ވެހިކަލްތަކަށް ލިބޭ ގެއްލުމުގެ ބަދަލު ދިނުމަށް އިންޝުއަރެންސް ޕެކޭޖެއް ތައާރަފުކުރަނީ

ސިނަމާލެ ބްރިޖުން މާލެ އަރާ ހިސާބުގައި ހިނގި އެކްސިޑެންޓެއްގައި ސައިކަލަކަށް ގެއްލުންވެފައި: ވެހިކަލްތަކަށް ލިބޭ ގެއްލުމުގެ ބަދަލު ދިނުމަށް އިންޝުއަރެންސް ޕެކޭޖެއް ތައާރަފުކުރަނީ --- ފޮޓޯ/ ސަން

އެއްގަމު އުޅަނދުތަކަށް ލިބޭ ގެއްލުންތަކަށް ބަދަލު ދިނުމަށްޓަކައި އިތުރު އިންޝުއަރެންސް ޕެކޭޖެއް ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި ތައާރަފުކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ޓްރެފިކް ބާރު ބޮޑުވެ، މާލެ ސަރަޙައްދުގައި ކޮންމެ ދުވަހަކު އެކްސިޑެންޓުތައް ހިނގައެވެ. އޭގެތެރޭގައި ނުރައްކާތެރި އެކްސިޑެންޓުތައް ހިމެނެއެވެ. މިފަދަ އެކްސިޑެންޓުތަކުގައި އަގުބޮޑު ވެހިކަލްތަކަށް ގެއްލުންވެ ހަލާކުވުމުގެ އިތުރުން މީހުންގެ ފުރާނަ ވެސް ގެއްލިފައި އެބަހުއްޓެވެ.

ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިނިސްޓަރު އަމީން ވިދާޅުވީ އެންމެ ބޮޑަށް ދިމާވާ އެއް މައްސަލަ ކަމަށްވާ ޓްރެފިކްގެ މައްސަލަ އެއްކޮށް ހައްލުކުރުމަށް ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް މިހާރު ޑްރާފްޓެއް އެކުލަވާލަމުންދާ ކަމަށެވެ. އެ ބަދަލުތައް ގެނެސް، ގާނޫނު ފާސްވުމުން އެ މައްސަލަތަކަށް ހައްލު ލިބޭނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވިއެވެ.

އަމީން ވިދާޅުވީ މިހާރު އޮތް ގާނޫނުގެ ދަށުން ވެސް މިފަދަ މައްސަލަތައް ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރާ ކަމަށެވެ. އެގޮތުން މިހާރު ދޭ 'ތާޑް ޕާޓީ އިންޝުއަރެންސް' ޕެކޭޖްގެ ތެރެއިން އިތުރު އިންޝުއަރެންސް ޕެކޭޖެއް ތައާރަފުކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން --

މިނިސްޓަރު ވިދާޅުވި ގޮތުގައި ތާޑް ޕާޓީ އިންޝުއަރެންސަކީ ސީދާ ވެހިކަލެއް ވަގަށް ނަގައިިގެން ބަދަލު ދިނުމުގެ ބަދަލުގައި އެއް އުޅަނދަކުން އަނެއް އުޅަނދަކަށް ލިބޭ ގެއްލުމަށް ބަދަލު ދޭ އިންޝުއަރެންސް ޕެކޭޖެކެވެ. ލިބޭ ގެއްލުންތަކަށް ބަދަލު ލިބެންޖެހޭކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ އިންޝުއަރެންސް ޕެކޭޖު އިތުރަށް ފުރިހަމަ ކުރުން މުހިންމުކަމަށެވެ.

...އިތުރު އިންޝުއަރެންސް ޕެކޭޖެއް ހުރިހާ އިންޝުއަރެންސް ކުންފުނިތަކާއެކު ތައާރަފުކުރުމުގެ މަސައްކަތް ދަނީ ކުރަމުން. ލަފާކުރާ ގޮތުގައި ކުރިއަށް އޮތް 45 ދުވަސް ނުވަތަ ދެ މަހެއްހާ ދުވަހުގެ ތެރޭގައި އައު ކޮމްޕްރެހެންސިވް އިންޝުއަރެންސް ޕެކޭޖެއް އިންޓްރޮޑިއުސް ކުރެވިގެން ދާނެ، ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން

މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެންމެ ގިނައިން ހުށަހަޅާފައިވަނީ ޓްރެފިކް އެކްސިޑެންޓުގެ މައްސަލަތައް ކަމަށް ފުލުހުންގެ ތަފާސްހިސާބުން ވެސް ވަނީ ދައްކައިފައެވެ. އެ ގޮތުން މިއަހަރުގެ ފުރަތަމަ ތިން މަސް ތެރޭ މާލެ ސަރަހައްދުގައި އެކްސިޑެންޓުގެ 762 މައްސަލައެއް ހުށަހަޅާފައިވެއެވެ.

މިފަދަ އެކްސިޑެންޓުތަކުގައި ގެއްލުން ލިބޭ ވެހިކަލްތަކުގެ ނިސްބަތް ވެސް އިތުރެވެ.

މާލެ ސަރަހައްދުގައި ޓްރެފިކް އެކްސިޑެންޓުތައް އިތުރުވާން މެދުވެރިވާ މައިގަނޑު ސަބަބުތަކަކީ، ސަރަހައްދަށް އެކަށީގެންނުވާ ވަރަށް ވެހިކަލްތަކުގެ އަދަދު ގިނަވުމާއި، އެ ވެހިކަލްތައް ދުއްވާ ފަރާތްތަކުގެ ފަރުވާކުޑަ އަމަލުތަކުގެ ސަބަބުން ކަމަށް ފުލުހުން ވަނީ މީގެ ކުރިން ވެސް ވިދާޅުވެފައެވެ.

https://sun.mv/206391

އެގޮތުން، އެފަދަ އެކްސިޑެންޓުތައް ހިނގުން މަދުކުރުމަށްޓަކައި، ބާރު ސްޕީޑުގައި ދުއްވުން ހުއްޓުވުމަށްޓަކައި އުސޫލުތައް މިހާރަށް ވުރެ ހަރުކަށިކުރުމަށް ގާނޫނާއި ގަވައިދުތައް އިސްލާހު ކުރަން މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް މިދިޔަ ސެޕްޓެމްބަރު ހައެއްގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެފައިވެއެވެ.

comment ކޮމެންޓް