ޓްރަމްޕްގެ އިތުރު އިންޒާރުތަކެއް އީރާނަށް، ހަމަލާނުދެވޭ ތަންތަން އެބަހުރި

އީރާނަށް ދިން ހަމަލާތަކާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލް ޓްރަމްޕް މިއަދު ބޭއްވި ނޫސްވެރިން ބައްދަލުވުން. ފޮޓޯ/ރޮއިޓާސް

މިއަދު ފަތިހުގެ ވަގުތެއްގައި އެމެރިކާއިން އީރާނަށް ދިން ހަމަލާތަކަކީ އަސްކަރީ ބޮޑު ކާމިޔާބީއެއް ކަމަށާއި އީރާނުން ސުލްހަ ނުވެއްޖެނަމަ އިތުރު ހަމަލާތައް ދޭނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

އެއީ މާ ބޮޑެތި އަދި ފަސޭހަ ހަމަލާތަކެއް ކަމަށް ވެސް ޓްރަމްޕް ވިދާޅުވިއެވެ.

ޓްރަމްޕް އެގޮތަށް ވިދާޅުވީ، އެމެރިކާއިން އީރާނަށް ދިން ހަމަލާތަކާ ގުޅިގެން ބޭއްވި ކުރު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އަދިވެސް އިތުރު ޓާގެޓްތަކެއް އެބަހުރި ކަމަށާއި، އަވަހަށް ސުލްހަ ނުލިބިއްޖެނަމަ އެ ތަންތަނަށް ހަމަލާދޭނީ ހުނަރުވެރިކަމާ އެކު ވަރަށް އަވަހަށް ކަމަށް ވިދާޅުވެ، ޓްރަމްޕް ވަނީ އިންޒާރު ދެއްވާފައެވެ.

"މިކަން ކުރިއަށް ނުގެންދެވޭނެ. މިދިޔަ އަށް ދުވަހު އަޅުގަނޑުމެންނަށް ފެނުނު ވަރަށް ވުރެ މާ ބޮޑު މުސީބާތެއް އީރާނަށް ކުރިމަތިވާނެ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ޓްރަމްޕް ވަނީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ޝުކުރު އަދާކުރައްވައި މަރުހަބާ ވިދާޅުވެފައެވެ. އެމެރިކާއާއި އިސްރާއީލުން ޓީމެއްގެ ގޮތުގައި މަސައްކަތްކުރި ކަމަށާއި އިސްރާއީލަށް އޮތް މި ބިރުވެރި ނުރައްކާ ފޮހެލުމަށް ވަރަށް ދުރަށް ގޮސްފައިވާ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

އެމެރިކާއިން އީރާނަށް ހަމަލާދީފައިވާއިރު، އީރާނާއި އިސްރާއީލުގެ ހަނގުރާމައަށް ވަނުމާމެދު ގޮތެއް ނިންމަވާނީ ދެ ހަފުތާ ފަހުން ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ. އެމެރިކާގެ ހަމަލާއާ ގުޅިގެން އީރާނުން މިހާތަނަށް އެއްވެސް އެއްޗެއް ހާމަކޮށްފައެއްނުވެއެވެ.

އެމެރިކާގެ ހަމަލާތައް އަމާޒުކޮށްފައި ވަނީ ފޯޑޯ، ނަތަންޒް އަދި އިސްފަހާންގައި ހުންނަ ނިއުކްލިއާ ތިން މަރުކަޒަކަށެވެ.
އީރާނުގެ މައި ނިއުކްލިއާ މަރުކަޒު، ފޯޑޯ ގެ ބަޔަކަށް ގެއްލުންވެފައިވާ ކަމަށް އީރާނުގެ ތަސްނީމް ނޫސް އެޖެންސީ މީގެ ކުރިން ރިޕޯޓުކޮށްފައިވާއިރު، އެތަން މާ ކުރިން ވެސް ހުސްކޮށްފައިވާ ކަމަށާއި، އިއާދަ ނުކުރެވޭނެ ބޮޑު ގެއްލުމެއް އެތަނަށް ލިބިފައިނުވާ ކަމަށް އީރާނުގެ އޮފިޝަލަކާ ހަވާލާދީ އަލް ޖަޒީރާއިން ރިޕޯޓުކޮށްފައިވެއެވެ.

އަދި، އެމެރިކާއިން ހަމަލާދޭނެ ކަމަށް އީރާނުން ކުރިން ވެސް ތައްޔާރުވެފައިވާ ކަމަށް އެ ގައުމުގެ ޕާލަމެންޓްގެ ރައީސް މުހައްމަދު ބަޣްރު ޣަލިބާފްގެ މުޝީރު މަހުދީ މުހައްމަދު ވިދާޅުވިއެވެ.

"ދެކަމެއް ޔަގީން. ފުރަތަމަ ކަމަކީ ލިބިފައިހުރި އިލްމަކަށް ބޮމެއް ނޭޅޭނެ. ދެވަނަ އެ މީހުންނަށް މި ފަހަރު ގެއްލުން ވާނެ،" މަހުދީ ވިދާޅުވިއެވެ.

އެމެރިކާއިން އީރާނަށް ހަމަލާދިންއިރު، އެމެރިކާއިން ވަނީ އީރާނާ އެކު ނިއުކްލިއާ އެއްބަސްވުމެއް ހެދުމުގެ މަޝްވަރާތައް ފަށާފައެވެ. ނަމަވެސް، އިސްރާއީލުން އީރާނަށް ހަމަލާ ދިނުމުން އީރާނުން ވަނީ މަޝްވަރާތައް ހުއްޓާލާފައެވެ. އަދި، މަޝްވަރާތައް އަލުން ފަށާނީ އިސްރާއީލުން ދިން ހަމަލާތަކަށް ރައްދި ދިނުމަށް ފަހު ކަމަށް އީރާނުން ވަނީ ބުނެފައެވެ.

comment ކޮމެންޓް