ހަމަލާތައް ވަރުގަދަވެފައިވާއިރު، އެމެރިކާގެ އަސްކަރިއްޔާ މެދުއިރުމައްޗަށް

އެމެރިކާގެ އަސްކަރީ ސިފައިން. އެމެރިކާއިން އަންނަނީ މެދުއިރުމަތީގައި އަސްކަރިއްޔާ ފުޅާކުރަމުން. ފޮޓޯ/އޭއެފްޕީ

އިސްރާއީލާއި އީރާނާ ދެމެދު އުފެދިފައިވާ ހަނގުރާމަ ގޯސްވަމުންދާ މި ދަނޑިވަޅުގައި މެދުއިރުމައްޗާއި ޔޫރަޕްގައި އެމެރިކާގެ އަސްކަރިއްޔާ ފުޅާކުރަމުން އަންނަ ކަމަށް އޮފިޝަލުން ބުނެފިއެވެ.

އިއްޔެއާއި މިއަދު ވެސް އެމެރިކާއިން ޔޫރަޕަށް ގިނަ އަދަދެއްގެ ޓޭންކަރު މަތިންދާބޯޓުގައި، ފޮނުވާފައިވާއިރު، މިއީ ހަނގުރާމަކުރާ ގައުމުތަކުގެ ކައިރީގައި ހުންނަ، އެމެރިކާގެ ފެސިލިޓީތަކަށް ނުރައްކަލެއް ކުރިމަތިވެއްޖެނަމަ ކޮމާންޑަރުންގެ އިޚްތިޔާރުތަކަށް މަސައްކަތްކުރާ ހަރަކާތެއް ކަމަށް ވޮޝިންޓަން ޕޯސްޓުގައި ރިޕޯޓުކޮށްފައިވެއެވެ.

ފްލައިޓް ޓްރެކިން ޑޭޓާއިން ދައްކާ ގޮތުގައި ރީފިއުލްކުރާ މަތިންދާބޯޓުތަކާއި އެކު ބައެއް ޖެޓްތައް އެމެރިކާގެ އެކި ހިސާބުތަކުން ވަނީ އުދުހިފައެވެ. އަދި އެ ބޯޓުތައް ޖައްސާފައި ވަނީ ސްޕެއިން، ގްރީސް، ޖަރުމަން، އިޓަލީ އަދި ސްކޮޓްލޭންޑްގެ އެއާ ބޭސްތަކުގައި ކަމަށާއި އޭގެ ތެރޭގައި ކޭސީ-135 ސްޓްރެޓޯޓެންކާސް އާއި ކޭސީ-46 ޕެގަސަސް ހިމެނޭ ކަމަށް ވެސް ވޮޝިންޓަން ޕޯސްޓުން ރިޕޯޓުކޮށްފައިވެއެވެ.

އެމެރިކާއިން އެ ފިޔަވަޅުތައް އަޅާފައި ވަނީ އެ މަތިންދާބޯޓުތައް މެދުއިރުމައްޗާ ގާތަށް ގެންގޮސް، ބޭނުންވެއްޖެނަމަ، އެމެރިކާގެ މަސްލަހަތު ދިފާއު ކުރަންކަމަށް އޮފިޝަލަކު ވިދާޅުވިއެވެ.

އެމެރިކާގެ އަސްކަރީ މަނަވަރެއް ވެސް އިއްޔެ ވަނީ މެދުއިރުމައްޗަށް ދަތުރު ފަށާފައެވެ. އެމެރިކާގެ ވައިގެ އަސްކަރީ އުޅަނދުތައް އުފުލާ އެ މަނަވަރު މެދުއިރުމައްޗަށް ދަތުރު ފެށީ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުންނެވެ.

މެލޭޝިއާ އާއި އިންޑޮނޭޝިއާ އަދި ސިންގަޕޫރު ހިއްސާ ކުރާ މަލަކާ ކަނޑުއޮޅިން އެމެރިކާގެ އަސްކަރީ އެއާކްރާފްޓް ކެރިއާ ޔޫއެސްއެސް ނިމިޓްޒް އިންޑިއާ ކަނޑަށް ނުކުންނަން ދަތުރު ފަށާފައިވާ ކަމަށް ކަނޑު އުޅަނދުތަކުގެ ޓްރެކިން މޮނިޓާކުރާ "މެރިން ޓްރެފިކް" އާ ހަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

އެ މަނަވަރު އިންޑިއާ ކަނޑު ހުރަސްކޮށް މެދުއިރުމަތީގައި މިހާރު ވެސް ހުރި އެމެރިކާގެ ހަނގުރާމަ މަނަވަރުތަކާ ގުޅޭނެ ކަމަށް ބެލެވެއެވެ.

މެދުއިރުމަތީގައި އެމެރިކާގެ އަސްކަރީ ގާބިލުކަން އިތުރުކުރުމަށް އިރުޝާދު ދެއްވާފައިވާ ކަމަށް އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު ހޯމަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވެސް ލިޔުއްވާފައިވެއެވެ.

އެމެރިކާއިން އަސްކަރީ ގާބިލުކަން ފުޅާކޮށްފައި މި ވަނީ އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް އަމާޒުކޮށް އިސްރާއީލުން މިދިޔަ ހަފްތާ ހަމަލާތައް ދޭން ފެށުމުން ރައްދުގައި އީރާނުން ވެސް ހަމަލާތައް ދެމުންދާ ދަނޑިވަޅެއްގައެވެ.

އިސްރާއީލުން ހަމަލާތައް ދޭން ފެށިއިރު، ނިއުކްލިއާ އެއްބަސްވުމެއްގެ މަޝްވަރާތައް އެމެރިކާއިން އީރާނުން ދިޔައީ ކުރިއަށް ގެންދަމުންނެވެ. ނަމަވެސް ހަމަލާތައް ފެށުމާއެކު އީރާނުން ވަނީ މަޝްވަރާތައް ހުއްޓާލާފައެވެ.

އިސްރާއީލުން ދޭ ހަމަލާތަކުގައި އެމެރިކާގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަ ތަކުރާކޮށް ވިދާޅުވި ނަމަވެސް، އެމެރިކާއިން އަންނަނީ އެހެން ގޮތްގޮތުން އިސްރާއީލަށް ތާއީދު ކުރަމުންނެވެ.

އެމެރިކާގެ ޑިފެންސް އޮފިޝަލުން ހުކުރު ދުވަހު ބުނީ އީރާނުގެ ޑްރޯންތަކާއި މިސައިލްތައް ވައްޓާލުމުގައި ޕެޓްރިއޮޓާއި ޓާމިނަލް ހައި އޮލްޓިޓިއުޑް އޭރިއާ ޑިފެންސް (ތަޑް) ފަދަ އެމެރިކާގެ ބެލިސްޓިކް މިސައިލް ޑިފެންސް ސިސްޓަމްތައް ބޭނުންކޮށްފައިވާ ކަމަށެވެ.

ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވީ އެމެރިކާގެ ޕައިލެޓުން ވެސް އީރާނުގެ ޑްރޯންތަކަށް ހަމަލާތައް އަމާޒުކުރަމުންދާ ކަމަށެވެ. އަދި ޓްރަމްޕާއެކު އޮތް ގުޅުން ވަރަށް ވަރުގަދަ ކަމަށް ވެސް ނަތަންޔާހޫ ވިދާޅުވިއެވެ.

އެމެރިކާގެ އަސްކަރީ މަރުކަޒު، ޕެންޓެގަންއިން މެދުއިރުމަތީގައި އަބަދުވެސް ފުޅާ ދާއިރާއެއްގައި ސަލާމަތީ ކަންކަން ވަރުގަދަ ކުރެއެވެ.

އެ ސަރަހައްދުގައި އެމެރިކާގެ މަނަވަރުތައް މިހާރު ހަރަކާތްތެރިވާއިރު، ގައިޑެޑް މިސައިލް ކްރޫޒާ ޔޫއެސްއެސް ޕްރިންސްޓަން އާއެކު އަރަބި ކަނޑުގައި އޮންނަ މަތިންދާބޯޓު އުފުލާ ބޯޓު ޔޫއެސްއެސް ކާލް ވިންސަން އާއި ޑިސްޓްރޯޔާ ޔޫއެސްއެސް މިލިއަސް، ޔޫއެސްއެސް ސްޓެރެޓް އަދި ޔޫއެސްއެސް ވޭން އީ މޭޔާ ހިމެނޭ ކަމަށް ދިފާއީ އޮފިޝަލުންނާ ހަވާލާދީ ވޮޝިންޓަން ޕޯސްޓުން ރިޕޯޓުކޮށްފައިވެއެވެ.

comment ކޮމެންޓް