ލިބެންޖެހޭ ފައިސާ ނުލިބެނީސް، ޖީއެސްޓީ ދައްކަންޖެހޭތީ ހުށަހެޅި ގަރާރު ބޭރުކޮށްލައިފި

ކެޔޮދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ނިއުޝާދު: ފައިސާ ނުލިބެނީސް ޖީއެސްޓީ ދައްކަންޖެހޭތީ ހުށަހެޅި ގަރާރު ބޭރުކޮށްލައިފި -- ފޮޓޯ/ މަޖިލިސް

ވިޔަފާރިތަކަށް ފައިސާ ނުލިބެނީސް އެ މުދަލެއް ނުވަތަ ޚިދުމަތަކަށް ޖީއެސްޓީ ދައްކަން ޖެހޭ ގޮތަށް ގާނޫނު އޮތުމުން ރައްޔިތުންގެ މަޖިލީހަށް އިއްޔެ ހުށަހެޅި ގަރާރު، ޕީއެންސީގެ ސުޕަ މެޖޯރިޓީން މިއަދު ބޭރުކޮށްލައިފިއެވެ.

މި ގަރާރު ހުށަހެޅުއްވީ ކެޔޮދޫ ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު ނިއުޝާދެވެ.

މިއަދުގެ ޖަލްސާގައި އެ ގަރާރަށް ބަހުސްކުރުމަށް ފެނޭތޯ ނެގި ވޯޓުގައި 36 މެންބަރުން ވޯޓުދެއްވީ އެ ގަރާރު ބަލައިނުގަނެ ބޭރުކުރުމަށެވެ.

އެ ގަރާރު ބަލައިގަތުމަށް ވޯޓުދެއްވީ އެންމެ 11 މެންބަރުންނެވެ. އެ މެންބަރުންގެ ތެރޭގައި ހިތަދޫ މެދު ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު އަޒާން މަރުޒޫގު ހިމެނެއެވެ.

https://sun.mv/207371

މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު މިހާރު އޮންނަ ގޮތުން، މުދަލެއް ނުވަތަ ޚިދުމަތެއްގެ އަގަށްވާ ޓެކްސް އިންވޮއިސް ތައްޔާރުކުރާ ވަގުތުން ފެށިގެން ޓެކްސް ދައްކަން ޖެހޭނެއެވެ. އެހެންވެ، އެ މުދާއި ނުވަތަ ޚިދުމަތަށް ފައިސާ ނުލިބެނީސް ޓެކްސް ދައްކަންޖެހެއެވެ.

އެހެން ދިމާވަނީ މުދަލެއް ނުވަތަ ޚިދުމަތެއް ވިއްކުމަށް ފަހު ސަރުކާރުގެ އެކި އިދާރާތަކަށް އިންވޮއިސް ހުށަހެޅުމުން އެ އިންވޮއިސްތަކަށް ފައިސާ ނުލިބި ގިނަ ދުވަސްވާތީއެވެ.

އެ މައްސަލައިގައި މެންބަރު ނިއުޝާދު ހުށަހެޅުއްވި ގަރާރުގައި އޮތީ، އެ ގޮތަށް ޓެކްސް ދައްކަން ޖެހުމުގެ ސަބަބުން ވިޔަފާރިތަކަށް ވަރަށް ގިނަ ދަތިތަކާ ކުރިމަތިވާ ކަމުގެ ކަންބޮޑުވުން އިތުރުވެފައިވާ ކަމަށެވެ.

މުދަލެއް ނުވަތަ ޚިދުމަތެއް ވިކޭނެ ވަގުތަކީ ވިއްކާ ފަރާތުގެ ބާރުގެ ދަށުގައިވާ ކަމަކަށްނުވާއިރު، ވަކި ވަގުތެއްގައި ޓެކްސް ދައްކަން ޖެހުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށް އެ ގަރާރުގައިވެއެވެ.

ގަރާރުގައި ނިއުޝާދު ވިދާޅުވީ، ކުދި ވިޔަފާރިތަކަށް ޓެކްސް ނުދެއްކެނީ އިންވޮއިސްތަކަށް ފައިސާ ނުލިބޭތީ ކަމަށެވެ. އެ ފަދަ ހާލަތެއްގައި ޓެކްސް ނުދެއްކި އޮތުމުން އެއީ ޓެކްސް ނުދައްކާ ކުންފުންޏަކަށް ހެދުމަށް ފަހު ސަރުކާރުގެ މަސައްކަތްތައް އެ ކުންފުނިތަކަށް ހަވާލުނުކުރުމަކީ 'ޖަރީމާއެއް' ގޮތުގައި އެ ގަރާރުގައި ވަނީ ފާހަގަކުރައްވައިފައެވެ.

https://sun.mv/205381

އެ ކަމުގެ ސަބަބުން އިގުތިސާދު ހީނަރުވެ، އެތައް ބައެއްގެ ވަޒީފާ ގެއްލި، ގިނަ ބައެއްގެ ދިރިއުޅުމަށް ދަތިވެދާނެކަމަށް ގަރާރުގައިވެއެވެ.

އަމިއްލަ ވިޔަފާރިތަކަށް ސަރުކާރުން ދޭންޖެހޭ ގިނަ އަދަދެއްގެ ފައިސާ އަދިވެސް ނުދީ އެބައޮތެވެ. އެ މައްސަލަ މި އަހަރުގެ ރޯދަމަހުގެ ކުރިން ހައްލުކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ވިދާޅުވެފައިވެއެވެ. އެކަމަކު، އެ ފައިސާ މިހާތަނަށް ދޫކޮށް ނިންމާފައެއް ނުވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މަޖިލީހުން ވަނީ ދައުލަތަށް ދަރާފައިވާ ކުންފުނިތަކަށް މަސައްކަތް ހަވާލުނުކުރާން ފިނޭންސް މިނިސްޓްރީއަށް ލަފާދީފައެވެ.

comment ކޮމެންޓް