ތައުލީމީ ދާއިރާ ކުރިއެރުވުމަށް ދައުލަތުން ހަތަރު ބިލިއަނެއްހާ ރުފިޔާ ހޭދަކުރާއިރު ވެސް ހާސިލުކުރަން ބޭނުންވާ ނަތީޖާ ހާސިލު ނުވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު ހެނދުނު ބޭއްވި މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޝަފީއު ވިދާޅުވީ 2013 ވަނަ އަހަރާއި 2014 ވަނަ އަހަރުގެ މަތީ ސާނަވީ އިމްތިހާނުގެ ނަތީޖާއަށް ބެލި ނަމަވެސް މުޅި އިމްތިހާނުގައި ބައިވެރިވި ދަރިވަރުންގެ 50 އިންސައްތަ ވެސް ފަސް މާއްދާއިން ފާސްވެފައި ނުވާ ކަމަށެވެ.
އެޑިއުކޭޝަން މިނިސްޓްރީން ކަނޑައަޅާފައިވާ ފަސް މާއްދާއިން 'ސީ' ފާސް ހޯދުމަކީ ދަރިވަރުން ފާސްވާންޖެހޭ އެންމެ ދަށް މިންވަރު ކަމަށް ޝަފީއު ވިދާޅުވިއެވެ.
ހަމައެއާއެކު 2023 އަދި 2024ގެ ނަތީޖާއަށް ބަލާއިރު ވެސް ފެންނަނީ ހަމަ އެ މަންޒަރު ކަމަށާއި، 50 އިންސައްތަ ދަރިވަރުން ފަސް މާއްދާއިން ފާސްވެފައި ނެތް ކަމަށް ވިދާޅުވެ މިނިސްޓަރު ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.
މިއިން އަޅުގަނޑުމެންނަށް އެނގެނީ ގާތްގަނޑަކަށް ހަތަރު ބިލިއަނެއްހާ ރުފިޔާ ދައުލަތުން ތައުލީމަށް ހޭދަކުރަމުން ދާއިރު، އަދި އަޅުގަނޑުމެންގެ ހީވާގި މުދައްރިސުން އެތައް ގަޑިއިރެއް ކިޔަވައިދިނުމުގަ ހޭދަކުރަމުންދާއިރު، އަދި ބެލެނިވެރިން ކުރާ މަސައްކަތާ އެކުގަ، މި ހުރިހާ މަސައްކަތެއް ގުޅިގެން ވެސް އަޅުގަނޑުމެން އެންމެ ދާން ބޭނުންވާ މަންޒިލަށް އަދި ވާސިލެއް ނުވެވެއޭ، އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު
ޝަފީއު ވިދާޅުވީ އެކަމަކީ އެންމެން އެ ހަގީގަތް ގަބޫލުކޮށްގެން ދަރިވަރުންގެ ނަތީޖާ އިތުރު ހަރުފަތަކަށް ގެންދެވޭނެ ކަމެއް ކަމަށެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، އޯލެވެލްގެ ނަތީޖާ ދަށްވާ މައިގަނޑު ސަބަބަކީ ޕްރައިމަރީގެ ނަތީޖާ ވެސް ދަށްވުން ކަމަށެވެ. އެގޮތުން ނެޝަނަލް އެސެސްމަންޓް އޮފް ލާނިން އައުޓްކަމްގެ ޑޭޓާތަކަށް ބަލާއިރު، ކީ ސްޓޭޖް އެކެއް އަދި ދޭއްގެ ނަތީޖާ ވެސް އެކަށީގެންވާ ގޮތެއްގައި ކުރިއަރަމުން ނުދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ތައުލީމީ ދާއިރާއަކީ މި ސަރުކާރުން ޚާއްސަ އަހައްމިއްޔަތުކަމެއް ދޭ ދާއިރާއެކެވެ.
ތައުލީމީ ދާއިރާ ރަނގަޅު ކުރުމަށް 'ތައުލީމަށް އިންގިލާބީ ބަދަލު' ގެ ނަމުގައި 9.5 މިލިއަން ޑޮލަރުގެ ހިލޭ އެހީއާއެކު ކުރިއަށް ގެންދާ ބޮޑު މަޝްރޫއެއް ވެސް މިދިޔަ އަހަރު ސަރުކާރުން ފެށިއެވެ.