ބޮލީވުޑްގެ ތަރިން ކަމަށްވާ އާރް.މާދްވަން (މެޑީ)އާއި ފާތިމާ ސަނާ ޝައިހް މުހިންމު ރޯލުން ފެންނަ ފިލްމު "އާޕް ޖޭސާ ކޮއި ނެހީ" އަންނަ މަހު ނެޓްފްލިކްސްގައި ޕްރީމިއާކުރާނެކަން އިއުލާނުކޮށްފިއެވެ.
މި ޒަމާނުގެ ޒުވާނުންނަށް ކަމުދާނެ ކަހަލަ ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާ މި ފިލްމަކީ ދަރުމާ ޕްރޮޑަކްޝަންގެ ވެބް ކޮންޓެންޓް ގޮފި ދަރުމެޓިކް އެންޓަޓެއިންމަންޓާއި ނެޓްފްލިކްސް ގުޅިގެން ގެނެސްދޭ ފިލްމެކެވެ.
ކަރަންގެ ފިލްމުތަކުން ފެންނަ 'ފެމިލީ ޑްރާމާ' މި ފިލްމުން ވެސް ބެލުންތެރިން ތަޖުރިބާކުރާނެ ކަމަށް ނެޓްފްލިކްސްއާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ.
މި ފިލްމުގައި މެޑީ ސާންސްކްރިތު ކިޔަވައިދޭ މުދައްރިސެއްގެ ރޯލުން ފެންނައިރު ފާތިމާ ފެންނާނީ ފްރެންޗް އިސްޓްރަކްޓަރެއްގެ ރޯލުންނެވެ. ދިގު މުއްދަތަކަށް ފަހު މެޑީ ލޯބީގެ ރޯލަކުން ފެންނަ މި ފިލްމަކީ ބެލުންތެރިން ވަރަށް ބޮޑަށް އިންތިޒާރުކުރާ ފިލްމެއް ކަމަށް ފިލްމީ ރިޕޯޓުތައް ބުނެއެވެ.

ފިލްމު "އާޕް ޖޭސާ ކޮއި ނެހީ"ގެލީޑް ތަރިން ކަމަށްވާ އާރް މާދްވަން އާއި ފާތިމާ. މިއީ މި ދެ ތަރިން އެކީގައި ބެލުންތެރިންނަށް ފެންނާނެ ފުރަތަމަ ފިލްމު--ފޮޓޯ/ބޮލީވުޑްހަންގާމާ
ފިލްމު "އާޕް ޖޭސާ ކޮއި ނެހީ"އަކީ ނެޓްފްލިކްސްއިން ގެނެސްދިން "މީނާކްޝީ ސުންދަރޭޝްވަރު"ގެ ޑައިރެކްޓަރު ވިވެކް ސޯނީ ޑައިރެކްޓަރެއްގެ ގޮތުގައި ފެންނާނެ ފިލްމެކެވެ. ނެޓްފްލިކްސްއިން ގެނެސްދޭ ލޯބީގެ އިތުރު ފިލްމެއްގައި މަސައްކަތް ކުރުމުގެ ފުރުސަތާ އެކު ވަރަށް ހިތްހަމަޖެހިފައި ހުރި ކަމަށް ވިވެކް ސޯނީ ވަނީ ބުނެފައެވެ.
ހަމައެއާއެކު މިއީ ކުރިން ޑައިރެކްޓްކުރި ފިލްމަށްވުރެ މާ ބޮޑަށް ވެސް ތަފާތު ފިލްމެއް ކަމަށާއި ލޯބީގެ ހުރިހާ ރަހަތަކާއި ޖަޒުބާތެއް މި ފިލްމުން ބެލުންތެރިން ތަޖުރިބާކުރާނެ ކަމަށް ވިވެކް ވަނީ ބުނެފައެވެ.
މި އަންނަ މަހުގެ 11 ވަނަ ދުވަހު ނެޓްފްލިކްސްގައި ޕްރީމިއާކުރާނެކަން އިއުލާނުކުރި މި ފިލްމަކީ ފާތިމާއާއި މެޑީ އެކީގައި މަސައްކަތްކުރާ ފުރަތަމަ ފިލްމުވެސްމެއެވެ.
ފާތިމާ މުހިންމު ރޯލެއް ކުޅެފައިވާ ފިލްމު "މެޓްރޯ އިން ދިނޯ" ވެސް އަންނަ މަހުގެ ހަތަރުވަނަ ދުވަހު ސިނަމާތަކަށް ގެންނާނެކަން ވަނީ އިއުލާނުކޮށްފައެވެ.