މަލިކު ސުކޫލުތަކުގައި ދިވެހިބަސް ނުވަތަ މަހަލް ކިޔަވައިނުދޭން ލަކްޝަދީބުގެ ސަރުކާރުގެ ކަމާބެހޭ އިދާރާއިން އެންގި އެންގުމާ ދެކޮޅަށް ކެރެލާގެ ހައިކޯޓުން ވަގުތީ އަމުރެއް މިއަދު ނެރެފިއެވެ.
މަލިކުގައި ދިވެހިބަހުގެ އިތުރުން އަރަބި ބަސް ވެސް ކިޔަވައިދިނުން ހުއްޓާލުމަށް ލަކްޝަދީބް އެޑްމިނިސްޓްރޭޝަނުން ނިންމީ، މާރިޗު މަހުގެ 29ވަނަ ދުވަހު ސްކޫލު ބަންދުކޮށްފައި ވަނިކޮށެވެ.
އެ ނިންމުމާ އެކު މި މަހުގެ 20ގައި އިންޑިއާގެ މަޖިލީހުގައި މަލިކާ އެކު މުޅި ލަކްޝަދީބު ތަމުސީލުކުރައްވާ މެންބަރު ޙަމްދުއްލާ ސަޢީދު ވަނީ ދިވެހިބަސް ކިޔަވައިދިނުން ހުއްޓާލުމަށް ނެރުނު އެންގުން ބާތިލުކޮށް އަލުން މަހަލް ބަސް ސްކޫލު އޮނިގަނޑުގައި ހިމެނުމަށް ގޮވާލައްވައި ލަކްޝަދީބުގެ އެޑްމިނިސްޓްރޭޓަރަށް ސިޓީއެއް ފޮނުއްވާފައެވެ.
އެ ސީޓީގައިވަނީ އިންޑިއާގެ ލަކްޝަދީބުގެ ސަރުކާރުގެ ކަމާބެހޭ އިދާރާއިން ނިންމި މި ނިންމުމާ ގުޅިގެން ވަރަށް ގިނަ ބެލެނިވެރިން ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށެވެ. އަރަބި އަދި ދިވެހިބަހަކީ ލަކްޝަދީބުގައި އެކަޑެމިކް މާއްދާތަކެއްގެ ގޮތުގައި ބަލާ މާއްދާތަކެއް ނޫން ނަމަވެސް، މަލިކު މީހުންގެ ސަގާފަތާއި ދިރިއުޅުމާ ވަރަށް ބޮޑަށް ގުޅިފައިވާ ބަސްތަކެއްކަން މި ސިޓީގައި ފާހަގަކޮށްފައިވެއެވެ.
އެކަމާ ގުޅިގެން މިދިޔަ މަހުގެ 23ގައި މަލިކުގައި ވަނީ މުޒާހާރާ ވެސް ކޮށްފައެވެ.
އޭގެ ފަހުން، ލަކްޝަދީބު ސަރުކާރާ ދެކޮޅަށް އިންޑިއާގެ ނޭޝަނަލް ސްޓޫޑެންޓްސް ޔޫނިއަންގެ ލަކްޝަދީބު ޔުނިޓުގެ ރައީސް އަޖަސް އަކްބަރުގެ ފަރާތުން މި މައްސަލަ ކޯޓަށް ހުށަހެޅިއެވެ.
އިންޑިއާގެ ނޫހެއް ކަމަށްވާ 'ދަ ވަޔާ'ގައި ކެރެލާގެ ހައިކޯޓާ ހަވާލާދީ ބުނެފައިވަނީ، އެ މައްސަލައިގައި ވަގުތީ އަމުރެއް ނެރެދިނީ އަވަސް އަރުވާލައިގެން އެއްވެސް ދިރާސާއެއް ކުރުމެއް ނެތި މަހަލްބަސް ކިޔަވައިނުދޭން އެންގި އެންގުން ތަންފީޒުކުރަން އުޅުމުން ކަމަށެވެ.
އެ ގޮތުން، އެއްވެސް ދިރާސާއެއް ކުރެވިފައިވާކަން އަންގައިދޭ އެއްވެސް އެއްޗެއް ލަކްޝަދީބް ސަރުކާރުން ކޯޓަށް ހުށަހަޅާފައިނުވާ ކަމަށް އެ ނޫހުން ބުނެފައިވެއެވެ.
އެހެންވެ، ކޯޓުގެ ވަގުތީ އަމުރާ އެއްގޮތަށް މަލިކު ސުކޫލުތަކުގައި ވަނީ މަހަލް ބަހާއި އަރަބި ބަސް ކިޔަވައިދޭން ފަށާފައެވެ.
ރާއްޖެ ފިޔަވައި ދިވެހިބަހުން ވާހަކަދައްކާ ބަޔަކު ދިރިއުޅެނީ ހަމައެކަނި މަލިކުގައެވެ. މަލިކުގައި ދިވެހިބަސް ކިޔަވައިދެނީ ގްރޭޑު ހަތަރަކާ ހަމައަށެވެ. މިއީ މަލިކުގައި ދިވެހިބަސް ކިޔަވައިދިނުން ހުއްޓާލުމަށް މަސައްކަތް ކުރި ފުރަތަމަ ފަހަރެވެ.