އަރިޖިތުގެ ދެ ގަޑިއިރުގެ ލައިވްއެއްގެ އަގު އެނގޭތަ؟

އިންޑިއާގެ ލަވަކިޔުންތެރިޔާ އަރިޖިތު ސިންގް--ފޮޓޯ/އެމްއެސްއެން

އިންޑިއާގެ ލަވަކިޔުންތެރިޔާ އަރިޖިތު ސިންގް އަކީ މިހާރު ދުނިޔޭގެ ގިނަ ބަޔަކަށް އާ ނަމެއް ނޫނެވެ.

މިފަހަކަށް އައިސް ބޮލީވުޑްގެ ފިލްމުތަކުން ފެނި, އިވެމުން އަންނަ ހިތްގައިމު ލަވަތަކުގެ މޭސްތިރިޔާ އަރިޖިތު ސިންގް އަކީ މިވަގުތު އިންޑިއާގައި ހުރި, އެންމެ ބޮޑު އާމްދަނީއެއް މިއުޒިކީ ދާއިރާއިން ހޯދާ ލަވަކިޔުންތެރިޔާއެވެ.

އިންޑިއާގެ އިތުރުން ބައިނަލްއަޤްވާމީ ސްޓޭޖްތަކުން ވެސް އަރިޖިތުއަށް ލިބެމުން އަންނަ ތަރުހީބު ބޮޑުވެފައިވާއިރު ބޭރު ޤައުމެއްގައި އަރިޖީތު ޝޯއެއް ދޭނަމަ ހަމައެކަނި އަރިޖިތުގެ ލައިވް ޕާފޮމެންސް ބަލާލުމަށް އެ ޤައުމަކަށް ދަތުރުކުރާ މީހުންގެ އަދަދު ހާހުން ގުނާލެވެއެވެ.

އިންޑިއަން އައިޑޮލްއިން މަޝްހޫރުކަން ހޯދި ޒުވާން ލަވަކިޔުންތެރިޔާ ރާހުލް ވައިދިޔާ ދާދިފަހުން މީޑިއާއަށް ދިން އިންޓަވިއުއެއްގައި ވަނީ އަރިޖިތު ސިންގްއަށް ވަރަށް ބޮޑަށް ތައުރީފުކޮށް ވާހަކަ ދައްކާފައެވެ. ރާހުލް ބުނިގޮތުގައި އަރިޖިތުގެ ދެ ގަޑިއިރުގެ ލައިވް ޝޯއަކަށް ލަވަކިޔުންތެރިޔާ ނަގާ ފީގެ އަގު 14 ކްރޯޑު ރުޕީސް (1.69 މިލިއަން ޑޮލަރަ)ށް އަރާ ކަމަށެވެ.

ލަވަކިޔުންތެރިޔާ އަރިޖިތު ސިންގް އިނގިރޭސި ލަވަކިޔުންތެރިޔާ/މިއުޒީޝަން އެޑް ޝީރަންއާ އެކު--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

މި އަގާ އެކު އަރިޖިތު ވެފައި ވަނީ އިންޑިއާގެ މިއުޒީޝަނުންގެ ތެރެއިން ލައިވް ޕާފޯމެންސް ދީގެން އެންމެ ބޮޑު އާމްދަނީއެއް ލިބޭ ލަވަކިޔުންތެރިޔާއަށެވެ.

އަރިޖިތުގެ މިލްކިއްޔާތުގެ އަގު 414 ކްރޯޑު ރުޕީސް (49.88 މިލިއަން ޑޮލަރަ)ށް އަރާއިރު އަރިޖިތު ވަނީ މުމްބާއީގެ އެންމެ ލަގްޒަރީ ހިސާބުން ގެއެއް ގަނެފައެވެ. އެންމެފަހުގެ އަގު ބޮޑު ކާރު އަރިޖިތުގެ އަތުގައި ހުރި ނަމަވެސް ލަވަކިޔުންތެރިޔާ އަކީ ވަރަށް ސާދާ ދިރިއުޅުމަކަށް ލޯބިކުރާ ފަރާތެކެވެ.

ގިނަ ބައެއްގެ ލޯތްބާއި އިހުތިރާމު އަރިޖިތު ހޯދާފައި ވަނީ ވެސް އާއްމުންނަށް ކުރާ އިހުތިރާމާއި ގެންގުޅޭ ހިތްތިރި ރިވެތި އާދަތަކުގެ ސަބަބުންނެވެ.

އަރިޖިތުގެ ލައިވް ޕާފޯމެންސެއް އެންމެ އަވަހަށް ބޭއްވުމަށް ހަމަޖެހިފައި ވަނީ މި އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. މި އަހަރުތެރޭ ބާއްވާނެ އަރިޖިތުގެ ހަމައެކަނި ޔޫރަޕް ޓުއާ ބޭއްވުމަށް ހަމަޖެހިފައި ވަނީ އިނގިރޭސިވިލާތުގެ ލަންޑަންގެ ޓޮޓެންހަމް ހޮޓްސްޕާ ސްޓޭޑިއަމްގައެވެ.

މިއީ އިނގިރޭސިވިލާތުގެ ސްޓޭޑިއަމްއެއްގައި އިންޑިއާގެ ލަވަކިޔުންތެރިޔަކު ކޮންސެޓް ބާއްވާ ފުރަތަމަ ފަހަރުވެސްމެއެވެ.

comment ކޮމެންޓް