ދާދި ފަހުން އަގުބޮޑު ލަގްޒަރީ އެޕާޓްމަންޓެއް ގަނެފައިވާ ބޮލީވުޑްގެ އެކްޓަރު ޖައިދީޕް އެއް މަސް ތެރޭ އެފަދަ އިތުރު އެޕާޓްމަންޓެއް ބޮޑު އަގުގައި ގަނެފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ޖައިދީޕް ވަނީ މި ހިނގާ ޖޫން މަހުގެ ތެރޭ 10 ކްރޯޑު ރުޕީސް، (ގާތްގަނޑަކަށް 115،000 ޑޮލަރުގެ) އަގު ބޮޑު ލަގްޒަރީ އެޕާޓްމަންޓެއް ގަނެ އަމިއްލަ ނަމުގައި ރަޖިސްޓްރީކޮށްފައެވެ. އިންޑިއާގެ މުމްބާއީގައި މިހާރު ދިރިއުޅެމެއް ބިނާކުރަމުން އަންނަ ހަރިޔާނާގެ އެކްޓަރު ވަނީ ދެ ހަފުތާ ފަހުން އަނެއްކާ ވެސް ހަމަ އެ އަގުގައި އިތުރު ލަގްޒަރީ އެޕާޓްމަންޓެއް ގަނެފައެވެ.
ނަމަވެސް، މި ފަހަރު ޖައިދީޕް ގަތް އެޕާޓްމަންޓަކީ އެކްޓަރުގެ އަނބިމީހާ ޖިޔޯތީ ހޫޑާގެ ނަމުގައި ގަނެފައިވާ އެޕާޓްމަންޓެކެވެ. ޖައިދީޕްގެ މި ދެ އެޕާޓްމަންޓް ވެސް ހުންނަނީ މުމްބާއީގެ އަނދޭރީ ވެސްޓުގެ އެންމެ އަގު ބޮޑު ސަރަހައްދުގައެވެ.

ޖައިދީޕް އަނބިމީހާ ޖިޔޯތީ ހޫޑާއާ އެކު--ފޮޓޯ/އެމްއެސްއެން
މި ދެ އެޕާޓްމަންޓްގެ ސްޓޭމްޕް ޑިއުޓީގެ ގޮތުގައި އިންޑިއާގެ 60 ލައްކަ ރުޕީސް ޚަރަދުވިއިރު ރެޖިސްޓްރޭޝަން ފީގެ ގޮތުގައި 30،000 ރުޕީސް އެކްޓަރު ވަނީ ޚަރަދުކޮށްފައެވެ. މުމްބާއީގެ އެންމެ ވިޔަފާރި ރަނގަޅު އަނދޭރީ ވެސްޓަކީ މި ފަހަކަށް އައިސް ރިއަލްސްޓޭޓް ވިޔަފާރީގެ ތެރެއަށް ނުކުންނަ ގިނަ މީހުންގެ ލޯތައް އެންމެ ބޮޑަށް އަމާޒުވެފައިވާ ސަރަހައްދެވެ.
ވަރަށް އާދައިގެ ފިލްމުތަކުންނާއި ވެބް ސީރީޒްތަކުން ކެރިއަރު ފެށި ޖައިދީޕަކީ މިހާރު ފިލްމު އިންޑަސްޓްރީގައި ހުރި އެންމެ ބޮޑު ޑިމާންޑެއް އޮންނަ އެކްޓަރުންގެ ތެރޭ ހިމެނޭ ތަރިއެކެވެ.
ޚާއްސަކޮށް ވިލެންގެ ރޯލްތަކުން ޖައިދީޕަށް ލިބެމުން އަންނަ މަގުބޫލުކަން އިންތިހާއަށް ބޮޑުވެފައިވާއިރު އެންމެ ފަހުން އޭނާ ކުޅުނު ނެޓްފްލިކްސް ފިލްމު "ޖުވެލް ތީފް"ގައި ވެސް ފެނުނީ ވިލެންގެ ރޯލުންނެވެ.