ކަނޑާ ގުޅުންހުރި މުހިންމު ނިންމުންތައް ނިންމުމުގައި ކަނޑަށް އެންމެ ބޮޑަށް ބަރޯސާވާ، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ ބަސް ހިމެނެން ޖެހޭނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ފްރާންސްގައި މިހާރު ކުރިއަށްދާ އދ.ގެ އޯޝަން ކޮންފަރެންސްގެ ތިންވަނަ ބައްދަލުވުމުގައި ތަގުރީރު ކުރައްވަމުން ޝިޔާމް ވިދާޅުވީ ކަނޑުގެ މުސްތަގުބަލަކީ މަދު ބަޔަކަށް ލިޔެވިދާނެ އެއްޗެއް ނޫން ކަމަށެވެ.
މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެފަދަ ގައުމުތައް ނުރައްކަލާ ކުރިމަތިލާންޖެހުނަސް, އެ ނުރައްކަލުން އަރައިގަތުމަށް އެންމެ ކުރީސަފުގައި ރާއްޖެއިން އަބަދު ވެސް މަސައްކަތް ކުރާނެ ކަމަށް ޝިޔާމްގެ ވާހަކައިގައި ފާހަގަ ކުރެއްވިއެވެ.
މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކާއި ނުރައްކާތަކާ އެންމެ ބޮޑަށް ކުރިމަތިލާ އެއް ގައުމަކީ ރާއްޖެއެވެ.

ފްރާންސްގައި މިހާރު ކުރިއަށްދާ އދ.ގެ އޯޝަން ކޮންފަރެންސްގެ ތިންވަނަ ބައްދަލުވުމުގައި ޝިޔާމް ތަގުރީރު ކުރައްވަނީ -- ފޮޓޯ/ ފިޝަރީޒް މިނިސްޓްރީ
އެ ގޮތުން ކަނޑުގެ ލޮނުގަނޑު އުފުލުމާއި މުރަކަތައް މަރުވުމަކީ ހަމައެކަނި ސައިންސުވެރިން ފާހަގަކުރާ ކަންބޮޑުވުމެއް ނޫންކަމަށާއި، އެއީ ދިވެހީންގެ ދިރިއުޅުމުގެ ހަގީގަތް ކަމަށް އޭނާ ވިދާޅުވިއެވެ.
އެ ނުރައްކާތަކުން އަރައިގަތުމަށްޓަކައި ރާއްޖޭން އަބަދު ވެސް ކުރީސަފުގައި މަސައްކަތް ކުރަމުން އަންނަ ކަމަށް ޝިޔާމް ވަނީ ވިދާޅުވެފައެވެ.
ރާއްޖެއަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ މޫސުމަށް އަންނަ ބަދަލުތަކާއެކު ކަނޑުގެ ވެއްޓަށްކުރާ ނޭދެވޭ އަސަރުތައް ކަމަށް ޝިޔާމް ވިދާޅުވިއެވެ. އެ ގޮތުން ކަނޑުގެ ހޫނުމިން އިތުރުވެ، މަހުގެ ސްޓޮކް މަދުވަމުންދާކަން ފާހަގަ ކުރެއްވިއެވެ.
ކަނޑަކީ ސީދާ ދިވެހީންގެ ދިރިއުޅުމާ ގުޅިފައިވާ ވަސީލަތެއް ކަމަށާ އެއީ ދިވެހީންގެ ސަގާފަތް ރަމްޒުކޮށްދޭ އެއްޗެއްކަން ޝިޔާމްގެ ވާހަކައިގައި ފާހަގަ ކުރެއްވިއެވެ.
ރާއްޖޭގައި 93އަށް ވުރެ ގިނަ ކަނޑުގެ ސަރަހައްދު ހިމާޔަތްކޮށްފައިވެއެވެ.
މީގެ އިތުރުން ވެސް ތިމާވެށި ރައްކާތެރި ކުރުމަށް ޓަކައި ރާއްޖެއިން މުހިންމު މަސައްކަތްތަކެއް ކުރަމުން އަންނަކަން ޝިޔާމް ފާހަގަ ކުރެއްވިއެވެ. އޭގެ ތެރޭގައި އެއްފަހަރު ބޭނުންކޮށް އުކަލާ ޕްލާސްޓިކް ބޭނުން ކުރުން ހުއްޓައިލުމުގެ މަސައްކަތް ހިމެނެއެވެ.
ކުދި ޖަޒީރާ ގައުމުތަކަށް މާލީ އެހީތެރިކަން ހޯދުމުގައި ގޮންޖެހުންތައް ހުންނަކަން ފާހަގަ ކުރައްވައި، އެ ފަދަ ގައުމުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް، ތަރައްގީވެފައިވާ ގައުމުތަކަށާއި މާލީ އެހީތެރިކަން ފޯރުކޮށްދޭ ޖަމާއަތްތަކަށް ޝިޔާމްވަނީ ގޮވަލައްވައިފައެވެ.
އަދި ކަނޑުގެ ވަސީލަތްތައް ރައްކާތެރިކުރުމަށް ކުރާ މަސައްކަތްތަކަށް ދެވޭ ލޯނުތައް މައާފުކޮށްދިނުމަކީ މުހިންމުކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.