ފިލްމު "ސާތިޔާ"އިން ބެލުންތެރިންގެ މަގުބޫލުކަން ހޯދި އިންޑިއާގެ އެކްޓަރު ވިވެކް އޮބްރޯއިއަށް ޒުވާން އުމުރުގައި ވިޔަފާރީގެ ތެރެއަށް ވަދެވުނީ، ބައްޕަ ސުރޭޝް އޮބްރޯއީގެ ސަބަބުން ކަމަށް އެކްޓަރު ބުނެފިއެވެ.
ސުރޭޝް އޮބްރޯއީ އަކީ ކުރީގެ ވަރަށް ގިނަ ފިލްމުތަކުން ފެނިފައިވާ އެކްޓަރެކެވެ. ފިލްމީ ދާއިރާގައި ރަނގަޅު ކެރިއަރެއް ބިނާކުރުމަށްފަހު ފަހުން ސިޔާސީ ދާއިރާގައި މަސައްކަތް ކުރި އެކްޓަރަކީ ފައިސާގެ ގޮތުން ތަނަވަސް މީހަކަށްވީ ނަމަވެސް ވިވެކްގެ ވިޔަފާރިއަށް އެއްވެސް ވަރަކަށް އިންވެސްޓް ނުކުރާ ކަމަށާއި ފައިސާގެ ގޮތުން އެހީތެރިކަމެއް ބައްޕަ ފޯރުކޮށްނުދޭ ކަމަށް އެކްޓަރު ވަނީ ބުނެފައެވެ.
އެއީ އަމިއްލަ ފައިމައްޗަށް ތެދުވެ އަމިއްލައަށް އާމްދަނީ ހޯދާ ފައިސާގެ އަގު ވަޒަން ކުރުމަށް ލިބުނު ވަރަށް ރަނގަޅު ފިލާވަޅެއްގެ ގޮތުގައި ވިވެކް ވަނީ ސިފަކޮށްފައެވެ.

ވިވެކް ބައްޕަ އަދި ކުރީގެ އެކްޓަރު ސުރޭޝް އޮބްރޯއިއާ އެކު--ފޮޓޯ/ފޭސްބުކް
ވިވެކް ވަރަށް ކުޑައިރު ވެސް ބައްޕަ ސުރޭޝް ކޮންމެވެސް ކަހަލަ އުފެއްދުމެއް ގެނެސްދީ އެ އުފެއްދުން ބާޒާރަށް ނެރެ ވިއްކާނެ ޕްލޭނެއް ތައްޔާރުކުރުމަށް ހަވާލުކުރާ ކަމަށް ވިވެކް ބައިވެރިވި ޕޮޑްކާސްޓް ޝޯއެއްގައި ވަނީ ބުނެފައެވެ.
ވިވެކްގެ ޒުވާން އުމުރުގައި އެ އުމުރުފުރާގެ ކުދިން އެހެން ކަންކަމުގައި މަޝްއޫލުވެ އުޅުނުއިރު އޭނާ ދިޔައީ އިންޑިއާގެ ސްޓޮކްމާކެޓާ ބެހޭ މައުލޫމާތު އެއްކުރަމުން ކަމަށާއި މިއަދު ވިޔަފާރީގެތެރެއަށް ވަދެވި ކާމިޔާބު ކަމާ އެކު ވިޔަފާރި ހިންގެނީ އޭރު ލިބުނު ތަޖުރިބާގެ ސަބަބުން ކަމަށް އެކްޓަރު ވަނީ ބުނެފައެވެ.
ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެން އިންޑިއާ ދޫކޮށް ދުވަސްކޮޅަކަށް ދުބާއީގައި ދިރިއުޅެން ދިޔަ އެކްޓަރުގެ ހަގީގީ ވިޔަފާރި ފެށުނީ އެ ދުވަސްވަރު ކަމަށާއި އޭރު ދުބާއީގައި ވިޔަފާރިއެއް ފެށުމުގެ ވިސްނުމެއް އެއްވެސް ވަރަކަށް ނުގެންގުޅޭ ކަމަށް އެކްޓަރު ވަނީ ބުނެފައެވެ.
ނަމަވެސް އޭނާގެ އާއިލާއިން ނިންމީ ދުބާއީއަށް ދިރިއުޅުން ބަދަލުކުރުމަށް ކަމަށާއި ދުބާއީގައި ރިއަލް އެސްޓޭޓް ވިޔަފާރި ފެށުނީ އެހިސާބުން ކަމަށް މަދުން ނަމަވެސް ފިލްމުތަކުން މިހާރު ފެންނަ އެކްޓަރު ވަނީ ބުނެފައެވެ.
ރިއަލް އެސްޓޭޓް ވިޔަފާރީގެ އިތުރުން އެކި ކަހަލަ ޖަވާހިރުތައް އަމިއްލައަށް ގަނެ ވިއްކުމުގެ ވިޔަފާރި ހިންގާ އެކްޓަރުގެ މިލްކިއްޔާތުގެ އަގު 1200 ކްރޯޑު ރުޕީސް (144 މިލިއަން އެމެރިކާ ޑޮލަރަ)ށް އަރާ ކަމަށް ފޯބްސް އިންޑިއާގެ ރިޕޯޓެއްގައި ވަނީ ބުނެފައެވެ.