އަލަތު ދަރިފުޅަށް ބަލިވެއިން ބޮލީވުޑް ބަތަލާ ކިއާރާ އަދުވާނީއަށް ބަތަލާ އާލިއާގެ ފަރާތުން ވަރަށް ލޯބި ހަދިޔާތަކެއް ފޮނުވައިފިއެވެ.
ކިއާރާ އާއި އެކްޓަރު ސިދާތު މަލްހޯތުރާގެ އަލަތު ދަރިފުޅަށް ޚާއްސަކޮށް އާލިއާގެ ފަރާތުން ލިބުނު ހަދިޔާތަކާ ގުޅިގެން ކިއާރާ ވަނީ އާލިއާއަށް ޝުކުރު އަދާކޮށް ވަރަށް ހާއްސަ މެސެޖެއް ސޯޝަލްމީޑިއާގައި ޕޯސްޓުކޮށްފައެވެ.
ކިއާރާގެ ފިރިމީހާ އެކްޓަރު ސިދާތު އާއި އާލިއާ އަކީ ދެ މީހުން ފިލްމު އިންޑަސްޓްރީއަށް ތައާރަފުވި ފިލްމު "ސްޓޫޑެންޓް އޮފް ދަ އިޔާ"އާ އެކު ލޯބީގެ ގޮތުން ގިނަ ދުވަސްތަކެއް ވަންދެން ގުޅިގެން އުޅުނު ދެ ތަރިންނެވެ.

އާލިއާގެ ފަރާތުން ކިއާރާއަށް ފޮނުވި ހަދިޔާ ޕެކް--ފޮޓޯ/ފިލްމުފެއަ
ނަމަވެސް އޭގެ ފަހުން ދެ މީހުންގެ ލޯބީގެ ގުޅުން ނިމުމަކަށް އައި ނަމަވެސް ސިދާތު އާއި އާލިއާ އަކީ ވަރަށް ގާތް ދެ ރަހްމަތްތެރިންނަށް ވަނީ ވެފައެވެ. އާއްމުކޮށް ލޯބީގެގޮތުން ގުޅިގެން އުޅުމަށްފަހު ވަކިވާ ބައެއް މީހުންނަކީ ފަހުން ދުޝްމަނުންނަށް ބަދަލުވާ މީހުންނަށްވީ ނަމަވެސް ބޮލީވުޑްގެ ތަރިންގެ ފަރާތުން މި މަންޒަރު ފެންނަ ފެނުން ވަނީ ވަރަށް މަދުވެފައެވެ.
އާލިއާގެ ފަރާތުން ވެސް ފެނުނީ ކުރީގެ ލޯބީވެރިޔާގެ އަންހެނުންނާ އެކު ވަރަށް ގާތް ގުޅުމެއް ބޭއްވި މަންޒަރު ކަމަށާއި އާލިއާ އަކީ އެކަކު އަނެކަކަށް އިހުތިރާމް ކުރުމުގެ ރީތި އާދަ ލިބިފައިވާ ބަތަލާއެއް ކަމަށް ބުނެ ގިނަ ބަޔަކު ވަނީ އާލިއާއަށް ތައުރީފުކޮށްފައެވެ.
ކިއާރާ އާއި ސިދާތަށް އަލަތު ދަރިއަކު ލިބޭކަން ދެ މީހުން އިއުލާނުކުރީ މި އަހަރުގެ މާޗް މަހުތެރޭގައެވެ. ކުރިން ހަޔާތަށް އައި ލޯބިވެރިންނަށާއި އެ ލޯބިވެރިންގެ މިހާރުގެ ދިރިއުޅުމުގެ ބައިވެރިންނަށް އިހުތިރާމުކޮށް މާޒީ ހަނދާން ނައްތާލުމަށްފަހު އާ ފެށުމަކުން ދިރިއުޅުން ފެށި ތަރިންގެތެރޭ އާލިއާގެ ފިރިމީހާ ރަންބީރު ކަޕޫރުގެ ކުރީގެ ލޯބިވެރިޔާ ކެޓްރީނާ ކައިފް ވެސް ހިމެނެއެވެ.
ކެޓްރީނާގެ ފިރިމީހާ އެކްޓަރު ވިކީ ކޯޝަލް އަންނަނީ ރަންބީރު ކަޕޫރާ އެކު ފިލްމު "ލަވް އެންޑް ވޯ"ގައި މަސައްކަތް ކުރަމުންނެވެ. ރަންބީރު ވަނީ ގިނަ ދުވަސްތަކެއް ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުނު ބަތަލާއާ ވަކިވުމަށް ފަހުވެސް އެކީގައި ބައެއް ފިލްމުތަކުގައި މަސައްކަތްކޮށްފައެވެ.