ޑައިވިނަށް ފޭބި މީހަކު ގެއްލިގެން ހޯދަނީ

ޑައިވިނަށް ފޭބި މީހަކު ގެއްލިގެން ހޯދަނީ: ސިފައިން ބުނީ ގެއްލިގެން ހޯދަނީ ޖަޕާނު މީހެއް ކަމަށް -- ފޮޓޯ/ އެމްއެންޑީއެފް

ކ. މާފުށި ކައިރި އޮންނަ ކަނޑޫމާ ތިލަ ކައިރިއަށް ޑައިވިނަށް ފޭބި މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ސިފައިން ބުނީ، ގެއްލިގެން ހޯދަނީ ޖަޕާނަށް ނިސްބަތްވާ ފަތުރުވެރިއެއް ކަމަށެވެ.

އެ މީހާ ހޯދުމުގެ މަސައްކަތް ސިފައިންގެ މާލޭ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން އަންނަނީ ކުރަމުންނެވެ. މި ހާދިސާ ހިނގީ މިއަދު 10:02 އެހާކަންހާއިރެވެ.

މި ހާދިސާގައި ގެއްލިފައިވަނީ، މިއަދު ހެނދުނު މާފުށި ގެސްޓުހައުސްއަކުން ފަތުރުވެރިން ގޮވައިގެން އެ ރަށް ކައިރީ އޮންނަ ކަނޑޫމާތިލަ ކައިރިއަށް ދިޔަ އުޅަނދަކުން ޑައިވިނަށް ފޭބި 26 އަހަރުގެ ޖަޕާނު ފިރިހެނެކެވެ.

ގެއްލިގެން ހޯދަމުންދާ ފަތުރުވެރިޔާ އަޅާފައި ހުރީ ކަޅު ކުލައިގެ ޑައިވިންގ ގިއަރެކެވެ. އަދި ހުދު ކުލައިގެ މާސްކެކެވެ.

ޑައިވިންއަށް ދާ މީހުން ގެއްލިގެން މީގެ ކުރިން ހިތާމަވެރި ހާދިސާތައް ވެސް ހިނގާފައި އެބަހުއްޓެވެ.

ވަށައިގެން ކަނޑު އޮންނަ ގައުމަކަށްވާއިރު ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ކަނޑު އަޑީގެ މަންޒަރުތައް ބަލައިލަން ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް ލައްކަ ފަތުރުވެރިންނެއް ޒިޔާރަތްކުރެއެވެ. މި އަހަރު ވެސް އަހަރު ދެބައިނުވަނީސް މިލިއަނަކަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.

comment ކޮމެންޓް