އެޕް އައިކަންތައް ކުލައެއް ނެތި ފެންނަ ފީޗާއަކާއެކު، އައިއޯއެސް 26 ތައާރަފުކޮށްފި

އެޕަލްއިން ތައާރަފުކުރި އައިއޯއެސް 26 -- ފޮޓޯ/ އެޕަލް

އެޕަލްގެ އާ އޮޕަރޭޓިން ސިސްޓަމް އައިއޯއެސް 26 މިއަދު ތައާރަފުކޮށްފިއެވެ.

އެޕަލްއިން ބުނެފައިވާ ގޮތުގައި މިއީ އައިފޯން ބޭނުންކުރުމުގެ ތަޖުރިބާ އިތުރަށް ރަނގަޅުކުރުމަށް ގެނެސްފައިވާ ބޮޑު އަޕްޑޭޓެކެވެ.

އައިއޯއެސް 26ގެ އާ ޑިޒައިންގައި ''ލިކުއިޑް ގްލާސް'' ކިޔާ އާ ޓްރާންސްލޫސެންޓް މެޓީރިއަލެއް ބޭނުންކޮށްފައިވެއެވެ.

އެޕަލްއިން ބުނެފައިވާ ގޮތުގައި، ލިކުއިޑް ގްލާސްއަކީ ބިއްލޫރިއެކޭ އެއްގޮތް ކަންތައްތަކެއް، ފޯނުގެ އެޕްތަކާއި ކޮންޓްރޯލް ސެންޓަރާއި ހޯމް އަދި ލޮކް ސްކްރީނުން ދައްކުވައިދޭނެ މެޓީރިއަލްއެކެވެ. އެގޮތުން ވަށައިގެންވާ މާހައުލުގެ އަލިކަން ނުވަތަ އަނދިރިކަން ދެނެގަނެ، ކުލައަށް ބަދަލު އަންނާނެއެވެ.

އެއީ އައިފޯނާއި އައިޕެޑާއި އެޕަލް ވޮޗާއި އެޕަލް ޓީވީއާއި މެކް ބޭނުންކުރާ މީހުންނަށް ވަރަށް ހިތްގައިމު ތަޖުރިބާއަކަށް ވާނެ ކަމަށް އެޕަލްއިން ބުނެއެވެ.

ލިކުއިޑް ގްލާސްގެ ސަބަބުން އެޕް އައިކަންތަކާއި ވިޖެޓްތަކަށް އާ ކަސްޓަމައިޒޭޝަން އޮޕްޝަންތަކެއް ލިބިގެންދެއެވެ. އެގޮތުން އައިކަންތަކާއި ވިޖެޓުތަކުގައި އެއްވެސް ކުލައެއް ނެތި، ދެފުށްފެންނަ ގޮތަކަށް ބެހެއްޓުމަށް ފުރުސަތު ލިބޭނެއެވެ.

އެޕަލްގެ އައިއޯއެސް 26ގައި، ތަފާތު ގޭމްތައް އެއް ޕްލެޓްފޯމަކުން ކުޅެވޭ ގޮތް ހެދުމަށް އެޕް ހިމަނައިފައި -- ފޮޓޯ/ އެޕަލް

އެޕަލްއިން ވަނީ ސަފާރީން ވެބްޕޭޖްތައް ފެންނަ ގޮތަށް ވެސް ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން މުޅި ސްކްރީނުން ވެބްޕޭޖް ފެންނަ ގޮތަށް ހަދައި، ޔޫއާރްއެލް ފެންނަ ބާ ވަނީ ކުޑަކޮށްފައެވެ. އަދި ވެބްޕޭޖް ބުކްމާކް ކުރުން ފަދަ ފީޗާތަކަށް ދެވޭނެ ބަޓަން ވަނީ، ފޯނުގެ ތިރީ ކަނަށް ބަދަލުކޮށްފައެވެ. އެ ވިޖެޓް 'ޕޮޕްއަޕް'ވާއިރު ވެސް، ވެބްސައިޓުގެ ބޮޑުބައި ސާފުކޮށް ފެންނަން ހުންނާނެއެވެ.

އެޕަލްއިން ވަނީ، އައިއޯސް 26ގައި ބޭނުންކުރާ އެޕަލް އިންޓެލިޖެންސްއަކީ އައިފޯން ބޭނުންކުރުން އިތުރަށް ފަސޭހަކޮށްދޭނެ އެއްޗެއް ކަމަށް ބުނެފައެވެ. އެގޮތުން ޓެކްސް މެސެޖާއި ފޭސްޓައިމްއާއި ފޯން ކޯލްގައި ވެސް އެ ފީޗާ ހިމަނައިފައިވުމުން، ވާހަކަދައްކަމުންދާ ވަރަކުން ތަރުޖަމާ ކުރަމުންދާނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

މި ލައިވް ޓްރާންސްލޭޝަންއަކީ އެޕަލްއިން އުފައްދާފައިވާ މޮޑެލްތަކެއް ބޭނުންކޮށްގެން ޑިވައިސްގައި ހިންގާ އެއްޗެކެވެ.

މީގެ އިތުރުން، ވިޝުއަލް އިންޓެލިޖެންސް މެދުވެރިކޮށް، ސްކްރީނުގައި ފެންނަން ހުންނަ އެއްޗެއް ސާޗްކޮށް، މައުލޫމާތު ހޯދުން ފަދަ ކަންކަން ކުރެވޭނެއެވެ.

މިސާލަކަށް، ސްކްރީނުގައި ފެންނަ އެއްޗަކާ ބެހޭގޮތުން ޗެޓްޖީޕީޓީއާ ސުވާލުކޮށް، ނުވަތަ ގޫގުލް، އެޓްސީ، ފަދަ އެހެނިހެން އެޕްތަކުން ވެސް މައުލޫމާތު ހޯދިދާނެއެވެ.

ވިޝުއަލް އިންޓެލިޖެންސްއިން އިވެންޓެއް ފެނުމުން، އެ އިވެންޓެއް ކަލަންޑަރަށް ލުމަށް ވެސް ހުށަހަޅާނެއެވެ.

މީގެ އިތުރުން އައިއޯއެސް 26ގައި، އެޕަލް ގޭމްސްގެ ނަމުގައި އާ އެޕްލިކޭޝަނެއް ތައާރަފުކޮށްފައިވާއިރު، މިއީ އެއް ޕްލެޓްފޯމަކުން ތަފާތު ގޭމްތައް ކުޅުމަށް ފަހިކޮށްދޭ އެޕެކެވެ.

އެޕަލްގެ ޑެވެލޮޕާ ޕްރޮގްރާމް މެދުވެރިކޮށް މިހާރު އާ ފީޗާތައް ޓެސްޓުކުރެވޭއިރު، މި ސޮފްޓްވެއާ އަޕްޑޭޓް އާންމުކޮށް ދޫކުރާނީ އަންނަ ސެޕްޓެމްބަރު މަހާއި ނޮވެންބަރު މަހާ ދެމެދު ކަމަށް އެ ކުންފުނިން ބުންޏެވެ.

comment ކޮމެންޓް