ކޮންގްރެސްގެ ރުހުން ނެތި އީރާނާ ދެކޮޅަށް ޓްރަމްޕަށް އަސްކަރިއްޔާ ބޭނުން ނުކުރެވޭނެ ބިލެއް

އީރާނާ ދެކޮޅަށް އެމެރިކާގެ އަސްކަރިއްޔާ ބޭނުން ނުކުރެވޭނެ ގޮތަށް ފަރުމާކޮށްފައިވާ ބިލް ހުށަހެޅއުއްވި ސެނެޓް މެމްބަރު ޓިމް ކޭން. ފޮޓޯ/އަންދޮލް

ކޮންގްރެސްގެ ރުހުން ނެތި އީރާނާ ދެކޮޅަށް އެމެރިކާގެ އަސްކަރިއްޔާ ބޭނުން ނުކުރެވޭނެ ގޮތަށް ފަރުމާކޮށްފައިވާ ބިލެއް ސެނެޓް މެންބަރަކު ހުށަހަޅައިފިއެވެ.

އެ ބިލް ހުށަހެޅުއްވީ ސެނެޓްގެ، ހަތިޔާރު އެޅި ޚިދުމަތްތަކާއި ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީތަކުގެ މެމްބަރު، ވާޖިނިއާގެ، ޓިމް ކޭންއެވެ.

އެ ބިލާ ގުޅޭގޮތުން ކޭން ވިދާޅުވީ މެދުއިރުމަތީގައި ހިނގާ އަނިޔާވެރިކަން އިތުރުވެ، އެކަމުގެ އަސަރު އެމެރިކާއަށް ކުރުމުގެ ފުރުސަތު އެބައޮތް ކަމަށާއި، އެހެންވެ އެކަމާ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

"އެމެރިކާ ދިފާއު ކުރުމަށް އެ ހަނގުރާމައަކީ ކޮންމެހެން ބޭނުންތެރި ހަނގުރާމައެއް ނޫނީ އީރާނާ އެކު ހަނގުރާމައަކަށް ދިއުމަކީ އަޅުގަނޑުމެންގެ ގައުމީ ސަލާމަތުގެ މަސްލަހަތެއް ނޫން. އިސްރާއީލާއި އީރާނާ ދެމެދު އުފެދިފައިވާ ޢަދާވާތްތެރިކަން އިތުރުވަމުން އަންނައިރު، އެކަމުގެ އަސަރު އެމެރިކާއަށް ކޮށްފާނެތީ، އެކަމާމެދު އަޅުގަނޑު ވަރަށް ބޮޑަށް ކަންބޮޑުވޭ،" އިދިކޮޅު ޑިމޮކްރެޓިކް ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ކޭން ވިދާޅުވިއެވެ.

"މެދުއިރުމަތީގައި މުޅި އުމުރު ހަނގުރާމައެއް ކުރުމަށް އަސްކަރިއްޔާގެ މެމްބަރުން ފޮނުވުމަށް އެމެރިކާގެ ރައްޔިތުންގެ އެއްވެސް ޝައުގުވެރިކަމެއް ނެތް. މި ގަރާރުގެ ސަބަބުން އަޅުގަނޑުމެންގެ ގައުމުގެ ޔުނީފޯމްގައި ތިބޭ އަންހެނުންނާއި ފިރިހެނުންނަށް ގެއްލުން ލިބޭ ކަމެއް ކުރަން އުޅޭނަމަ، ކޮންގްރެސްގައި ބަހުސްކޮށް އެކަމަށް ވޯޓު ދޭން ޖެހޭނެކަން ކަށަވަރުވާނެ،" ކޭން ވިދާޅުވިއެވެ.

އެމެރިކާގެ ރައީސްއަކަށް ގައުމުން ބޭރުގައި އަސްކަރީ ފިޔަވަޅު އެޅުމުގެ ނުވަތަ ވަރުގަދަ ކުރުމުގެ ބާރު 1973 ވަނަ އަހަރު ނެރުނު ވޯ ޕަވާސް ރިސޮލިޔުޝަނުން އޮންނަނީ ވަރަށް ބޮޑަށް ހަނިކޮށްފައެވެ.

އިސްރާއީލުން އީރާނާ ދެކޮޅަށް ދިން އަސްކަރީ ހަމަލާތަކުގައި އެމެރިކާ ބައިވެރިވެފައި ނުވާ ކަމަށާއި ނަމަވެސް އެކަމަކީ އެކަށީގެންވާ ކަމެއް ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

އަދި އިސްރާއީލުން ހަމަލާދޭން ރާވާފައިވާ ގޮތާ ބެހޭ ގޮތުން އެމެރިކާއަށް "ހުރިހާ ކަމެއް އެނގޭ" ކަމަށް ވެސް ޓްރަމްޕް ވިދާޅުވެފައިވެއެވެ.

ކޭންގެ ބިލުގައި އީރާނާ އެކު އެއްވެސް ޢަދާވާތްތެރިކަމެއް ހިންގުމަށް ހުއްދަ ދެވޭނީ، ހަނގުރާމަ އިޢުލާނުކުރުމަށްފަހު ނުވަތަ ކޮންގްރެސްގެ ވަކި ހުއްދައަކުން ކަމަށް ބުނާއިރު، އެމެރިކާއަށް ކުރިމަތިވެދާނެ ހަމަލާއަކުން ދިފާޢުވުމަށް އެ ބިލު ހުރަހެއް ނާޅައެވެ.

އިސްރާއީލާ ދެކޮޅަށް ދޭ ހަމަލާތަކަށް އެމެރިކާއިން ހުރަސް އަޅައިފިނަމަ، މެދުއިރުމަތީގައި ހުރި އެމެރިކާގެ މަރުކަޒުތަކަށް ހަމަލާދޭނެ ކަމަށް އީރާނުން ވަނީ އިންޒާރު ދީފައެވެ.

އިސްރާއީލުން މިދިޔަ ހުކުރު ދުވަހުން ފެށިގެން އީރާނަށް ހަމަލާދެމުން އަންނައިރު، އެއީ އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް އަމާޒުކޮށް ދޭ ހަމަލާތަކެއް ކަމަށް އިސްރާއީލުން ބުނެއެވެ.

ރައްދުގައި އީރާނުން ވެސް ވަރުގަދަ ހަމަލާތައް ދެމުންއަންނައިރު، ދެ ގައުމުގެ މުހިންމު ސިޓީތައް ސުންނާފަތިވެ، އެތައް އާންމުންނެއް މަރުވެފައިވާ ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓުކުރެއެވެ.

comment ކޮމެންޓް