ސައިކަލެއް ވަގަށް ނެގި މައްސަލައިގައި ފުލުހުން ހައްޔަރުކުރި މީހެއްގެ އަތުން، ވަގަށް ނަގައިފައިވާ ފޯނުތަކެއް ފެނިއްޖެއެވެ.
ފުލުހުން ބުނީ ސައިކަލެއް ވަގަށްނެގި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ރ. އަލިފުށީ ހަބީބީހެޕް، އުމުރުން 39 އަހަރުގެ އިސްމާޢީލް ސާއިފް ކަމަށެވެ.
އޭނާ ހައްޔަރުކޮށްފައި ވަނީ މިދިޔަ ހުކުރު ދުވަހު މާލެތެރެ ޕެޓްރޯލްކުރި ފުލުހުންނަށް އޭނާގެ އަމަލުތައް ހުރި ގޮތުން ތުހުމަތުކުރެވިގެން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ވަގަށް ނަގާފައިވާ ސައިކަލަކާއެކު ހައްޔަރުކުރި ރ. އަލިފުށީ ހަބީބީހެޕް، އުމުރުން 39 އަހަރުގެ އިސްމާޢީލް ސާއިފް -- ފޮޓޯ/ ފުލުހުން
އެގޮތުން، އޭނާ ހުއްޓުވައި އެވަގުތު އޭނާ އަރައި އިން ސައިކަލުގައި ތަޅުދަނޑި ޖަހާފައިހުރުމުން އިތުރަށް މައުލޫމާތު ސާފުކޮށް އެސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއްކަން އެނގުނު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ އޭނާ ބަލައިފާސްކުރިއިރު ވަގަށް ނަގާފައިވާ ފޯނުތަކެއް ފެނިފައި ވާކަމަށެވެ. އަދި މި ފޯނުތަކަކީ ހުޅުމާލޭގެ ފަޅުގައި އޮތް ދޯންޏަކުން ވަގަށް ނަގާފައިވާ ފޯނުތަކެއްކަން މިހާތަނަށް ކުރި ތަހުގީގުން އެނގިފައި ވާކަމަށެވެ.
އެނާ އެވަގުތު އަރައި އިން ސައިކަލުގެ މަޑިދަށުން ވެސް ވަނީ ވަގަށް ނަގައިފައިވާ އިތުރު ސާމާނު ފެނިފައެވެ. އޭގެތެރޭގައި ގްރިޑަރަކާއި ސޭންޑަރަކާއި އިތުރު ތަކެތި ފެނިފައިވާކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ މި މައްސަލަ ތަހުގީގު ކުރަމުން ދާކަމަށެވެ.
މިދިޔަ އާދިއްތަ ދުވަހު ވެސް ސައިކަލެއް ވަގަށް ނެގި މީހަކު ފުލުހުން ވަނީ ހައްޔަރު ކޮށްފައެވެ.
ވައްކަމުގެ މައްސަލަތައް މާލޭގައި އާންމުވެފައި ވާއިރު މިދިޔަ މަހު އެކަނި ވެސް ވައްކަމުގެ 310 މައްސަލަ ފުލުހަށް ހުށަހަޅާފައިވާކަން ފުލުހުންގެ ތަފާސްހިސާބުތަކުން ވަނީ ދައްކާފައެވެ. ނަމަވެސް މިއީ މިދިޔަ އަހަރުގެ މޭ މަހާ އަޅާބަލާއިރު ދަށް އަދަދެކެވެ.