އިންޑިއާއިން ރާއްޖެއަށް ގިނަ އަދަދެއްގެ ބޭސް ގެންނަން އުޅުނު ދެ ދިވެހީން އެ ގައުމުގެ ކޮޗިން އިންޓަނޭޝަނަލް އެއާޕޯޓުން އިއްޔެ ހުއްޓުވައިފިއެވެ.
ދި އިންޑިއަން އެކްސްޕްރެސްގައިވާ ގޮތުން އެ ގައުމުގެ ކަސްޓަމްސްގެ އެއާ އިންޓެލިޖެންސް ޔުނިޓުން އެ ދެ ދިވެހީން ހުއްޓުވީ ގިނަ އަދަދަކަށް ބޭސް ގެންދާއިރު ފުރިހަމަކުރަން ޖެހޭ ލިޔެކިޔުންތައް ނެތުމުންނެވެ. އެގޮތުން، އެ މީހުންގެ އަތުގައި ޓެކްނިކަލް އޮފިސާ އޮފް ޑްރަގްސް (ޓީއޯޑީ) ސެޓްފިކެޓާއި ސައްހަ އިމްޕޯޓް، އެކްސްޕޯޓް ލައިސެންސެއް ނެތް ކަމަށް އެ ނޫހުގައިވެއެވެ.
އެ މައްސަލައާ ގުޅޭ ގޮތުން އިންޑިއާގެ ކަސްޓަމްސްއިން ނެރުނު ބަޔާނެއްގައިވަނީ އެ ދެ މީހުން ގެންދަން އުޅުނީ ފަސް ކާޓަންގެ ބޭސް ކަމަށާއި އެ ބޭހުގެ އަގު ތިން ލައްކަ ރުޕީސް (53,265.37 ރުފިޔާ)އާއި ފަސް ލައްކަ ރުޕީސް (88,775.62 ރުފިޔާ)އާ ދެމެދުގެ އަދަދަކަށް އަރާ ކަމަށެވެ.
އެ ބަޔާނުގައިވާ ގޮތުން ބޭސް ހިފެހެއްޓުމަށް ފަހު ދެ ދިވެހީންނަށް ވަނީ ރާއްޖެ އައުމަށް ހުއްދަ ދީފައެވެ.
އެ މީހުން އެ ބޭސް ގެންނަން އުޅުނީ ހޭންޑް ލަގެޖުގެ ގޮތުގައި ކަމަށާއި އެހާ ގިނަ އަދަދެއްގެ ބޭސް އެގޮތަށް ގެންނަން އުޅުނީ ކީއްވެކަން ސާފުނުވާ ކަމަށް ކަސްޓަމްސްއިން ބުނެފައިވެއެވެ. ނަމަވެސް، އެއީ ރާއްޖޭގައި ބޭސް ވަކިވަކިން ވިއްކުމަށް ކަމަށް ބެލެވޭ ކަމަށް ބަޔާނުގައިވެއެވެ.
ކަސްޓަމްސްއިން ވަނީ އެ މައްސަލަ ތަހުގީގުކޮށް، ރާއްޖެ ގެންނަން އުޅުނު ބޭހުގެ ތެރޭގައި މަނާ ނުވަތަ ކޮންޓްރޯލްކޮށްފައިވާ ބޭހެއް ހިމެނޭތޯ ބަލާނެ ކަމަށް ބުނެފައެވެ.
އިންޑިއާއިން އަގުހެޔޮކޮށް ބޭސް ލިބޭތީ، އެ ގައުމުން ގިނަ އަދަދަކަށް ބޭސް ގަނެގެން ރާއްޖެ ގެނެސް ބެނުންކުރުމަކީ ނުވަތަ ވިއްކުމަކީ ވަރަށް ގިނަ ދިވެހީން ކުރާ ކަމެކެވެ. ޚާއްސަކޮށް، އާސަންދަ އިސްލާހުކުރަން މިދިޔަ އަހަރު އެޅި ފިޔަވަޅުތަކުގެ ސަބަބުން ރާއްޖެއިން އަގުހެޔޮކޮށް ބައެއް ބޭސް ލިބެން ނެތުމުން، އަމިއްލަ ފަރުދުން ބޭސް ގެންނަ މިންވަރު ވަނީ އިތުރުވެފައެވެ.