެ.
އެ މަނިކުފާނުގެ މެސެޖު ނިންމަވާލައްވާފައިވަނީ، ކާބޯތަކެތީގެ ރައްކާތެރިކަން އިތުރުކުރުމުގައްޔާއި ރައްޔިތުންގެ ދުޅަހެޔޮކަން ދެމެހެއްޓުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ކުރާ މަސައްކަތްތަކަށް މި ސަރުކާރުން އެއްބާރުލުން ދެއްވާނޭކަމުގެ ޔަގީންކަން ދެއްވަމުންނެވެ.