ސަފާތު ކިޔައިދެނީ ސިޔާސީ ވާހަކައެއް ނޫން، މިއީ ހަ މަހުން 20 ކިލޯ ލުއިކޮށްލި ގޮތް

ސަފާތު: އޭނާ ވަނީ ހަ މަސްތެރޭ 20 ކިލޯ ލުއިކޮށްފައި

ގިނަ މީހުންނަށް ސަފާތު އަހުމަދު ޒާހިރު އެނގޭނީ ސިޔާސީ ޝަޚުސިއްޔަތެއްގެ ގޮތުގައެވެ. މިއީ އެމްޑީޕީގައި މިހާރު ވަރުގަދަ ނަމެކެވެ. ނަމަވެސް، މިއީ އެންމެންނަށް މާ ޝައުގުވެރި ދާއިރާއަކަށް ނުވަތަ ވާހަކައަކަށް ނުވެދާނެއެވެ. ދައްކަން މި އުޅެނީ ވެސް ސިޔާސީ ވާހަކައެއް ނޫނެވެ.

ސަފާތު މި ފަހަރު ހިއްސާކުރީ އޭނާ ބަރުދަން ލުއިކުރަން ކުރި މަސައްކަތެވެ. ހަ މަސްދުވަހު ކުރި މަސައްކަތުން އޭނާ މި ވަނީ 20 ކިލޯ ލުއިކޮށްފައެވެ. ބަލާބެލުމަށް ފަސޭހަ ނަމަވެސް، މިއީ އެއްވެސް "މެޖިކް ފޯމިއުލާ"އަކާ ނުލައި އޭނާ ކުރި ބުރަ މަސައްކަތުގެ ނަތީޖާއެވެ.

"އަސްލު ބަރުދަން ލުއިކުރުމަކީ ވަރަށް އުނދަގޫ ކަމެއް އަހަންނަށް އެކަމަކު ފަލަވާން ވަރަށް ފަސޭހަ ވާނެ. ގާތްގަނޑަކަށް ހަތްވަރަކަށް އަހަރު ވެދާނެ މިކަން ނުކުރެވިގެން އުޅޭތާ،" އޭނާގެ "ވެއިޓް ލޮސް ޖާނީ" "ސަން"އާ ހިއްސާކުރަމުން ވާހަކަ ފެށީ މިހެންނެވެ.

ސަފާތު ބަރުދަން ލުއިކުރުމުގެ މަސައްކަތް ފެށުމުގެ ކުރިން: އޭނާ ވަނި ހަ މަސްތެރޭ 20 ކިލޯ ލުއިކޮށްފައި

ނޫކަށިފުރާ ޒުވާން ދުވަސްފަރު އޭނާ ވެސް ހުރީ ލޫޅާފަތިކޮށެވެ. ނަމަވެސް، ކެއުމަށް މާ ބޮޑަށް ނުބެލި، ބަރުދަން އަތުން ދޫވެގެން ދިޔައީ މަސައްކަތުގެ މާހައުލަށް ނުކުމެ އުޅެވުނު ގޮތުން ކަމަށް އޭނާ ބުންޏެވެ.

"އެ ހިސާބުން ދެން ފޮނި އެއްޗެހި ވެސް ކަން، އެއްގޮތަކަށް ވެސް ނުބަލާ އަބަދު ކަނީ،" އޭނާ ކިޔައިދެއްވިއެވެ.

ބަރުދަން އިތުރުވާން ފެށުމުން މީހުންނަށް ވެސް އެކަން ފާހަގަވެ, އެ ވާހަކަ ދައްކަން ފެށިއެވެ. އަބަދު އެ ވާހަކަ ދެއްކުމަކީ ބަރުދަން ލުއިކުރާ ހިތް ވެސް ކަނޑުވާލާ ކަމެއްގެ ގޮތުގައި ސަފާތު ސިފަކުރިއެވެ. މިފަދަ ވާހަކަތައް އަބަދު އަޑުއަހަން ޖެހުމުން ނަފުސާނީ ގޮތުން ވެސް އަސަރު ކުރުވައެވެ.

"ދެން އާދައިގެ ކަންކަން ވެސް ކުރަން އުނދަގޫވޭ އަސްލު. ކުޑަކުޑަކޮށް ދުވެލަން ވިއަސް ސިޑިން އަރަން ވިޔަސް އުނދަގޫވޭ. އެހެންވެ ދެން ނިންމީ ހަމަ މި ފަހަރު ބަރުދަން ލުއިކުރާނަމޭ،"

ސަފާތު ބައުދަން ލުއިކުރުމުގެ މަސައްކަތް ފެށުމުގެ ކުރިން: އޭނާ ވަނީ ހަ މަސްތެރޭ 20 ކިލޯ ލުއިކޮށްފައި

އަބަދު ވެސް ކަސްރަތު ކުރާކަން ފާހަގަކޮށް ސަފާތު ވިދާޅުވީ, އޭނާގެ ކެއުމަށް ހެޔޮ ބަދަލެއް ނުގެނެވޭ ކަމަށެވެ. އެހެންކަމުން މި ފަހަރު މަސައްކަތް ފެށީ ކެއުން ވެސް މުޅިން ބަދަލުކޮށް، މިއީ "ލައިފްސްޓައިލް"އަކަށް ހެދުމުގެ އަޒުމުގައެވެ.

ފުރަތަމަ ތިން މަހު އޭނާ ކުރިއަށް ގެންދިޔައީ ވަރަށް "ހަރުކަށި" ޑައިޓެކެވެ. އެއްވަރަކަށް ވެސް ފޮނި އެއްޗެއްސާއި ފުށް ނުކެއުމުގެ އިތުރުން ހަ މަސްވަންދެން ކޮންމެ ދުވަހަކު 1700 ކެލޮރީ އޭނާ ކެއުމުގައި ހިމަނައެވެ.

ކާއިރު އަބަދު ވެސް ކަނީ ޕޯޝަން ކުޑަކޮންނެވެ. އެންމެ މުހިންމު ކަމަކަށް ކާހިތްވި ނަމަވެސް، ތެލުލި އެއްޗެއްސާ އޭނާ ދުރުވިއެވެ. ޚާއްސަކޮށް ހެދިކާ ކެއުން އެއްކޮށް ހުއްޓާލިއެވެ. ހަފުތާއަކު ފަސް ދުވަހު ގަވާއިދުން ކަސްރަތުކުރިއެވެ. ކާޑިއޯއާއި ވެއިޓް ޓްރެއިނިން ވެސް ގަވާއިދުން ޖެއްސިއެވެ.

ބަރުދަން ލުއިކުރަން ބޭނުންވާ މީހުންނަށް ސަފާތު ދިން ނަސޭހަތަކީ އަމިއްލަ ބާރުގެ ދަށުގައި އޮންނަ ޑައިޓެއް އަބަދު ވެސް ގެންގުޅުމެވެ. އަބަދު މީރު އެއްޗެހި ކާން ލިބުންކަމުގައިވީ ނަމަވެސް، އަމިއްލަ ނަފުސަށް އިތުބާރުކޮށް ކޮންމެކޮންމެ އެއްޗެއް ނުކެއުމެވެ.

ސަފާތު: އޭނާ ވަނީ ހަ މަސްތެރޭ 20 ކިލޯ ލުއިކޮށްފައި

"ވަރަށް ގިނައިން ރައްޓެހިން ވެސް ދައުވަތު ދޭ ކެއުންތަކަށް އެކަމަކު ސަފާތު ހަމަ އެތާ ހުންނަ ކޮންމެ އެއްޗެއް ނުކަން. އަމިއްލަ ނަފުސަށް އެ ބާރު އޮތުމަކީ ވަރަށް މުހިންމު ކަމެއް،" އޭނާ ކިޔައިދެއްވިއެވެ.

މިކަމުގައި އެންމެ ބޮޑު އެއް ގޮންޖެހުމެއްގެ ގޮތުގައި ސަފާތު ފާހަގަކުރީ، ރާއްޖޭގައި އުފައްދާ ބާވަތްތަކުގައި ކެލޮރީގެ އަދަދު އެނގެން ނުހުރުމެވެ. ކޮންމެ ބާވަތެއްގެ ކާއެއްޗެހީގައި ވެސް ހިމެނޭ ބާވަތްތައް ފެންނަން ހުންނަ ނަމަވެސް، ކެލޮރީސްގެ އަދަދު ފެންނަން ނެތުމަކީ ވަރަށް ބޮޑު ގޮންޖެހުމެއްގެ ގޮތުގައި އޭނާ ފާހަގަކުރިއެވެ.

ބަރުދަން ލުއި ކުރުމަކީ މީހާގެ ބައްޓަން ރީތި ކުރުން ނުވަތަ ސިފަ ރީތިކުރުމުގެ މަގުސަދުގައި ކުރާކަމެއް ނޫނެވެ.

"އަސްލު ހެލްތީކޮށް އުޅެން. އަމިއްލަ މީހާއަށްޓަކައި ދަރިންނަށްޓަކައި ބަރުދަން ލުއިކުރަނީ. އެ މައިންޑްސެޓަކީ ވެސް ވަރަށް މުހިންމު އެއްޗެއް،" އޭނާ ހިއްސާކުރެއްވިއެވެ.

ސަފާތު: އޭނާ ވަނީ ހަ މަސް ތެރޭ 20 ކިލޯ ލުއިކޮށްފައި

ހިތްވަރާއި އަޒުމުގައި ފަށައި، މިކަމުގައި ދެމިހުރެއްޖެ ނަމަ ސަފާތު ފަދައިން ބަރުދަން ލުއިކުރެވޭނެއެވެ. މިކަމުގައި އޭނާ ދޭ ނަސޭހަތަކީ ކަސްރަތާ އެއްވަރަށް ކެއުމަށް ވެސް ބެލުމެވެ.

ސަފާތު ވަނީ ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ އެސިސްޓެންޓް ޑިރެކްޓަރުގެ މަގާމު ފުރުއްވުމާއި ފައިނޭންޝިއަލް އެނަލިސްޓެއްގެ ގޮތުގައާއި ބިޒްނަސް އެނަލިސްޓެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވާފައެވެ. އަދި، އަންހެނުންގެ ހައްގުތައް ކުރިއެރުވުމުގެ ދާއިރާއިން ފާހަގަކޮށްލެވޭ ގިނަ މަސައްކަތްތަކެއް ސަފާތު ކުރައްވާފައިވެއެވެ. މިދިޔަ ސަރުކާރުގައި އޭނާ ވަނީ ފޮރިން މިނިސްޓްރީގެ ތަރުޖަމާނުކަން ވެސް ކުރައްވާފައެވެ.

މިއީ އެކަމަކު އެ ވާހަކައެއް ނޫނެވެ. މިއީ، ހަ މަހުން ސަފާތު 20 ކިލޯ ލުއިކޮށްލި ގޮތެވެ.

comment ކޮމެންޓް