އެމެރިކާއިން އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް ހަމަލާދީފިން: ޓްރަމްޕް

އީރާނުން އިސްރާއީލަށް ދިން ހަމަލާއެއްގައި ހަލާކުވެފައިވާ އިމާރާތެއް. ފޮޓޯ/އޭޕީ

އީރާނުގެ ފޯޑޯ، ނަތަންޒް އަދި އިސްފަހާންގައި ހުންނަ ނިއުކްލިއާ ތިން މަރުކަޒަކަށް އެމެރިކާއިން ވަރަށް ކާމިޔާބު ވައިގެ ހަމަލާތަކެއް ދީފައިވާ ކަމަށް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. އަދި ހަމަލާދިން ހުރިހާ މަތިންދާބޯޓެއް މިހާރު ވަނީ އީރާނުގެ ވައިގެ ސަރަހައްދުން ބޭރުގައި ކަމަށްވެސް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

މި ވައިގެ ހަމަލާތަކަކީ އެމެރިކާއިން އީރާނަށް ސީދާ އަސްކަރީ ހަމަލާއެއް ދިން ފުރަތަމަ ފަހަރު ކަމަށާއި، މި ހަމަލާތަކުގެ ސަބަބުން މި މަހުގެ 13 ވަނަ ދުވަހު ފެށުނު އީރާނާއި އިސްރާއީލާ ދެމެދު ހިނގާ އަސްކަރީ ހަމަލާ އިތުރަށް ގޯސްވެގެން ދާނެ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

"ފޯޑޯ، ނަޓަންޒް، އަދި އެސްފަހާން ހިމެނޭ ގޮތަށް އީރާނުގެ ނިއުކްލިއާ ތިން މަރުކަޒަކަށް ދިން ވަރަށް ކާމިޔާބު ހަމަލާތަކެއް އަޅުގަނޑުމެން މިވަނީ ނިންމާފައި. ނިއުކްލިއާ މައި މަރުކަޒު، ފޯޑޯއަށް ވާނީ ބޮން އަޅާފައި، ހުރިހާ ބޯޓެއް ވެސް މިހާރު ވަނީ ސަލާމަތުން ގައުމަށް އައުމުގެ މަގުމަތީގައި." ޓްރަމްޕް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ލިޔުއްވާފައިވެއެވެ.

"އަޅުގަނޑުމެންގެ އެމެރިކާގެ ހަނގުރާމަވެރިންނަށް ސާބަސް. މިކަން ކުރެވޭނެ އެހެން އަސްކަރިއްޔާއެއް ދުނިޔޭގައި ނެތް. މިހާރު މިއީ ސުލްހަވެރިވާންވީ ވަގުތު."

އިސްރާއީލަށް އީރާނުގެ ބައެއް ނިއުކްލިއާ ފެސިލިޓީތަކަށް އަމިއްލައަށް ހަމަލާ ދެވުނު ނަމަވެސް އީރާނުގެ މައި ނިއުކްލިއާ މަރުކަޒު، ފޯޑޯ އަކަށް ހަމަލާއެއް ނުދެވެއެވެ.

ފޯޑޯ އަކީ ފަރުބަދައެއްގެ ތެރޭގައި ހަދާފައިވާ މަރުކަޒެއް ކަމަށާއި، އެމެރިކާގެ "ބަންކާ ބަސްޓާ" ހަތިޔާރެއް ކަމަށްވާ ޖީބީޔޫ-57 މެސިވް އޯޑްނަންސް ޕެނެޓްރޭޓަރ (އެމްއޯޕީ) ފިޔަވައި އެހެން އެއްވެސް ބޮމަކުން އެތަނަށް ހަމަލާއެއް ނުދެވޭ ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓުކުރެއެވެ.

އީރާނުގެ ތަސްނީމް ނޫސް އެޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި ފޯޑޯގެ ބަޔަކަށް ވަނީ ބައެއް ހަމަލާތައް އަމާޒުވެފައެވެ.

އެ ހަމަލާތަކުގައި ބޭނުންކުރީ ކޮން ބާވަތެއްގެ ބޮންތަކެއް ކަމެއް ޓްރަމްޕް ވިދާޅެއް ނުވެއެވެ.

އީރާނަށް ހަމަލާ ދީފައިވާ ކަމަށް ޓްރަމްޕް ވިދާޅުވެފައިވާއިރު، އެމެރިކާއިން ހަނގުރާމައިގެ ތެރެއަށް ވަނުމާމެދު ގޮތެއް ނިންމާނީ ދެ ހަފްތާ ފަހުން ކަމަށް މިދިޔަ ބުރާސްފަތި ދުވަހު ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

އެމެރިކާއިން އެ ހަމަލާދިނީ ކޮންގްރެސްގެ ހުއްދަ ނުހޯދާ ކަމަށް ޑިމޮކްރެޓިކް ޕާޓީގެ ރޯ ޚާނާ ވަނީ ވިދާޅުވެފައެވެ. އަދި ހަނގުރާމަ އިއުލާން ކުރުމުގެ ހާއްސަ ހައްގު ކޮންގްރެސްއަށް ލިބިފައިވާކަން ކަށަވަރުކޮށްދޭ ބިލަކަށް ވޯޓު ދިނުމަށް އެމެރިކާގެ ކޮންގްރެސް މިހާރުން މިހާރަށް ބައްދަލުވާންޖެހޭ ކަމަށްވެސް ޚާނާ ވިދާޅުވިއެވެ.

އެމެރިކާގެ އެ ހަމަލާއާ ގުޅިގެން އީރާނުގެ އެންމެ އިސް ލީޑަރު އާޔަތުﷲ ޢަލީ ޚާމަނާއީގެ ޓެލެގްރާމް އެކައުންޓުން ވަނީ މިދިޔަ ބުދަ ދުވަހު ޚާމަނާއީ ޓީވީން ދެއްކެވި ވާހަކަތައް އަލުން ހިއްސާކޮށްފައެވެ.

"އެމެރިކާއަށް ލިބޭނެ ގެއްލުމަކީ އީރާނަށް ލިބޭނެ އެއްވެސް ގެއްލުމަކަށް ވުރެ މާ ބޮޑު ގެއްލުމެއް." ޓީވީން ދެއްކި ވީޑިއޯގައި ޚާމަނާއީ ވިދާޅުވެފައިވެއެވެ.

އީރާނުގެ ނިއުކްލިއާ ފެސިލިޓީތަކަށް އެމެރިކާއިން ދިން ހަމަލާތަކަކީ ހަނގުރާމައިގެ "ފެށުން" ކަމަށް ޔަމަނުގެ ހަތިޔާރުއެޅި ޖަމާއަތް، ޙޫޘީންވެސް ވަނީ ބުނެފައެވެ.

އެމެރިކާއިން ހަމަލާތައް ދިންކަން އިއުލާނުކުރުމުގެ ކުޑަ ވަގުތުކޮޅެއް ކުރިން ހޫޘީން ވަނީ އެމެރިކާއިން އިސްރާއީލާ ގުޅިގެން އީރާނަށް ހަމަލާދީފިނަމަ ރަތް ކަނޑުގައި އެމެރިކާގެ ބޯޓުތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ މި ހަމަލާއަށް އީރާނުން ބަދަލު ހިފާނެ ގޮތެއް އަދި ނޭނގޭ ކަމަށް މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

comment ކޮމެންޓް