ސަރުކާރުގެ މަސް ކުންފުނި، މިފްކޯގެ ސްޓްރެޓެޖިކް ކޮންސަލްޓެންޓްގެ މަގާމަށް އިގުތިޞާދު ދިރާސާކުރައްވާ ތަޖުރިބާކާރު އާތިފް ޝަކޫރު އައްޔަނު ކުރައްވައިފިއެވެ.
އެ މަގާމަށް އައްޔަނުކޮށްފައިވާކަން އާތިފް ވަނީ 'ސަން'އަށް ކަށަވަރުކޮށްދެއްވާފައެވެ. އާތިފް ވިދާޅުވީ، މަގާމަށް އައްޔަނުކޮށްފައި ވަނީ މި މަހު އެކެއްގައި ކަމަށެވެ.
އެގޮތުން، މިފްކޯއަށް ސްޓެރެޓެޖިކް ބަދަލުތައް ގެނައުމުގައި އޭނާ ލަފާދެއްވާނެ ކަމަށް ވިދާޅުވިއެވެ.
މިދިޔަ އަހަރު މިފްކޯއަށް ސީއީއޯއެއް ހޯދަން އިއުލާނުކުރުމުން އެމަގާމަށް ވެސް އާތިފް ކުރިމަތިލެއްވިއެވެ. އެކަމަކު، މަގާމަށް ޝަރުތު ހަމަވާ އެއްވެސް ބޭފުޅަކު ކުރިމަތިލާފައި ނުވާ ކަމަށް ބުނެ، މިފްކޯއިން ވަނީ އިއުލާނު ބާތިލުކޮށްފައެވެ.
ރާއްޖޭގައި ތިއްބެވި އިގްތިސާދީ އެންމެ ތަޖުރިބާކާރު ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އާތިފް މީގެ ކުރިން ވަނީ މިފްކޯގެ އިތުރުން އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރުކަން ވެސް ކުރައްވައިފައެވެ. އަދި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ކަމުގެ އިތުރުން ދިރާގުގެ ޗެއާމަންކަން ވެސް ކުރެއްވިއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގެ ދުވަސްވަރު އާތިފް ހުންނެވީ މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ)ގެ އެންމެ އިސްވެރިއަކަށެވެ.