އިންޑިއާގެ ދޫރުދަރުޝަން ޗެނަލްއިން ގެނެސްދިން ސުޕަހީރޯ ޓެލެވިޝަން ސީރީސް "ޝަކްތިމާން"ގެ ފިލްމުން އެކްޓަރު ރަންވީރު ސިންގް ނޫން އެކްޓަރަކު ނުފެންނާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
އިންޑިއާގެ އިތުރުން އޭޝިއާގެ ވަރަށް ގިނަ ޤައުމުތަކުގައި ބޮޑު މަގުބޫލުކަމެއް ހޯދި މި ސީރީސްގެ ފިލްމެއް އުފައްދާނެކަން އިއުލާނު ކުރީއްސުރެ ފިލްމުގައި ޝަކްތިމާންގެ ރޯލްއިން ފެންނާނެ އެކްޓަރަކާ ގުޅޭ ބަހުސްތައް މީސްމީޑިއާގައި އަންނަނީ ކުރެވެމުންނެވެ.
މީގެކުރިން ބައެއް މީޑިއާތަކުން ބުނެފައި ވަނީ ރަންވީރުގެ ބަދަލުގައި ޝަކްތިމާންގެ ރޯލްއިން ފެންނާނީ އެކްޓަރު ކާތިކް އާރްޔަން ކަމަށެވެ. ނަމަވެސް އެކަން ކާތިކް ވަނީ ދޮގުކޮށްފައެވެ. އެންމެފަހުގެ ރިޕޯޓުތައް ބުނެފައިވާ ގޮތުން ރަންވީރުގެ ބަދަލުގައި ޝަކްތިމާންގެ ރޯލަށް ގެންނަން ނިންމާފައި ވަނީ "ޕުޝްޕާ"ގެ އެކްޓަރު އައްލޫ އަރުޖުންއެވެ.

ފިލްމު "ޝަކްތިމާން"އިން ރަންވީރާ އެކު ފެންނާނެކަމަށް މީޑިއާތަކުން ބުނެފައިވާ ބަތަލާ ވަމީގާ ގައްބީ--ފޮޓޯ/އިންޑިއާފޯރަމް
ނަމަވެސް ފިލްމުގެ ޑައިރެކްޓަރު ބަސިލް ޖޯސެފް މީޑިއާއަށް މައުލޫމާތު ދެމުން ބުނެފައި ވަނީ، ރަންވީރު ސިންގް ނޫން އެކްޓަރަކު ޝަކްތިމާންގެ ރޯލްއިން ބެލުންތެރިންނަށް ނުފެންނާނެ ކަމަށެވެ.
ފިލްމު "ޝަކްތިމާން"އާ ގުޅޭގޮތުން މިފަދަ ދޮގު ޚަބަރުތައް ފަތުރާ މީހުންގެ އަމިއްލަ އެޖެންޑާއެއް އޮތް ކަމަށް ގަބޫލުކުރާ ކަމަށާއި ފިލްމާ ގުޅޭ މައުލޫމާތުގެ ތެދު ދޮގު ބެލުމަށްފަހު ޚަބަރު ފެތުރުމަށް ބަސިލް ޖޯސެފް ވަނީ ބުނެފައެވެ.
އިންޑިއާގެ ބައެއް މީޑިއާތަކުން ބުނެފައިވާ ގޮތުގައި ރަންވީރާ އެކު މި ފިލްމުން ބަތަލާގެ ރޯލްއިން ފެންނާނީ ފިލްމު "ބޫލް ޗަކް މާފް"ގެ ބަތަލާ ވަމީގާ ގައްބީއެވެ. ނަމަވެސް އެކަން ރަސްމީކޮށް އިއުލާނުކޮށްފައެއް ނުވެއެވެ.