އިސްލާމީ ދައުވަތުގައި އެއްބައިވެ، ވާގިވެރިވާންޖެހޭކަން ހާލަތު އެބަ ބުނެދޭ: ޑރ. ޝަހީމް

އިސްލާމިކް މިނިސްޓަރު ޝަހީމް އަލީ ސައީދު -- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

އިސްލާމީ ދައުވަތުގައި، އެކި މައިދާންތަކާއި އެކި ވަޒީފާ ތަކުގައި ތިއްބެވި ބޭފުޅުން އިހުނަށްވުރެ ބޮޑަށް އެކުވެރިވެ، އެއް ބަޔަކު އަނެއް ބަޔަކަށް ވާގިވެރިވާން ޖެހޭކަން މިހާރުގެ ހާލަތުން ސާފުވާކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ރޭ ވިދާޅުވެއްޖެއެވެ.

މި ފަހުން ދުނިޔެ ދޫކުރެއްވި ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިންގެ ހަނދާން އައު ކުރައްވައި ފޭސްބުކްގައި ޝަހީމް ކުރެއްވި ޕޯސްޓެއްގައިވަނީ އެ އިއްޒަތްތެރި ބޭފުޅުން ވަކިވެ ދިޔައީ އިސްލާމީ ދައުވަތާއި އިލްމީ ވަރަށް ބޮޑު ތަރިކައެއް މި ޖީލަށް ދޫކުރައްވާފައި ކަމަށެވެ.

މި ޖީލުގެ އިސްލާމީ އިލްމުވެރިން އެ ކަންކަމުން އިބުރަތް ހާސިލްކޮށް މަސައްކަތުގައި އަޒުމް ވަރުގަދަ ކުރަންޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އެ ބޭފުޅުންނަށް ސުވަރުގޭގެ މަތިވެރި ނިއުމަތް ލެއްވުން އެދި ދުއާ ދެންނެވިއެވެ.

ޝަހީމް ވިދާޅުވީ، އިސްލާމީ ރިސާލަތަކީ ވަރަށް މަތިވެރި އަމާނާތެއް ކަމަށާއި، ޚިޔާލް ތަފާތުވާ އިލްމީ ކަންކަން ހުރުމަކީ ތަބީއީ ކަމެއް ކަމަށެވެ. ނަމަވެސް އިސްލާމީ ދައުވަތުގައި އެކި މައިދާންތަކާއި އެކި ވަޒީފާ ތަކުގައި ތިއްބެވި ބޭފުޅުން އިހުނަށްވުރެ ބޮޑަށް އެކުވެރިވެ، އެއް ބަޔަކު އަނެއް ބަޔަކަށް ވާގިވެރިވާން ޖެހޭކަން ހާލަތު އެބަ ބުނެދޭ ކަމަށް ވަނީ ވިދާޅުވެފައެވެ.

"މާތް ﷲ މި އެންމެ ބޭފުޅުންނަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކުރައްވާށި. ދިރި ތިބި އިލްމުވެރިންނަށް ތައުފީގު ދެއްވާށި،" ޝަހީމްގެ ޕޯސްޓުގައިވެއެވެ.

ދީނީ އިލްމުވެރިންގެ ތެރެއިން އެންމެ ފަހުން އަވަހާރަވީ ޝައިޚް އިބްރާހީމް ފަރީދެވެ. ޝެއިޚް އަވަހާރަވީ އިއްޔެ، މެލޭޝިއާއަށް ވަޑައިގެން، އެއާޕޯޓުގައި ހުންނަވަނިކޮށް ކަމަށް "ސަން"އަށް އެނގިފައިވެއެވެ.

މިނިސްޓަރު ޝަހީމް ވިދާޅުވީ، ޝެއިޚުގެ މައްޗަށް ރާއްޖޭގައި ޣައިބަށް ކަށު ނަމާދު ކުރުމަށް ވަރަށް ގިނަ ބަޔަކު އެދެމުންދާ ކަމަށެވެ.

އެހެންކަމުން، މި ހަފުތާގެ ހުކުރު ދުވަހުގެ ކުރިން މެލޭޝިޔާގައި ފަސްދާނުލެވިއްޖެ ނަމަ، ހުކުރު ދުވަހު ހުކުރު ނަމާދަށް ފަހު، ރާއްޖޭގެ ހުކުރުކުރާ ހުރިހައި މިސްކިތެއްގައި ޝެއިޚު ފަރީދުގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރަށް ނިންމާފައި ވާކަމަށް ޝަހީމް ވަނީ މީގެލކުރިން ވިދާޅުވެފައެވެ.

comment ކޮމެންޓް